ޓެރަރިސްޓް ތިން ޖަމާއަތަކުން ސައުދީ އަރަބިއާގައި ވަކިވަކިން ދޭން އުޅުނު ހަމަލާތަކުގެ ސަބަބުން ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރުމަށް އިތުރު ހިތްވަރެއް ލިބިގެން ހިނގައްޖެ ކަމަށް އެކުވެރި އަރަބި އިމާރާތުން ބުނެފިއެވެ.
އެކުވެރި އަރަބި އިމާރާތުގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް އެންޑް އިންޓަރނޭޝަނަލް ކޯޕަރޭޝަން، ޝައިޚް ޢަބްދުﷲ ބިން ޒައިދް ބިން ސުލްތާން އަލް ނަޙްޔާން ވިދާޅުވީ، ޓެރަރިޒަމްގެ އަނިޔާވެރިކަމާއި، ޓެރަރިޒަމްގެ ނުރައްކާ ފެތުރިފައިވާ މިންވަރު މި ހަމަލާއިން ވަރަށް ބޮޑަށް ސާފުވެގެން ގޮސްފައިވާ ކަމަށާއި، ހަމައިގައި ހުރެ އެއްވެސް މީހަކަށް މި ހަމަލާއަށް ތާޢީދުކުރުމަށް ދެއްކޭނެ އުޒުރެއް ނޯންނާނެ ކަމަށެވެ.
ހުކުރުދުވަހުގެރޭ ތަރާވީހު ނަމާދާ ދިމާކޮށް، ހަރަމްފުޅަށް ބޮމުގެ ހަމަލާއެއް ދޭން ބަޔަކު ކުރި މަސައްކަތް ނާކާމިޔާބު ކޮށްލާފައިވާއިރު، މި ހަމަލާ ނާކާމިޔާބު ކޮށްލުމުގައި ބައިވެރިވި ސައުދީގެ ސަލާމަތީ ބާރުތަކުގެ ސިފައިންނަށް މިނިސްޓަރ ޢަބްދުﷲ ބިން ޒައިދް ވަނީ މަރުޙަބާ ދަންނަވާފައެވެ.
ސައުދީގައި މިފަދަ ހަމަލާއެއް ދޭން މަސައްކަތް ކޮށްފައިވާއިރު، ޓެރަރިޒަމަށް ފަންޑުކޮށް، ޓެރަރިސްޓުންނަށް ހިމާޔަތްދޭ ކަމަށް ތުޙުމަތުކޮށް، ސައުދީ އަރަބިއާ އާއި ބަޚްރެއިނާއި، މިޞްރާއި އެކުވެރި އަރަބި އިމާރާތުގެ އިތުރުން ބައެއް އެހެން ޤައުމުތަކުން ވެސް ވަނީ ޤަތަރާ އޮތް ސިޔާސީ ގުޅުންތައް ކަނޑާލާފައެވެ.
މައްކާގައި ދޭން އުޅުނު ހަމަލާ ބަޚްރެއިނާއި، ކުވެއިތުގެ އިތުރުން އަލް އަޒްހަރުން ވަނީ ކުށްވެރިކޮށްފައެވެ.