މިއަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް ރާއްޖެއިން ބޭރުން ބޭސްފަރުވާ ކުރުމަށް އާސަންދައިން 262 މިލިއަން ރުފިޔާ ހޭދަކޮށްފައިވާކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.
އާސަންދަ ކުންފުނިން މިކަން ހާމަކޮށްފައިވަނީ 2021 އަދި 2022 ވަނަ އަހަރުގެ މިހާތަނަށް އެކުންފުނިން ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ފޮނުވުމަށް ކޮށްފައިވާ ޚަރަދާއި، ބޭސްފަރުވާއަށް ދިޔަ ޚަރަދުގެ މައުލޫމާތު ރާއްޖެއެމްވީއާ ހިއްސާކުރަމުންނެވެ.
ކުންފުނިން ބުނީ އޮކްޓޯބަރު 31 ގެ ނިޔަލަށް މިއަހަރު ރާއްޖެއިން ބޭރުން ބޭސްފަރުވާ ކުރުމަށް ދުވިސައްތަ ފަސްދޮޅަސް ދެމިލިއަން ދެލައްކަ ތިރީސް ހަތަރުހާސް ސަތޭކަ އަށާވީސް (262،234،128) ރުފިޔާ ޚަރަދުކޮށްފައިވާކަމަށެވެ. އަދި ބޭސްފަރުވާއަށް ފޮނުވުމަށް މިއަހަރު ފަންސާސް އެއްމިލިއަން އެއްލައްކަ ތިރީސްއަށްހާސް ސަތޭކަ އަށާވީސް (51،138،128) ރުފިޔާ ޚަރަދުކޮށްފައިވާކަމަށް އާސަންދަ ކުންފުނިން ބުނެފައިވެއެވެ.
މީގެ އިތުރުން ފާއިތުވި 2021 ވަނަ އަހަރު ރާއްޖެއިން ބޭރުން ބޭސްފަރުވާ ކުރުމަށް ދުވިސައްތަ ހަތްދިހަނުވަމިލިއަން ހަތަރުލައްކަ ހަތްދިހައެއްހާސް ތިންސަތޭކަ ބާރަ (279،471،312) ރުފިޔާ ޚަރަދުކޮށްފައިވާކަން ވަނީ ހާމަކޮށްފައެވެ. އަދި ބޭރަށް ފޮނުވުމަށް ސާޅީސް ހަތްމިލިއަން އަށްލައްކަ އަށްޑިހަނުވަހާސް ހަތަރުސަތޭކަ ފަންސާސް ތިން (47،889،453) ރުފިޔާ ޚަރަދުކޮށްފައިވާކަމަށް އެކުންފުނިން ހާމަކޮށްފައިވެއެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވަނީ އިޖުތިމާއީ ރައްކާތެރިކަމުގެ ދާއިރާއިން ސަރުކާރުން އެއް ކަމަކަށް އެންމެ ބޮޑު ހޭދައެއް ކުރަމުން އަންނަނީ އާސަންދަ ނިޒާމުގެ ތެރެއިން ރައްޔިތުންގެ ސިއްހީ ހިދުމަތް ކަށަވަރުކުރުމަށްކަމަށެވެ. މިގޮތުން އަންނަ އަހަރުގެ ބަޖެޓުގައި މި ސްކީމަށް 1 ބިލިއަން ރުފިޔާ ބަޖެޓު ކޮށްފައިވާކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.
މިއީ މި ނިޒާމުގެ ތެރޭގައި އިސްރާފުވުމަށް ހުރި ދޮރުތައް ބަންދުކޮށް ޚަރަދު ކުޑަކުރުމަށް ފިޔަވަޅުތައް އަޅަން ހިމަނާފައިވާ ބަޖެޓެއް ކަމަށާއި، މި ނިޒާމުގެ ތެރެއިން ބޭސް ކަވަރު ކުރާ އަގު ނުވަތަ އާސަންދައިގެ ބޭސްލައިން އަގުތައް ބާޒާރުގެ އަގުތަކާ ޚިދުމަތް ދިނުމުގައި ހިނގާ ޚަރަދުތަކަށް ރިއާޔަތްކޮށް މުރާޖައާ ކުރެވޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ބޭހާއި މެޑިކަލް ކޮންސިއުމަބަލްގެ އަގުތައް އެކަށީގެންވާ މިންވަރަކަށް ތިރިކުރުމަށް ބަލްކް ޕްރޮކިއުމަންޓް ތަންފީޒުކުރުމުގެ މަސައްކަތްވެސް ކުރިއަށްގެންދެވޭނެކަން މިނިސްޓަރ އަމީރު ފާހަގަކުރެއްވިއެވެ.