ސްޕެނިޝް ލީގުގައި ރަޔޯ ވަޔެކާނޯ އަތުން ބަލިވުމުން ރެއާލް މެޑްރިޑްގެ ކޯޗު ކާލޯ އަންޗެލޮޓީ ހިތްހަމަ ނުޖެހިއްޖެއެވެ.
ވަޔެކާނޯ އަތުން 3-2 އިން ބަލިވެ ރެއާލް ވަނީ ތާވަލްގެ ދެ ވަނަ މަގާމަށް ވެއްޓިފައެވެ. ރެއާލަށް ވުރެ ދެ ޕޮއިންޓު އިތުރަށް ހޯދައިގެން އެއް ވަނައިގައި އޮތީ ބާސެލޯނާއެވެ. މިއީ ލީގުގައި ރެއާލް ބަލިވި ފުރަތަމަ މެޗެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން އަންޗެލޮޓީ ބުނީ މެޗުގައި ވަޔެކާނޯ ފެނުނީ ރެއާލަށް ވުރެ ރަނގަޅަށް ކަމަށެވެ. އަންޗެލޮޓީ ބުނީ އެއީ ރެއާލަށް ބަދު ނަސީބު ރެޔެއް ކަމަށާއި، މެޗުގައި ގޯސްތަކެއް ވެސް ހެދުނު ކަމަށެވެ. އޭނާ ބުނީ ރެއާލްގެ ބްރެޒިލް ތަރި ވިނީޝިއަސް ޖޫނިއާ އަށް ލިބުނު ފުރުސަތުތަކެއް ބޭނުން ނުކުރެވުނު ކަމަށެވެ. މީގެ އިތުރުން މެޗުގައި މާކޯ އަސެންސިއޯ ރަނގަޅު ކުޅުމެއް ދެއްކިކަން ފާހަގަކޮށް އަންޗެލޮޓީ ބުނީ މެޗަކީ ރަނގަޅަށް ދިޔަ މެޗެއް ނޫން ކަމަށެވެ.
ރެއާލް އޮތީ ޗެމްޕިއަންސް ލީގުގެ ގަދަ 16 ވަނަ ބުރާއި، ސްޕެނިޝް ލީގަށް ވާދަކުރާ ހިސާބުގައިކަން ފާހަގަކޮށް އަންޗެލޮޓީ ބުނީ ޕްރެޝަރު ދަނޑިވަޅުގައި އެންމެ ޕޮއިންޓެއް ވެސް ގެއްލުމަކީ ކަންބޮޑުވުމެއް ކަމަށެވެ. ނަމަވެސް ރެއާލުން އަބަދުވެސް މަސައްކަތް ކުރަނީ ފަސް ބެލުމެއް ނެތި ކުރިއަށްދާން ކަމަށް އޭނާ ބުންޏެވެ.
ލީގުގައި ރެއާލަށް ދެން އޮންނާނޯ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ކާޑިޒްއާ ދެކޮޅަށް ކުޅޭ މެޗެވެ.