ކ. މާލެ
|
8 ނޮވެންބަރ 2022 | އަންގާރަ 14:33
މޭރީގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާރާ މާރވިން އެސް.ވައި ވާރގަސްއާއި ޅ.ހިންނަވަރު، މާފިނި، ހަލީމަތު ލަމްޙާ އަބްދުއްރަހްމާން
މޭރީގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާރާ މާރވިން އެސް.ވައި ވާރގަސްއާއި ޅ.ހިންނަވަރު، މާފިނި، ހަލީމަތު ލަމްޙާ އަބްދުއްރަހްމާން
ރާއްޖެއެމްވީ
މޭރީ ގްރޭސްގެ މަރު
މޭރީގެ މެޑިކަލް ލިޔެކިޔުންތައް ނުލިބޭތީ އައިޖީއެމްއެޗުގެ ވެރިން ހާޒިރުކޮށްދޭން ދިފާއުން އެދިއްޖެ
އެ ލިޔުންތައް ނެތްކަމަށް އައިޖީއެމްއެޗުން ބުނާނަމަ، އެއީ ބަލައިގަނެވޭ ވާހަކައެއް ނޫން
އެންމެ ކުޑަމިނުން މޭރީގެ ޕޭޝަންޓް ޗާރޓުވެސް ނެތްކަން ވަކީލުން ފާހަގަ ކުރެއްވި
ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ ހުސައިން ފާއިޒު ރަޝާދު

އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުން ދިޔަ ފިލިޕީންސްގެ އަންހެން ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި، އޭނާގެ ފިރިމީހާ މާވިން އެސްވައި ވާރގަސް އާއި އޭނާގެ ލޯބިވެރިޔާ ހަލީމަތު ލަމްހާގެ މައްޗަށް ހިންގާ ޝަރީއަތުގެ ހެކިބަސް ނެގުމުގެ އަޑުއެހުމެއް އަންގާރަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލައިގައި އާދިއްތަ ދުވަހު ބޭއްވި އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ ވަނީ  މޭރީގެ މެޑިކަލް ލިޔުންތައް އައިޖީއެމްއެޗުން ހޯދުމަށް ދައުލަތަށް މީގެ ކުރިން ވެސް ފުރުސަތު ދެއްވާފައިވާކަން ފާހަގަ ކުރައްވައި، ހޯމަ ދުވަހުގެ ނިޔަލަށް ޝަރީއަތަށް އެ ލިޔުންތައް ހިއްސާ ކުރުމަށް ދަންނަވާފައެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ ހުސައިން ފާއިޒު ރަޝާދެވެ.

އަންގާރަ ދުވަހުގެ އަޑުއެހުމުގައި ދައުލަތުގެ ވަކީލު ވަނީ މި އަޑުއެހުމުގައި ދައުލަތުގެ ހެކިންގެ ހެކިބަސް ނެގުމަށް ތާވަލު ކުރެވިފައި އޮތް ނަމަވެސް، އެކި ސަބަބުތަކާހުރެ މިވަގުތު ހެކިބަސް ނެގުމަށް ދިފާއުން އިއުތިރާޒުކުރާ ހެކިންނަކީ ކޮބައިކަން ދިފާއުން ސާފު ކުރުމަށްފަހު ހެކިބަސް ނެގުން ކުރިއަށް ގެންދެވުމަށް އެދިފައެވެ.

އެކަމާ ގުޅިގެން ދިފާއީ ވަކީލު ވިދާޅުވީ، ދައުލަތުން އެ ސާފުކުރަން ބޭނުންވާ ކަންކަން އިދާރީ ގޮތުން ސާފު ކުރުމަށް އެންމެ ފަހުން ބޭއްވި އަޑުއެހުން ނިންމަވާލައްވަމުން ގާޒީ ދަންނަވާފައިވާ ކަމަށެވެ.

ދިފާއުން އެދެނީ މޭރީގެ މެޑިކަލް ލިޔެކިޔުންތައް ކަމަށާއި، އެ ލިޔުންތައް ހޯދުމަށް ޝަރީއަތުން ވެސް އަންގާފައިވާކަން ދިފާއުން ފާހަގަ ކުރިއެވެ.

މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ، ކްރިމިނަލް ކޯޓު ރިސެސްއަށް ދިއުމުގެ ކުރިން މި މައްސަލައިގެ ހެކިބަސް ނެގުމުގެ އިތުރު އަޑުއެހުންތަކެއް ކުރިއަށް ގެންދަވާނެ ކަމަށެވެ. އެގޮތުން ގާޒީ ވަނީ މައްސަލަ ކުރިއަށް ގެންދަވަން ވިސްނަވާ ގޮތުގެ ތާވަލެއްވެސް ހިއްސާ ކުރައްވާފައެވެ.

ގާޒީ ވަނީ ނޮވެމްބަރު މަހުގެ ތެރޭގައި މި މައްސަލައިގެ އިތުރު އަޑުއެހުންތަކެއް ތާވަލު ކުރައްވާފައެވެ.

ލަމްހާގެ ދިފާއީ ވަކީލު ވަނީ އައިޖީއެމްއެޗްގެ ޑޮކްޓަރުންނާއި ނަރުހުންތަކެއް އަތު ލިޔުމުން ލިޔެފައިވާ ލިޔުންތަކެއް ލިބިފައިވާކަން ފާހަގަ ކުރައްވައި، އައިޖީއެމްއެޗުން ދެވިފައިވާ ފަރުވާއާއި ކޮށްފައިވާ ކަންކަމާއި ގުޅޭ ތަފްސީލުތައް ދިފާއުން އެދުނު ގޮތަށް ލިބިފައިނުވާކަމަށް ވިދާޅުވެފައެވެ.

ދިފާއުން ވަނީ އައިޖީއެމްއެޗުން މޭރީގެ ވައިޓަލްގެ މައުލޫމާތާއި، ޑައިގްނޯސިސް ޕްރޮގްރެސް ރިޕޯޓާއި، ލެބޯޓަރީއަށް ފޮނުވި ސާމްޕަލްތަކާއި އޭގެ ނަތީޖާއާއި ގުޅޭ ލިއުންތައް ފަދަ މޭރީއަށް ދިން ފަރުވާއާ ގުޅޭ ހުރިހާ ލިޔުމެއް ހޯދުމަށް ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކުގެ ގޮތުގައި މީގެ ކުރިން ހުށަހަޅާފައެވެ. އެ ހުށަހެޅުމާ އެއްގޮތަށް ގާޒީ ވަނީ އޭރު އަމުރުވެސް ނެރުއްވާފައެވެ.

އެ ލިޔުންތައް ނެތްކަމަށް އައިޖީއެމްއެޗުން ބުނާނަމަ، އެއީ ބަލައިގަނެވޭ ވާހަކައެއް ނޫންކަމަށް ދިފާއީ ވަކީލު ވިދާޅުވިއެވެ. އެގޮތުން އެ ލިޔުންތައް ނެތް ސަބަބެއް އެނގެން ޖެހޭ ކަމަށާއި، އައިޖީއެމްއެޗުގެ ވެރިން ހާޒިރު ކުރުމަށް ދިފާއުން އެދޭކަމަށް ވަކީލު ވިދާޅުވިއެވެ.

އެންމެ ކުޑަމިނުން މޭރީގެ ޕޭޝަންޓް ޗާރޓުވެސް ނެތްކަން ފާހަގަ ކުރައްވައި ވަކީލުން ވަނީ އެކަމުގެ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.

އެކަމާ ގުޅޭގޮތުން ދައުލަތުގެ ވަކީލު ވިދާޅުވީ، ދައުލަތުން އެއްވެސް ލިޔެކިޔުމެއް ފޮރުވުމުގެ ނިޔަތެއް ނެތް ކަމަށާއި، ދައުލަތުން ހިއްސާ ކޮށްފައިވަނީ އައިޖީއެމްއެޗުން ހިއްސާކުރި ލިޔުންތައް ކަމަށެވެ.

އެހިސާބުން މައްސަލަ ބައްލަވާ ގާޒީ ވަނީ ދިފާއުން އެ އެދޭ ލިޔުކިޔުންތަކަކީ އައިޖީއެމްއެޗުގައި ނެތް ލިޔެކިޔުންތަކެއްކަން އައިޖީއެމްއެޗުން ފޮނުވި ސިޓީއަށް ބިނާކޮށް ދައުލަތަށް ކަށަވަރު ކުރެވޭތޯ ސުވާލު ކުރައްވާފައެވެ. އެކަމާ ގުޅިގެން ދައުލަތުގެ ވަކީލު ވިދާޅުވީ، ދައުލަތަށް ޔަޤީންކަމެއް ނެތް ކަމަށާއި، އެ ސިޓީއަށް ބަލާއިރު ބޮޑަށް ބުރަވެވެނީ އިތުރު ލިޔުމެއް ނެތްކަން ކަމަށެވެ.

މި މައްސަލައިގެ ޕޭޝަންޓް ޗާރޓެއް ނެތްކަމަށް ވެސް އައިޖީއެމްއެޗުގެ ސިޓީއާ ޙަވާލާދީ ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

ވުމާއެކު، ގާޒީ ވަނީ ދައުލަތުން އެކަންކަން ކަށަވަރު ކުރުމަށްފަހު ދެން އޮންނަ އަޑުއެހުމަކަށް އެކަމަށް ޖަވާބުދާރީވުމަށް ވިދާޅުވެފައެވެ. ގާޒީ ވެސް ވިދާޅުވީ، މޭރީއާ ގުޅޭ އިތުރު ލިޔުމެއް ނެތްކަން އައިޖީއެމްއެޗުގެ ސިޓީން އަދި ކަށަވަރު ނުކުރެވޭ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް