ކ. މާލެ
|
8 ނޮވެންބަރ 2022 | އަންގާރަ 13:56
ސީވީއެފް އާއި ދަ ވަލްނަރަބަލް ޓްވެންޓީ (ވީ20) ކްލައިމެޓް ޕްރޮސްޕެރިޓީ ޕްލޭންސް ފްލެގްޝިޕް ޙަރަކާތުގައި ނައިބު ރައީސް ތަޤުރީރުކުރައްވަނީ
ސީވީއެފް އާއި ދަ ވަލްނަރަބަލް ޓްވެންޓީ (ވީ20) ކްލައިމެޓް ޕްރޮސްޕެރިޓީ ޕްލޭންސް ފްލެގްޝިޕް ޙަރަކާތުގައި ނައިބު ރައީސް ތަޤުރީރުކުރައްވަނީ
ރައީސް އޮފީސް
ކޮޕް27 ސަމިޓް
ކްލައިމެޓް ޕްރޮސްޕެރިޓީ ޕްލޭންގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ޙާޞިލުކުރުމަށް ދިވެހިރާއްޖެއާ އެކު މަސައްކަތްކުރުމަށް ނައިބު ރައީސް އެދިވަޑައިގެންފި
އެމަނިކުފާނު ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ އެކި ރަށްތަކަށާއި، އެހެނިހެން ޤައުމުތަކަށް ކުރަމުންދާ ނޭދެވޭ އަސަރުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައި

ކްލައިމެޓް ޕްރޮސްޕެރިޓީ ޕްލޭން (ސީޕީޕީ) ގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ޙާޞިލްކުރުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން ދިވެހިރާއްޖެއާ ގުޅިގެން މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް އެދިވަޑައިގެންފިއެވެ.

އެމަނިކުފާނު މިކަމަށް އެދިވަޑައިގަންނަވާފައިވަނީ ކޮޕް27ގެ ހަވާސާގައި ބޭއްވި ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް) އާއި ދަ ވަލްނަރަބަލް ޓްވެންޓީ (ވީ20) ކްލައިމެޓް ޕްރޮސްޕެރިޓީ ޕްލޭންސް ފްލެގްޝިޕް ޙަރަކާތުގައި ތަޤުރީރު ކުރައްވަމުންނެވެ.

މި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނު ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ އެކި ރަށްތަކަށާއި، އެހެނިހެން ޤައުމުތަކަށް ކުރަމުންދާ ނޭދެވޭ އަސަރުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން އެމަނިކުފާނު ވަނީ ވަރަށް ނާޒުކު ޙާލަތެއްގައި ތިބި ޤައުމުތައް މި ސަމިޓުގައި ބައިވެރިވެފައި ވަނީ ބައިނަލްއަޤްވާމީ މުޖުތަމަޢުން މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމަށް އެކަށީގެންވާ ފިޔަވަޅެއް ނޭޅުމުގެ ނަތީޖާއެއްގެ ގޮތުންކަން ފާހަގަކުރައްވާފައެވެ. އަދި އެފަދަ ޤައުމުތަކުން އެދެނީ ހަމައެކަނި އެޤައުމުތައް ނެތި ދިއުމުން ސަލާމަތްވާނެ ވަރަށްވުރެ އިތުރަށް އެހީތެރިކަން ފޯރުކޮށްދިނުމަށްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މި މޭރުމުން ވާހަކަފުޅު ކުރިއަށްގެންދަވަމުން އެމަނިކުފާނު ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ނާޒުކު ޙާލަތެއްގައި ތިބި ޤައުމުތަކަށް ވެސް ކުރިއެރުމާއި، ތަނަވަސްކަމާއި، އަދި އެ ޤައުމުތަކުގެ ރައްޔިތުންނަށް ބޭނުންވާ ތަނަވަސްކަން ކަށަވަރުކޮށްދިނުން އެއީ އެރައްޔިތުންނަށް ލިބެންވާނެ ޙައްޤެއްކަމުގައި ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން، ސީޕީޕީއަކީ އިންވެސްޓްމަންޓް އިންސްޓްރޫމަންޓެއްގެ ގޮތުގައި އާއި، އަދި މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް ބޭނުންކުރެވޭނެ އެއްޗެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ. އަދި އެމަނިކުފާނު ވިދާޅުވީ ޕްރޮސްޕެރިޓީ ޕްލޭނަކީ މޫސުމީ ބަދަލުތަކުން ކުރިމަތިވާ ގޮންޖެހުންތައް، ޤައުމުގެ ކުރިއެރުމަށާއި ތަރައްޤީއަށް ހުޅުވާލެވޭ ފުރުޞަތަކަށް ހެދުމަށްޓަކައި މަސައްކަތް ކުރެވިދާނެ ކަމެއްކަން ފާހަގަކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ރާއްޖޭގެ ނޭޝަނަލް ކްލައިމެޓް ޕްރޮސްޕެރިޓީ ޕްލޭންގެ މަޢުލޫމާތު ސީވީއެފްގެ މެންބަރުންނާ ޙިއްޞާކުރައްވާފައެވެ. މި ޕްލޭންގައި ކަނޑުގެ ލޮނުގަނޑު އުފުލުން މެނޭޖްކުރުމަށާއި، ރާއްޖޭގެ ފަރުތަކާއި ދިރުންތައް ޙިމާޔަތްކުރުނާގެ ގޮތުގެ ތަފްޞީލު ހިމަނާފައިވެއެވެ.

އަދި ރާއްޖޭގެ ރަށްތަކާއި މާލެއާ ގުޅާލެވިފައިވާ ސިސްޓަމެއްގެ ތެރެއިން އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމުގެ މަސައްކަތް ހަލުވިކަމާ އެކު ކުރިޔަށްގެންދެވޭނެ މަގުވެސް ސީޕީޕީގެ ތެރެއިން ފަހިވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މި ޙަފްލާގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، ކާމިޔާބު ފަހި ގޮތްތަކެއް ހޯދުމުގައި ކަމާގުޅުންހުރި މުހިންމު ހުރިހާ ފަރާތްތަކެއްގެ ޙިއްޞާއާއި އެހީތެރިކަން ބޭނުންވާނެކަމުގައި ވިދާޅުވެފައެވެ. އަދި، ރާއްޖެއިން އުންމީދު ކުރަނީ ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ސީޕީޕީ އެކުލަވާލުމުގެ މަސައްކަތް ނިންމައި، ވީހާވެސް އަވަހަކަށް އެކަން ތަންފީޒު ކުރެވޭނެ މަގެއް ހޯދުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން މިކަން ކުރުމަށްޓަކައި ފުރިހަމަ އެއްބާރުލުމާއި، މާލީ އެހީތެރިކަން ލިބުން މުހިންމުކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް