ހަނގުރާމައިގެ ސަބަބުން ޤައުމު ދޫކޮށް އެހެން ހިސާބުތަކަށް ހިޖުރަކުރި ސޫރިޔާގެ ރެފިއުޖީންނަކީ، ކުރިމަތިލާން ޖެހުނު ކޮންމެ ހާލަކައިގެން އަމިއްލަ ދިރިއުޅުން ކޮޅަށް ޖެހުމަށް، ކުރެވެން އޮތްހާ ކަމެއް ކުރާނެ ބައެއް ކަމަށް ދަންނަވަން ޖެހެނީ ސަބަބެއް ނެތިއެއް ނޫނެވެ. ދިރިއުޅުމަށް ކުރި މަސައްކަތާއި، ޢުމުރު ދުވަހު ދިރިއުޅުނު ވަޒަން ދޫކޮށް، ރެފިއުޖީއެއްގެ ގޮތުގައި އެހެން ބައެއްގެ ފަސްގަނޑުގައި ދިރިއުޅުން އާރާސްތު ކުރުމުގައިގެން ސޫރިޔާގެ ރެފިއުޖީން ކުރިއަށް ދަނީ ވަރުގަދަ ޢަޒުމެއްގައެވެ. ފަހަރެއްގައިވެސް، ނާށިގަނޑު ހިފައިގެން ސަލާންޖެހުމުގެ ފިކުރެއް ނެތެވެ. ވިސްނުމާއި ޖޯޝް ހުރީ އަމިއްލަ މަސައްކަތުން، ދިރިއުޅުން ނެގެހެއްޓުމަށެވެ.
މިފަދަ އެއް މަންޒަރު ފެނިގެން ދަނީ މިޞްރުގެ ގީޒާގެ ޢިމާރަތެއްގެ ޓެރަހުންނެވެ. ޓެރަހުގައި ފެންނަން ހުރި ގަސްތަކަކީ، މިޞްރަށް ހިޖުރަ ކުރި ސޫރިޔާގެ ބައެއް ރައްޔިތުން، އާމްދަނީ ހޯދުމުގެ ގޮތުން ހައްދަމުންދާ ކުޑަވަރެއްގެ، އެހެން ނަމަވެސް ޒަމާނީ ދަނޑެކެވެ. ޓެރަސް ދަނޑުގައި ހައްދާފައިވާ ލެޓިއުސް ގަސްތައް ވިއްކާލަނީ، ސުޕަމާޓުތަކަށެވެ. ޢިމާރަތަށް ލިބޭ ފެހި ކަމާ އެއްވަރަށް، ދިރިއުޅުމުގެ މައިދާނުގައި އަތްމަތިވެސް އިތުރަށް ތަނަވަސްކޮށްދެއެވެ.
އަހަރަމެން މިހާރު މި ހިންގަނީ އައިއޯއެމްގެ މަޝްރޫއެއް. އެމީހުން މަސައްކަތް ކުރަމުން ދަނީ މިޞްރަށް ހިޖުރަ ކުރި މީހުންނާ އެކީ. އެމީހުންގެ ދިރިއުޅުމުގެ ކަންކަން މާ ފަސޭހައެއް ނޫން. ވަކިން ހާއްސަކޮށް، ވަޒީފާ ހޯދުމުގެ ކަންކަމުގަ. އެހެންވެ، ޓެރަސްތަކުގައި ދަނޑު ހައްދައިގެން ވަޒީފާގެ ފުރުޞަތުތައް އެބަ ތަނަވަސްކޮށްދެވޭ. މަޝްރޫއަށް ފަންޑު ކުރަނީ އދއިން. އައިއޯއެމްއިން. 30 އަކަށް ޓެރަހުގައި މިހާރު ހުންނާނެ ދަނޑު ހެއްދެން ނުވަތަ އެ މަސައްކަތް އެ ދަނީ ކުރިއަށް. ހިޖުރަވެރިން އެ ތަންތަނުގަ މަސައްކަތް ކުރަނީ. އެ ދަނޑުތަކުން ލިބޭ އެއްޗެއް ވިއްކަނީ ޤާޚިރާގެ ސުޕަމާޓުތަކުގަ.ޝަރީފް ހުސްނީ؛ ޝަދޫފް ކޮމްޕެނީގެ ސީއީއޯ
ޓެރަސް ދަނޑުވެރިކަމުގެ މި މަޝްރޫއަކީ ހިޖުރަވެރިންނާ ބެހޭ ބައިނަލްއަޤުވާމީ ޖަމިއްޔާ (އައިއޯއެމް)އާއި މިޞްރުގެ ސްމަރޓް ފާމިންގް ކުންފުނި، ޝަދޫފް ގުޅިގެން، ހިޖުރަވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ހިންގާ މަޝްރޫއެކެވެ.
ޝަދޫފްއިން ބުނާ ގޮތުގައި، މިހާތަނަށް 19 ޓެރަހެއްގައި ދަނޑުވެރިކަމުގެ ޔުނިޓްތައް ވަނީ ޤާއިމުކޮށްފައެވެ. އެ ދަނޑުތައް ބަލަހައްޓަމުން ދަނީ ހިޖުރަކޮށްގެން އުޅޭ ޢާއިލާތަކާއި މިޞްރުގެ ޢައިލާތައް ގުޅިގެންނެވެ. ޓެރަސް ދަނޑުތަކުގެ ގޮތުގައި ބޭނުން ކުރަމުން ދަނީ މީގެ ކުރިން، ބަލަހައްޓާނެ ބަޔަކު ނުވެފައި ހުރި ތަންތަނުގައެވެ.
ތިމާވެއްޓާ ރައްޓެހި ދިރިއުޅުމާ މެދު ހޭލުންތެރިކަން އިތުރު ކުރުމަކީވެސް މަޝްރޫއުގެ އެއް މިޞްރާބު. ދެން، ހިޖުރަވެރިންނަށް، ކާބޯތަކެތީގެ ކަށަވަރުކަން ހޯދާ ދިނުމުގެ ބޭނުންވެސް މިހާރު މުހިންމު. އަހަރަމެން މިކަން ފެށީ 2021ގަ. އެކަމަކު، އަދުގެ ދުނިޔޭގަ ކަން ހިނގަމުން ދާ ގޮތަށް ބަލާއިރު، އަމިއްލައަށް ކާބޯތަކެތީގެ ކަށަވަރުކަން ހޯދުމާއި، ސިއްޙަތަށް ފައިދާހުރި ކާބޯތަކެތި ހޯދުމުގައި އަމިއްލަ މީހާއަށް އަދާ ކުރެވިދާނެ ޒިންމާތަކަށް މީހުންގެ ލޯހުޅުވުން މުހިންމުކަން މިހާރު އަހަރަމެންނަށް އެބަ ވަޒަން ކުރެވޭ. ޢާއިލާތަކުގެ ތެރޭގައިވެސް މި ބެހެމުން ދަނީ. މިކަމުގެ ފައިދާ 35 ޢާއިލާތަކަށް ކުރޭ.ލޯޣޯން އެމްޖޭ ޑެ ބޯޗް؛ އައިއޯއެމް މިޞްރު މިޝަންގެ ޗީފް
މި މަޝްރޫއުގެ އެންމެ މުހިންމު އެއް މަޤުޞަދަކީ ވަޒީފާގެ ފުރުޞަތުތައް ހޯދުމުގައި ތަކުލީފު އުފުލަމުންދާ ހިޖުރަވެރިންނަށް ލުޔެއް ހޯދާ ދިނުމުގެ އިތުރުން، މިޞްރުގެ އާބާދީއަށް އެމީހުން އަހުލުވެރި ކުރުވުން ކަމަށް ވާ އިރު، އެކަމުގައި ނަފްސާނީ ފައިދާތަކެއްވެސް އެކުލެވެއެވެ.
އޮށެއް އިންދައިގެން ލެޓިއުސް ގަހެއް ހެދިގެން އަންނައިރު، އެ ކުރެވޭ އިޙްޞާސެއް - ހީވަނީ، އަމިއްލަ ދަރިއަކު ބޮޑުވާހެން. އެހެންނުވާނީ... ކެތްތެރިވާން ދަސްކޮށްދޭވިއްޔާ. ރަނގަޅަށް ހެދި، ފޯދި،. ބާޒާރަށް ވިއްކާލެވޭ ވަރު ވަންދެން، ފުދޭ ވަރަކަށް ދުވަހު، ކެތްތެރިކަމާއެކު އަހަރެން މަޑުކުރަންވިއްޔާ.އަޙުމަދު ޚައްޠާބު ޝިހާތާ؛ ސޫރިޔާއިން ހިޖުރަކުރި މީހެއް
ޓެރަހުގައި ދަނޑުވެރިކަން ކުރާނެ ޔުނިޓްތައް ހަރުކޮށްދީފައި ވާ އިރު، ފެނުގައި ގަސް އިންދާ ނިޒާމް ނުވަތަ ހައިޑްރޯޕޯނިކްސް ސިސްޓަމްތައް ބޭނުން ކުރާނެ ގޮތްތައް ދަސްކޮށްދިނުމަށް 2 ހަފުތާއެއްހާ ދުވަހުގެ ތަމްރީނު ޕްރޮގްރާމްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.
މިޞްރުގެ ޓެރަސްތައް ޢާންމުކޮށް މި ބޭނުން ކުރަނީ، އެކި ކަހަލަ ސަމާނުތައް ފުނިޖަހަން. ނޫނީ އިތުރު އެކިއެކި ސަމާނު ގުދަން ކުރަން. ފެންނަ ފެނުމަށް، ލޮލަށްވެސް މާ ރީއްޗެއް ނުވާނެ. އެހެންވެ، މި ކަހަލަ ބޭނުންތެރި ކަމަކަކަށް ޓެރަސް ބޭނުން ކުރާ އިރު، ފުރަތަމަ ކަމަކަށް، ލޮލަށް ފެންނަ މަންޒަރު ހިތްގައިމު ކޮށްދޭ. ދެވަނަ ކަމަށް، މަށަށް ފައިދާ ވޭ. އެހެންވީމަ ބުނެވޭނީ، މީ ވަރަށް ރަނގަޅު ކަމެކޭ. ކޮންމެ ތަނެއްގަވެސް މި ޘަޤާފަތް އޮންނާނެނަމައޭ ހިތަށް އަރާ.ލުބްނާ ސަޙްރީ އަޙުމަދު މުޙައްމަދު؛ ސޫރިޔާއިން ހިޖުރަކުރި މީހެއް
މި ދުވަސްވަރަކީ މޫސުމީ ނޭދެވޭ ބަދަލުތަކާ ބެހޭ ބައިނަލްއަޤުވާމީ ފެންވަރުގެ އެންމެ ވަރުގަދަ ބައްދަލުވުން ނުވަތަ ކޮޕް-27، މިޞްރުގައި ކުރިއަށްދާ ދުވަސްވަރު ކަމަށް ވާ އިރު، މިފަހަކަށް އައިސް މިޞްރުގައި ހިންގާ ވެއްޓާ ރައްޓެހި މަޝްރޫއުތަކުގެ ޢަދަދުވެސް ދަނީ އިތުރު ވަމުންނެވެ.