ކ. މާލެ
|
8 ނޮވެންބަރ 2022 | އަންގާރަ 10:37
ސަރުކާރުގެ ތަރުޖަމާނަކު ވަނީ ފަރުވާއަށް ފަހު އިމްރާން ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށް ވިދާޅުވެފައި
އިމްރާން ހާން އަށް ދިން ހަމަލާ
ޙަމަލާގެ ތަޙުޤީޤަށް އުފައްދާ ކޮމިޝަނަށް ވިދާޅުވި މަރުޙަބާއާ އެކު އިމްރާންގެ ބޮޑު ސުވާލެއް!
 
އިމްރާންގެ ހަށިކޮޅަށް ހަމަލާ އަމާޒުވިއިރު، އޭނާ ގެންދެވީ އަވަސް އިންތިޚާބަކަށް ގޮވާލާ ވަރުގަދަ ރެލީއެއް ލީޑް ކުރައްވަމުން
 
އޭނާ އަވަހާރަކޮށްލުމަށް ރޭވުންތަކެއް ރޭވިކަމުގެ އިލްޒާމް، 3 މީހަކަށް އަމާޒު ކުރައްވާފައިވޭ
 
އެ 3 މީހުންގެ ދަށުން ހިންގާ ކޮމިޝަނަކުން ހިންގާނީ ކޮން ތަޙުޤީޤެއްތޯ އިމްރާން ވަނީ ސުވާލު އުފައްދާފައި

ސިޔާސީ ހަރަކާތުގައި އުޅުއްވަނިކޮށް އަވަހާރަކޮށްލުމުގެ ނިޔަތުގައި މީހަކު ދިން ހަމަލާގެ ތަޙުޤީޤު ހިންގުމަށްޓަކާ ޖުޑީޝަލް ކޮމިޝަނެއް އެކުލަވާލުމަށް ޕާކިސްތާނުގެ އަދުގެ ސަރުކާރުން ހުށަހެޅި ހުށަހެޅުމަށް، ބޮޑުވަޒީރު ކަމުން ދުރުކޮށްފައިވާ ޕާކިސްތާނުގެ ސިޔާސީ ޝަޚްސު، އިމްރާން ހާން މަރްޙަބާ ވިދާޅުވެއްޖެއެވެ.

އިމްރާން މި ފަދައިން ވިދާޅުވީ، ޕާކިސްތާނުގެ އިރުމަތީ ސިޓީއެއް ކަމަށް ވާ ލާހޯރްގައި، ފައިގެ ޒަޚަމްތަކަށް އޭނާ ފަރުވާ ހޯއްދަވަމުން ގެންދަވާ ހޮސްޕިޓަލުގައި ހުންނަވާ ސޯޝަލް މީޑިއާގައި ލައިވް ބްރޯޑްކާސްޓް ކުރެއްވި ބަޔާނުގައެވެ. ހުކުރު ދުވަހުގެ ހަމަލާގައި އިމްރާންގެ ފަޔަށް ޒަޚަމްތަކެއް ލިބިފައި ވާ ކަމަށް މައުލޫމާތު ލިބިފައި ވާ އިރު، އިމްރާން އަވަހާރަކޮށްލަން މީހަކު ދިން އެ ހަމަލާ ތަޙުޤީޤު ކުރާނެ ކަމަށް ޕާކިސްތާނުގެ އަދުގެ ސަރުކާރުން ވަނީ ބުނެފައެވެ.

ޕާކިސްތާނުގެ އުއްތަމަ ފަނޑިޔާރަށް ގޮވާލަން، ކޯޓް ކޮމިޝަނެއް އެކުލަވާލަން. މިކަމަށް ވަރަށް އަވަހަށް ސިޓީއެއްވެސް ފޮނުވާނަން. ޕާކިސްތާނުގެ 220 މިލިއަން މީހުންގެ ޙައްޤުގައި، މިކަން ޤަބޫލު ކުރައްވާނެ ކަމަށް ޢުއްމީދު ކުރަން.
ޝަހްބާޒް ޝަރީފު؛ ޕާކިސްތާނުގެ ބޮޑުވަޒީރު

އިމްރާންގެ ބަޔާނަށް ފަހު، ސަރަހައްދީ ސަރަކާރުގެ ތަރުޖަމާނަކު ވަނީ، ފަރުވާއަށް ފަހު އިމްރާން ހޮސްޕިޓަލުން ދޫކޮށްލާފައި ވާ ކަމަށް ވިދާޅުވެފައެވެ.

އުފައްދަވާނެ ކަމަށް ޝަހްބާޒް ޝަރީފު ވިދާޅުވި ޖުޑީޝަލް ކޮމިޝަނަށް މަރުޙަބާ ކިއަން. އެކަމަކު ފާހަގަ ކުރަން ބޭނުންވާ ފުރަތަމަ ނުކުތާއަކީ، އެ ބައެއްގެ ނަން، އަހަރެން ފާހަގަ ކޮށްފައި ވާ 3 މީހުންގެ ދަށުން ހިންގާ ކޮމިޝަނަކުން ހިންގާނީ ކޮން ތަޙުޤީޤެއްތޯއޭ؟ މިނިވަން، އަދި ދެފުށް ފެންނަ ތަޙުޤީޤެއް ހިންގާނީ ކިހިނެއް؟
އިމްރާން ހާން؛ ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު

އިމްރާންގެ ހަށިކޮޅަށް ހަމަލާ އަމާޒުވިއިރު، އޭނާ ގެންދެވީ އަވަސް އިންތިޚާބަކަށް ގޮވާލާ ވަރުގަދަ ރެލީއެއް ލީޑް ކުރައްވަމުންނެވެ. ހަމަލާގެ ސަބަބުން އެ ހަރަކާތް މެދުކެނޑިފައި އޮތް ނަމަވެސް، އަންގާރަ ދުވަހު، އެ ހަރަކާތްތައް އަލުން ފެށޭނެ ކަމަށް އިމްރާން ވަނީ ވިދާޅުވެފައެވެ. ނަމަވެސް ޒަޚަމްތަކަށް ފަރުވާ ކުރައްވަމުން ގެންދަވާތީ، އެ ހަރަކާތްތަކުގައި ސީދާ ގޮތުން ބައިވެރިވެވަޑައި ނުގަންނަވާނެ ކަމަށްވެސް އިމްރާން ވަނީ ވިދާޅުވެފައެވެ.

އިމްރާންގެ ބަދަލުގައި ރެލީ ލީޑް ކުރައްވާނީ، ކުރީގެ ފޮރިން މިނިސްޓަރު، ޝާހް މަޙްމޫދު ޤުރައިޝީކަމަށް އިމްރާން ވަނީ ވިދާޅުވެފައެވެ. މިވަގުތު، ރެލީއަށް އިމްރާން މެސެޖުތައް ދެއްވާނީ ވީޑިއޯ ލިންކު މެދުވެރި ކުރައްވައެވެ.

އިމްރާން ހާން ވަނީ، އޭނާ އަވަހާރަކޮށްލުމަށް ރޭވުންތަކެއް ރޭވިކަމުގެ އިލްޒާމް، 3 މީހަކަށް އަމާޒު ކުރައްވާފައެވެ. އެއީ އަދުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް، ދާޚިލީ ވަޒީރު ރަނާ ސަނާއުއްލާ އަދި ޖާސޫސީ އޮފިޝަލު، މޭޖަރ ޖެނެރަލް ފައިސަލް ނަސީރުއެވެ. ނަމަވެސް އެ ދަޢުވާތަކަށް، އެއްވެސް ވަރެއްގެ ހުއްޖަތެއް ދައްކަވާފައެއް ނުވެއެވެ. އިމްރާންގެ ދަޢުވާއަށް ސަރުކާރާއި އަސްކަރިއްޔާއިންވެސް އިންކާރު ކުރެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް