ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ވަނަ ބުރުގައި އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑާ ވާދަކުރަން ޖެހުމުން، އިތުބާރާ އެކު އުންމީދު ކުރާ ކަމަށް ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ބުނެފިއެވެ.
މި ދެ ޓީމު ދާދި ފަހުން ދެ ފަހަރެއްގެ މަތިން ޗެމްޕިއަންސް ލީގު ފައިނަލްގައި ވާދަކޮށްފައެވެ. އެ ދެ މެޗު ވެސް ކާމިޔާބުކުރީ ރެއާލުންނެވެ. އެއީ 2018 ވަނަ އަހަރު 3-1 އިން ބަލިކުރުމާއި، ނިމުނު ސީޒަންގައި 1-0 އިން ބަލިކުރުމެވެ.
އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ކްލޮޕް ބުނީ، އެންމެ ފުރަތަމަ ކަމަކަށް ޗެމްޕިއަންސް ލީގުގެ ގުރަކީ ވަރަށް ފުރިހަމަ އަށް ދިޔަ ކަމެއް ކަމަށެވެ. އޭނާ ބުނީ ގުރާ މެދު ހުރިހާ އެންމެ ވެސް އުފާވާން ޖެހޭނެ ކަމަށެވެ. ކްލޮޕް ބުނީ މި ފަހަކަށް އައިސް ރެއާލާ ދެކޮޅަށް ފައިނަލްގައި ކުޅެފައިވާކަމަށާއި، ނަމަވެސް ދެ ލެގު ކުޅެން ޖެހޭ ގޮތަށް ދެ ޓީމު ބައްދަލުކުރަން ޖެހުނީ މަދުން ކަމަށެވެ. ނަމަވެސް މިފަހަރު ދެ ލެގު ކުޅެން ޖެހޭނެ ކަމަށް އޭނާ ބުންޏެވެ.
އޭނާ އިތުރަށް ބުނީ ޔޫރަޕުގައި ރެއާލްގެ ރެކޯޑަކީ މޮޅު ރެކޯޑެއް ކަމަށެވެ. ނަމަވެސް ލިވަޕޫލް ވެސް ދަށް ނުވާނެ ކަމަށް ކްލޮޕް ވަނީ ފާހަގަކޮށްފައެވެ. އޭނާ ވަނީ ލިވަޕޫލްގެ އަމިއްލަ ދަނޑު އެންފީލްޑްގެ ނަން ފާހަގަކޮށްފައެވެ. އެންފީލްޑޭ ބުނުމުން އޭގެ މާނަ އެންމެނަށް ވެސް އެނގޭނެ ކަމަށް ކްލޮޕް ބުންޏެވެ. ކްލޮޕް ބުނީ ކުޅުންތެރިންނަށް އޭނާގެ އިތުބާރު އަބަދު އޮންނަ ކަމަށާއި، މެޗުތަކަށް ލިވަޕޫލުން ތައްޔާރުވަމުން އަންނާނީ އެންމެ ފުރިހަމަ އަށް ކަމަށެވެ.
ރެއާލާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ބައިވަރު އެހެން މެޗުތަކެއް ހުރި ކަމަށާއި އެހެންކަމުން އެ ހުރިހާ މެޗަކަށް ފޯކަސް ކުރާނެ ކަން ފާހަގަކޮށް އޭނާ ބުނީ، ރެއާލާ ދެކޮޅަށް ކުޅެން ޖެހުމުގެ ސަބަބުން ކުރިއަށް ދިޔުމަށް ޚާއްސަ ކަމެއް ލިބިއްޖެކަމަށެވެ.
ލިވަޕޫލާއި ރެއާލް ވާދަ ކުރާ ފުރަތަމަ ލެގު އޮންނާނީ ލިވަޕޫލްގެ ދަނޑުގައެވެ. ދެ ވަނަ ލެގު އޮންނާނީ ރެއާލްގެ ދަނޑުގައެވެ.