ކ. މާލެ
|
7 ނޮވެންބަރ 2022 | ހޯމަ 21:53
ކޮޕް 27 ބާއްވަމުންދާ ރިސޯޓަށް ދާ މަގު
ކޮޕް 27 ބާއްވަމުންދާ ރިސޯޓަށް ދާ މަގު
ރޮއިޓާރސް
ކޮޕް 27 ސަމިޓް
ކޮޕް 27އަކީ ކޮބާ؟ އަދި މިއީ މުހިންމު ބައްދަލުވުމަކަށް ވަނީ ކީއްވެ؟
 
ކޮޕް 27 ކޮންފަރެންސަށް 200ށްވުރެ ގިނަ ވެރިންނަށް ދައުވަތު އެރުވުނު

ދުނިޔޭގެ މޫސުމާބެހޭ، މީގެ ކުރިން ފެނިފައިވާ ނުވާފަދަ ރިކޯޑްތަކަކާއި، އަދި ބޮޑެތި މޫސުމީ ކާރިސާތަކެއް ހިނގައިދިޔަ އަހަރަކަށްފަހު ދުނިޔޭގެ ލީޑަރުން މިވަނީ މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކާބެހޭ ގޮތުން މަޝްވަރާކުރައްވަން ފައްޓަވާފައެވެ.

ކޮންފަރެންސް ކުރިއަށްދަނީ މިސްރުގެ ޝަރްމުއްޝައިޚް ރިސޯޓުގައެވެ.

އދ.ގެ ކްލައިމެޓް ސަމިޓަކީ ކޮބާ؟

އދ.ގެ ކްލައިމެޓް ސަމިޓަކީ ދުނިޔޭގެ މޫސުމަށް އަންނަ ނޭދެވޭ ބަދަލު ތަކުގެސަބަބުން ލިބޭގެއްލުން ކުޑަކުރުމަށް އަޅާނެ ފިޔަވަޅުތައް ކަނޑައެޅުމަށް އދ.ން އިންތިޒާމުކޮށްގެން އަހަރަކު އެއްފަހަރު ބާއްވާ ވެރިންގެ ސަމިޓް ބައްދަލުވުމެކެވެ. "ކޮޕް"އަކީ ޕާޓީސް އޮފްދަ ކޮންފަރެންސްގެ ކުރު ގޮތެވެ. ޕާޓީސްގެ ގޮތުގައި ގުނެނީ 1992 ވަނަ އަހަރު ސޮއި ކުރެވުނު އދ.ގެ ކްލައިމެޓް އެގްރީމަންޓްގައި ސޮއި ކޮށްފައިވާ ގައުމުތަކެވެ.

މިސްރުގެ ރެޑްސީ ރިސޯޓެއް ކަމަށްވާ ޝަރްމުއްޝައިޚްގައި ނޮވެމްބަރު 6ން 18ށް ކުރިޔަށް މިދަނީ  "ކޮޕް"ގެ 27 ވަނަ ސަމިޓް ބައްދަލުވުމެވެ.  

ކޮޕް ބައްދަލުވުންތައް ބާއްވަންޖެހެނީ ކީއްވެ؟

ދުނިޔޭގެ ހޫމުމިން މައްޗަށް ދަނީ އިންސާނުންގެ އަތުން ކުރާ ކަންތައް ތަކުންނެވެ. އެއީ ފޮސިލް ފިއުލް، ގޭސް، އަދި ބޯޓު ދެލި އެންދުމުންނެވެ. ދުނިޔޭގެ ހޫނުމިން މިހާރު މައްޗަށް ދާ މިންވަރަށް މައްޗަށް ދާނަމަ ދުނިޔޭގެ އާބާދީގެ ދެބައިކުޅައެއްބައި މީހުންގެ ފުރާނައަށް ގެއްލުން ވާފަދަ ހަނަފަސްކަމާ ކުރިމަތިލާން ޖެހޭނެކަމަށް ރިޕޯޓްތައް ބުނެއެވެ.

194 ގައުމަކުން 2015 ވަނަ އަހަރު ޕެރިސް އެގްރީމަންޓްގައި ސޮއިކުރީ ދުނިޔެ ހޫނުވުން 1.5 ޑިގްރީއަށްވުރެ މައްޗަށް ދިޔަ ނުދިނުމަށް އެއްބަސްވެފައެވެ.

ކޮޕް 27ގައި ބައިވެރިވަނީ ކޮންބައެއް؟

މި ކޮންފަރެންސަށް ދުނިޔޭގެ 200ށްވުރެ ގިނަ ލީޑަރުންނަށް ދައުވަތު އެރުވުނެވެ. ކުރިން ވަޑައިނުގަންނަވާނެކަމަށް ވިދާޅުވިނަމަވެސް އިނގިރޭސި ބޮޑުވަޒީރު ރިޝީ ސުނަކްވެސް ވަނީ ވަޑައިގެންފައެވެ.

ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ހޯމަ ދުވަހު ރިޝީ ސުނަކް ވަނީ، އިއާދަ ކުރަނިވި ހަކަތައަށް ގައުމުތަކުން ބަދަލުވުމުގެ ކަންތައް އަވަސްކޮށް، ފުޅާ ކުރުމަށް ލީޑަރުންނަށް ގޮވާލައްވާފައެވެ.

އިނގިރޭސި ކުރީގެ ބޮޑުވަޒީރު ބޮޑުވަޒީރު ބޮރިސް ޖޯންސަންވެސް ވަނީ ކޮޕް 27 ކޮންފަރެންސްގައި ބައިވެރިވެ ވަޑައިގަންނަވާނެކަން ހާމަކުރައްވާފައެވެ.

ކޮންފަރެންސްގައި ބައިވެރިވެވަޑައިނުގަންނަވާ ވެރިންގެ ތެރޭގައި ޗާލްސް ރަސްގެފާނު، ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިން އަދި ޗައިނާގެ ރައީސް ޝީ ޖިން ޕިންގ ހިމެނި ވަޑައިގަންނަވައެވެ.

ބައްދަލުވުން އިންތިޒާމްކުރަމުންދާ މިސްރުން ވަނީ، ތަފާތުތައް އެއްކިބާކޮށް ތިމާވެށީގެ މައްސަލާގައި ލީޑަރޝިޕް ދެއްކެވުމަށް ވެރިންނަށް ގޮވާލައްވާފައެވެ.

ކޮޕް 27 މިސްރުގައި ބާއްވަނީ ކީއްވެ؟

މިއީ ކޮޕްގެ ބައްދަލުވުމެއް އެފްރިކާގެ ގައުމެއްގައި ބާއްވާ ފަސްވަނަ ފަހަރެވެ.

މިސަރަހައްދުގެ ވެރިން ގަބޫލުފުޅުކުރައްވާ ގޮތުގައި އެފްރިކާގެ ގައުމެއްގައި ކޮންފަރެންސް ބޭއްވުމުން އެފްރިކާގެ ހާލަތު ދުނިޔެއަށް ހާމަވާލެއް ބޮޑުވާނެއެވެ.

މިވަގުތުވެސް ހަނަފަސް ކަމުގެ ސަބަބުން އިރުމަތީ އެފްރިކާގައި 20 މިލިއަން މީހުންނަށް ކާބޯތަކެތީގެ ދަތިކަން ވަނީ ކުރިމަތިވެފައެވެ.

ކޮޕް 27ގައި މަޝްވަރާ ކުރެވޭނީ ކޮން ކަންތައްތަކެއް؟

ކޮންފަރެންސް ފެށުމުގެ ކުރިންވެސް ގައުމު ތަކުން ނެޝަނަލް ކްލައިމެޓް ޕްލޭން ހުށައެޅުމަށް އެންގުނެވެ. ނަމަވެސް އެފަދަ ޕްލޭން ހުށަހެޅީ އެންމެ 25 ގައުމުން ކަމަށްވެއެވެ.

ކޮޕް 27 ކޮންފަރެންސް ފޯކަސް ކުރެވޭނީ މައިގަޑު ތިން ކަމެއްގެ މައްޗަށެވެ. އެއީ، ޖައްވައް ވިހަ ގޭސް ދޫކުރުން މަދުކުރުން، މޫސުމަށް އަންނަ ބަދަލު ތަކުގެ ސަބަބުން ގައުމުތަކަށް ލިބެމުންދާ ގެއްލުން ތަކުން އަރައިގަތުމަށް ތަރައްގީ ވަމުން އަންނަ ގައުމުތަކަށް އެހީތެރިވުން، މި ރޮގުން ތަރައްގީ ވަމުން އަންނަ ގައުމުތަކަށް ޓެކްނިކަލް އަދި ފައިސާގެ އެހީ ފޯރުކޮށް ދިނުން ހިމެނެއެވެ.

ގައުމުތަކުގެ ވެރިންގެ އިތުރުން މޫސުމާބެހޭ ކަންކަމުގައި ހަރަކާތްތެރިވާ އެކްޓިވިސްޓުންނާއި، ޔޫތު ގްރޫޕްތަކާއި އެންވަޔަންމެންޓަލް ޗެރިޓީގްރޫޕްތަކާއި، ކޮމިޔުނިޓީ ގްރޫޕްތަކާއި، ތިންކްޓޭންކްތައް، އަދި މޫސުމާގުޅޭ ވިޔަފާރިތަކުންވެސް ދަނީ މި ކޮންފަރެންސްގައި ބައިވެރި ވަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް