މިސްރުގެ ރައީސް، ޢަބްދުލް ފައްތާޙް އަލް ސީސީ އިންތިޒާމުކުރައްވައި ބާއްވަވާ ކްލައިމެޓް އިމްޕްލިމެންޓޭޝަން ސަމިޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ބައިވެރިވެވަޑައިގެންފިއެވެ.
އ.ދ.ގެ 2022 ވަނަ އަހަރުގެ ކުލައިމެޓް ޗޭންޖް ކޮންފަރެންސް (ކޮޕް27) ބާއްވަނީ މިޞްރުގެ ޝަރްމުއްޝެއިޚްގެ އިންޓަނޭޝަނަލް ކޮންވެންޝަން ސެންޓަރުގައެވެ.
މި ސަމިޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ، އާމިނަތު ޝައުނާ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މި ސަމިޓްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ބަޔާން ވެސް އިއްވަވާނެއެވެ.
ކޮޕް27 އަކީ ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީގެ ޕްލޭންތައް ބައިނަލްއަޤްވާމީ މުޖްތަމައާ ހިއްސާކުރުމަށާއި ދުނިޔޭގެ މޫސުމާގުޅޭ ކަންކަމުގައި ރާއްޖެއިން ވަކާލާތުކުރަމުން އަންނަކަންކަން ހިއްސާކުރުމަށް ރާއްޖެއަށް ފަހިވެގެންދާ މުހިންމު ފުރުސަތެއް ކަމަށް ސަރުކާރުން ބުނެއެވެ.
ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތައް(ސިޑްސް)ގެ ހައްގުތަކާއި މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަކާލާތުކުރައްވަމުން އަންނަ ކަންކަމާއި އެއްގޮތްވާގޮތުގެ މަތިން އެމަނިކުފާނު 2019 ވަނަ އަހަރު ވަނީ ދިވެހިރާއްޖެއިން 2030 އާ ހަމައަށް އަންނަ އިރު ނެޓް ޒީރޯގެ ލަނޑުދަނޑި ހާސިލު ކުރުމަށް އަމާޒުހިފާފައިވާކަން އިޢުލާނުކުރައްވާފައެވެ. މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމާއި، ވިލުންތެރިކަން އިތުރުކުރުމުގައި ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކަށް ކުރިމަތިވާ މާލީ ދަތިތަކަށް ހާއްސަ ސަމާލުކަމެއްދީގެން، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކަށް ދުނިޔޭގެ ސަމާލުކަން ހޯދުމަށް ރާއްޖެއިން ވަނީ ގިނަ ޤައުމުތައް އެކުވެގެން އުފައްދާފައިވާ މުއައްސަސާތަކުގައި ބައިވެރިވުމުން ފެށިގެން ޤައުމީ ފެންވަރުގެ ޙަރަކާތްތައް ހިންގައި އެ ރޮނގުން ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.