ކ. މާލެ
|
7 ނޮވެންބަރ 2022 | ހޯމަ 14:23
ލެބްގައި އުފައްދާފައިވާ ލޭ
ލެބްގައި އުފައްދާފައިވާ ލޭ
ބީބީސީ
ލެބްގައި އުފެއްދި ލޭ އިންސާނުންނަށް އެޅުން
ލެބްގައި އުފައްދާފައިވާ ލޭ ފުރަތަމަ ފަހަރަށް އިންސާނުންނަށް އަޅައިފި
މި ޓްރަޔަލްގެ ތެރެއިން ސިއްހަތު ރަނގަޅު ދިހަ މީހަކަށް މިކަހަލަ ލޭ އަޅާނެ

ލެބޯޓަރީގައި އުފައްދާފައިވާ ލޭ ކްލިނިކަލް ޓްރަޔަލެއްގައި ފުރަތަމަ ފަހަރަށް އިންސާނުންނަށް އަޅައިފި ކަމަށް އިނގިރޭސި ރިސަރޗަރުން ހާމަކޮށްފިއެވެ. މިގޮތުން ފުރަތަމަ އަޅާފައިވަނީ ދެތިން ސަމުސަލެއްހާ މަދު އަދަދެއްގެ ލޭ  ކަމަށް ވެއެވެ.

މިފަދަ ޓްރަޔަލްތައް ކުރިޔަށް ދިޔަނަމަވެސް ލޭ އަޅަންޖެހޭ ހާލަތްތަކުގައި އަދިވެސް ބަރޯސާވާން ޖެހޭނީ ޑޯނަރުންނަށް ކަމަށް އެ ފަރާތްތަކުން ބުނެއެވެ. އަދި މިވަގުތު މިފަދަ ޓެސްޓުތަކުގެ މައިގަނޑު ބޭނުމަކީ ހޯދަން ދަތި ގްރޫޕުތަކުގެ ލޭ ބޭނުންވާ ވަރަށް އުފެއްދޭތޯ ބެލުން ކަމަށް ވެސް އެ ފަރާތްތަކުން ބުނެފައިވެއެވެ.

ޔުނިވަރސިޓީ އޮފް ބްރިސްޓޯލްގެ ޕްރޮފެސަރު އެޝްލީ ޓޯއީ ވިދާޅުވި ގޮތުގައި މުޅި އިނގިރޭސި ވިލާތުގައި ވެސް ބައެއް ގްރޫޕްތަކުގެ ލޭ ޑޮނޭޓުކުރެވޭ ދިހަވަރަކަށް މީހުން ތިބޭތަން އެބަ އަންނަ ކަމަށާއި އެހެން ކަމުން އެފަދަ ގްރޫޕުތަކުގެ ލޭ ލިބުން ވަރަށް ވެސް ދަތިވާކަމަށެވެ.

ލެބޯޓަރީގައި ލޭ އުފައްދަނީ ކިހިނެއް؟

ލޭ އުފެއްދުމާބެހޭ ރިސަރޗް ޕްރޮޖެކްޓު ކުރިޔަށް ގެންދަނީ ބްރިސްޓޯލް، ކެމްބްރިޖް، ލަންޑަން، އަދި އެން.އެޗް.އެސްގެ ބްލަޑް އެންޑް ޓްރާންސްޕްލާންޓް ޔުނިޓުގެ ޓީމުތައް ގުޅިގެންނެވެ. ރިސަރޗްގައި ފޯކަސް ކުރަނީ ލޭގަ ހިމެނޭ ރެޑް ބްލަޑް ސެލް އުފެއްދުމަށެވެ.

ފުރަތަމަ އާދައިގެ ޑޮނޭޝަނަކުން ޕައިންޓެއްގެ ލޭ ހޯދައެވެ.

އެއަށް ފަހު މެގްނެޓިކް މިނާ ފުށްތަކެއް ބޭނުންކޮށްގެން ލޭގައި އެކުލެވޭ ސްޓެމް ސެލްގެ ވަކި ބާވަތެއް ވަކިކޮށްލައެވެ. މިއީ ރެޑް ބްލަޑް ސެލްއަކަށް ބަދަލުވުމުގެ ގާބިލުކަން ހުންނަ ސްޓެމް ސެލްތަކެވެ.

މި ސްޓެމް ސެލްތައް ދެން ލެބޯޓަރީގައި އިތުރު ކުރެއެވެ.

އެއަށް ފަހު ރެޑްބްލަޑް ސެލްއަށް ބަދަލު ކުރެއެވެ.

މި ޕްރޯސެސްއަށް ނަގަނީ ގާތްގަޑަކަށް ތިން ހަފްތާ ކަމަށާއި، ބައި މިލިއަން ސްޓެމް ސެލް ބޭނުންކޮށްގެން 50 ބިލިއަން ރެޑް ބްލަޑް ސެލް އުފެއްދޭ ކަމަށް އިނގިރޭސި މާހިރުން ހާމަކޮށްފައިވެއެވެ. މިގޮތުން އުފެއްދުނު 50 ބިލިއަން ރެޑް ބްލަޑް ސެލް އެތައް ފަހަރަކު ފިލްޓަރު ކުރެވި ހަށިގަނޑަށް އެޅުމަށް ބޭނުން ކުރެވޭ ހާލަކަށް ބަދަލު ކުރެވޭ ކަމަށް ބުނެފައިވެއެވެ.

ޕްރޮފެސަރ ޓޯއީ ވިދާޅުވި ގޮތުގައި އެ ބޭފުޅުންގެ އަމާޒަކީ މުސްތަގްބަލުގައި އުފެއްދޭ އެންމެ ގިނައިން ލޭ އުފައްދަމުން ގެންދިއުމެވެ. މިގޮތުން ތަނެއް ފުރާލާ ހުރި މެޝިންތަކަކުން މެދުކެނޑުމެއް ނެތި މިކަން ކުރަމުންދާ މަންޒަރު އޭނާއަށް ސިފަވާ ކަމަށް ވިދާޅުވެފައިވެއެވެ.

ޓްރަޔަލްގައި ސިއްހަތު ރަނގަޅު ދިހަ މީހަކަށް މިފަދަ ލޭ އަޅަން ރާވާފައިވާއިރު ފުރަތަމަ ލޭ އަޅާފައި ވަނީ ދެ މީހުންނަށެވެ. އެ މީހުންނަށް ފުރަތަމަ އެޅުނު ދިހަވަރަކަށް އެމް.އެލްގެ ލޭ އެޅި ތާރީޚުން ފެށިގެން ހަތަރު މަސް ފަހުން އާދައިގެ ލޭ އެޅޭނެއެވެ. އަދި ހަތަރު މަސް ފަހުން އަނެއްކާ ވެސް ލެބޯޓަރީގައި އުފެއްދި ލޭ އެޅޭނެއެވެ. އަލަށް އުފެއްދި ލޭގައި ރޭޑިއޯ އެކްޓިވް މާއްދާއެއް އެކުލެވޭ ކަމަށް ވެއެވެ. މިގޮތުން ހަށިގަނޑުގައި އެގޭ ލޭ ހުރި މިންވަރު އެނގޭނެ ކަމަށް ވެއެވެ.

އިންސާނުންގެ ލޭގަ ހުންނަ ރެޑް ބްލަޑް ސެލް އާންމު ގޮތެއްގައި ކޮންމެ 120 ވިހި ދުވަހަކުން އާވެއެވެ. އާދައިގެ ލޭގެ ޑޮނޭޝަނެއްގައި ހިމެނޭނީ އައު އަދި ބައު ރެޑް ސެލްގެ "މިކްސް" އެކެވެ. ނަމަވެސް ލެބްގަ އުފައްދާ ލޭގަ ހުންނާނީ މުޅިން ވެސް އައު ރެޑް ބްލަޑް ސެލްއެވެ. އެހެން ކަމުން އާދައިގެ ލެޔަށް ވުރެ ލެބްގައި އުފައްދާ ލޭގެ ބާރު ގަދަވާނެ ކަމަށް ރިސަރޗް ޓީމުން އުންމީދު ކުރެއެވެ. އަދި ގަވާއިދުން ލޭ އަޅަން ޖެހޭ މީހުންނަށް ވެސް މުސްތަގްބަލުގައި ކުޑަ ލޭ ފޮދަކުން ފުދި، އަދި ޑޮނޭޓް ކުރާ މީހުން ވެސް ލޭ ދޭންޖެހޭ މިންވަރު މަދުވުން މިއީ ކުރެވޭ އުންމީދެކެވެ.

މިކަމުގައި ފޮނި އުންމީދުތަކެއް ކުރެވުނު ނަމަވެސް އަދި މިކަން އޮތީ ވަރަށް ވެސް ޚަރަދު ބޮޑު އަދި ޓެކްނޮލޮޖީގެ ގޮތުން ގޮންޖެހުންތައް ބޮޑު މަސައްކަތެއްގެ ގޮތުގައި ކަމަށް ރިސަރޗަރުން ވިދާޅުވެއެވެ.

މައުލޫމާތު: ބީބީސީ ރިޕޯޓު         

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
ކޮމެންޓް