ކ. މާލެ
|
7 ނޮވެންބަރ 2022 | ހޯމަ 10:42
ޖިންސީ ކުށުގެ މައްސަލަތަކުގައި ނަގައިދެވޭ ބަދަލުގެ ބާވަތްތަކާއި، ބަދަލު ނަގައިދިނުމާ ގުޅޭ ނުކުތާތައްވެސް ބަޔާންކޮށްފައިވޭ
ޖިންސީ ކުށުގެ މައްސަލަތަކުގައި ނަގައިދެވޭ ބަދަލުގެ ބާވަތްތަކާއި، ބަދަލު ނަގައިދިނުމާ ގުޅޭ ނުކުތާތައްވެސް ބަޔާންކޮށްފައިވޭ
ގެޓީ އިމޭޖަސް
ޖިންސީ ކުށުގެ މައްސަލަތައް
ޖިންސީ ކުށުގެ މައްސަލަތަކާގުޅޭ ޝަރީޢަތްކުރުމާބެހޭ ގަވާއިދުގެ ދަށުން ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާކުރަން ވަކި މުއްދަތެއް ނެތް
 
އިސްތިއުނާފުކުރުމަށް އެދި މައްސަލަ ހުށަހަޅައި، ރަޖިސްޓަރީވާ ތާރީޚުން ފެށިގެން 90 ދުވަހުގެ ތެރޭގައި ގޮތް ނިންމަންޖެހޭ
 
ކޯޓަށް މައްސަލަ ހުށަހަޅައި، ރަޖިސްޓަރީވާ ތާރީޚުން ފެށިގެން ގިނަވެގެން 6 މަސްދުވަހުގެ ތެރޭގައި ޙުކުމް ކުރަންޖެހޭ

ޖިންސީ ކުށުގެ މައްސަލަތަކާގުޅޭ ޝަރީޢަތްކުރުމާބެހޭ ގަވާއިދުގެ ދަށުން ގެއްލުމުގެ ބަދަލު ހޯދުމަށް ދަޢުވާކުރުމަކީ ވަކި މުއްދަތެއް ކަނޑައެޅިފައިވާ ކަމެއް ނޫންކަމަށް ބަޔާންކޮށް، އެކަމާ ގުޅޭ ޤަވާއިދު އާންމުކޮށްފިއެވެ.

ޖިންސީ ކުށުގެ މައްސަލަތަކާގުޅޭ ޝަރީޢަތްކުރުމާބެހޭ ގަވާއިދު އާދިއްތަ ދުވަހު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވާއިރު، މިއީ ޖިންސީ ކުށުގެ ޤާނޫނުން ޖިންސީ ކުށްތަކާގުޅިގެން ޢަމަލުކުރުމަށް އެކަށައެޅިފައިވާ ޚާއްޞަ ނިޒާމުގެ ދަށުން ކޯޓުތަކުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކާ ގުޅޭ އުސޫލުތައް ބަޔާންކުރާ ޤަވާއިދެކެވެ.

މި ޤަވާއިދުގައި ޝަރީއަތް ހިންގުމާއި ގުޅޭ އުސޫލުތައް ބަޔާންކޮށްފައިވާއިރު، ޖިންސީ ކުށުގެ ޤާނޫނުގެ ދަށުން ކޯޓަށް މައްސަލަ ހުށަހަޅައި، ރަޖިސްޓަރީވާ ތާރީޚުން ފެށިގެން ގިނަވެގެން 6 މަސްދުވަހުގެ ތެރޭގައި އެ މައްސަލައިގައި ކޯޓުން ޙުކުމެއް ކުރަންވާނެކަން ވަނީ ބަޔާންކޮށްފައެވެ.

ހަމައެއާއެކު، ޖިންސީ ކުށުގެ ޤާނޫނުގެ ދަށުން ކުރާ ޙުކުމެއް އިސްތިއުނާފުކުރުމަށް އެދި މައްސަލަ ހުށަހަޅައި، ރަޖިސްޓަރީވާ ތާރީޚުން ފެށިގެން 90 ދުވަހުގެ ތެރޭގައި މައްސަލައާމެދު ކޯޓުން ގޮތެއް ކަނޑައަޅަންވާނެކަންވެސް ވަނީ ބަޔާންކޮށްފައެވެ.

އޭގެ އިތުރުން، ކުށުގެ ޝިކާރައަށްވީ މީހާ ކޯޓަށް ހާޒިރުކުރުމުގައި ނަފްސާނީގޮތުން އޭނާ އިތުރަށް ބަލިކަށިވިޔަ ނުދިނުމަށްޓަކައި، ކުށުގެ ތުހުމަތުކުރެވޭ ފަރާތާއި ކުށުގެ ޝިކާރައަށްވީ މީހާ، އެއް ހާޒިރެއްގައި ތިބުމުގެ ބަދަލުގައި ، ކޯޓުގެ ދެ ތަނެއްގައި ތިބުމުގެ އިންތިޒާމު ކޯޓުން ހަމަޖައްސަންވާނެކަމަށްވެސް މި ޤަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.

މި ޤަވާއިދުގައި ޖިންސީ ކުށުގެ ޤާނޫނުގެ ދަށުން ކުޑަކުދިންގެ ހެކިބަސް ނެގުމުގައި އެ ކުދިންނަށް ރައްކައުތެރިކަމާއި ޙިމާޔަތް ލިބިދިނުމަށް ކޯޓުން ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭނެކަންވެސް ފާހަގަކޮށްފައިވެއެވެ. އެގޮތުން ކުޑަކުއްޖެއްގެ ހެކިބަސް ކޯޓުން ހޯދަންވާނީ ޝަރީޢަތުގެ މަޖިލީހުން ބޭރުގައި، އެ ކުއްޖާއަށް ފަރިތަ މާޙައުލެއްގައިކަމަށް ވަނީ ބަޔާންކޮށްފައެވެ.

އަދި ހެކިބަސް ނަގާއިރު، އެ ކުއްޖާ ދެކެފަރިތަ، އެ ކުއްޖާއަށް އިތުބާރުކުރެވޭ ފަރާތެއްގެ ހާޒިރުގައި، އިންޓަރވިއުކޮށްގެން، އެ އިންޓަރވިއުގެ އޯޑިއޯ ވީޑިއޯ ރެކޯޑުކޮށްގެން ހެކިބަސް ނެގުމުގެ ކަންކަން ގެންދަން ޖެހޭނެކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.

ކުއްޖާދޭ ހެކިބަހާ ގުޅިގެން މައްސަލައިގެ ޚަޞްމުން ކުއްޖާއާ ސުވާލުކުރަން އެދޭނަމަ، އެ ސުވާލުތައް ކުރަންވާނީ މައްސަލަ ބަލާ ފަނޑިޔާރު ނުވަތަ ކޯޓުން ކަނޑައަޅާ ފަރާތެއް މެދުވެރިކޮށްކަމަށް މި ޤަވާއިދުގައި ބުނެއެވެ.

އޭގެ އިތުރުން، އެފަދަ މައްސަލަތަކުގައި ނަގައިދެވޭ ބަދަލުގެ ބާވަތްތަކާއި، ބަދަލު ނަގައިދިނުމާ ގުޅޭ ނުކުތާތައްވެސް މި ޤަވާއިދުގައި ހިމަނާފައިވެއެވެ.

މި ގަވާއިދުގެ ދަށުން ގެއްލުމުގެ ބަދަލު ހޯދުމަށް ދަޢުވާކުރުމަކީ ވަކި މުއްދަތެއް ކަނޑައެޅިފައިވާ ކަމެއް ނޫންކަމަށާއި، އަދި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތުގެ މައްޗަށް ތުހުމަތުކުރެވޭ ކުށަކީ ޖިނާއީ ދަޢުވާކުރުމުގެ ލިމިޓޭޝަން ހަމަވެފައިވާ ކުށެއްކަމުގައިވާ ހާލަތެއްގައިވެސް، ގެއްލުމުގެ ބަދަލު ހޯދުމަށް ދަޢުވާކުރުމުގެ ޙައްޤަށް އެއްވެސް އުނިކަމެއް ނާންނާނެކަމަށް ޤަވާއިދުގައި ބުނެއެވެ.

އޭގެ އިތުރުން، ޖިންސީ ކުށުގެ ޤާނޫނުގެ 47 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ "ޖިންސީ ކުށް ކުރާ މީހުންގެ ދަފްތަރު" ވަޒީރުގެ އިރުޝާދުގެ ދަށުން ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގައި ލިޔެ ބެލެހެއްޓުމަށްޓަކައި ކޯޓުން ކުރަންޖެހޭ ކަންކަން ކުރިއަށް ގެންދަންޖެހޭނެކަމަށްވެސް ޤަވާއިދު ބުނެއެވެ.

ހަމައެއާއެކު، ޖިންސީ ކުށުގެ ޤާނޫނުގެ 59 ވަނަ މާއްދާގައިވާ ފަދައިން، ރޭޕްކުރުމުގެ ކުށުގެ ނުވަތަ ޖިންސީ އަނިޔާގެ ކުށުގެ ނުވަތަ ޖިންސީ ގޯނާގެ ކުށުގެ ތަޙުޤީޤެއް ނުވަތަ ޝަރީޢަތެއްގެ ވާހަކަ މީޑިއާގެ އެއްވެސް ވަސީލަތެއްގައި ބަޔާންކުރުމުގައި ނުވަތަ ޝާއިޢުކުރުމުގައި، އެ ކުށުގެ ޝިކާރައަކަށްވީ މީހަކީ ކާކުކަން ދެނެގަނެވިދާނެ އެއްވެސް މަޢުލޫމާތެއް މީޑިއާގެ އެއްވެސް ވަސީލަތެއްގައި ހާމަކުރުމަކީ ހުއްދަ ކަމެއް ނޫންކަމަށް ޤަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
100%
0%
0%
ކޮމެންޓް