ކ. މާލެ
|
24 ޖޫން 2017 | ހޮނިހިރު 01:41
މައްކާގެ ހަރަމްފުޅު ސަރަހައްދުގެ މަންޒަރެއް
މައްކާގެ ހަރަމްފުޅު ސަރަހައްދުގެ މަންޒަރެއް
ރޮއިޓަރސް
މައްކާގައި ޓެރަރިސްޓުން
މައްކާގެ ހަރަމްފުޅު ސަރަހައްދަށް ދޭން އުޅުނު ޓެރަރިސްޓް ހަމަލާއެއް ސައުދީ ސިފައިން ނާކާމިޔާބު ކޮށްލައިފި
ފަސް މީހަކު ވަނީ ހައްޔަރު ކޮށްފައި، އަންހެނަކުވެސް ހިމެނޭ

ހަރަމްފުޅު ސަރަހައްދަށް ދޭން އުޅުނު ޓެރަރިސްޓް ހަމަލާއެއް ސައުދީ ސިފައިން ނާކާމިޔާބު ކޮށްލައިފި ކަމަށް ސައުދީ އަރަބިއްޔާގެ ދާޚިލީ ވުޒާރާ އާ ހަވާލާދީ ސައުދީ އަރަބިއްޔާގެ ދައުލަތުގެ ޓީވީ އަލް އަޚްބަރިއްޔާ އިން ރިޕޯޓު ކޮށްފިއެވެ.

ޚަބަރު ބުނާ ގޮތުގައި ހަމަލާ ރާވާފައިވަނީ ތިން ގުރޫޕަކުންނެވެ. އޭގެ ތެރެއިން ދެ ގުރޫޕަކީ މައްކާގައި ގާއިމްވެފައިވާ ބައެއް ކަމަށާއި، އަދި އަނެއް ގުރޫޕް ހަރަކާތްތެރިވެފައިވަނީ ޖިއްދާގައިކަމަށް ސައުދީގެ އޮފިޝަލުން ވަނީ ހާމަކޮށްފައެވެ.

 ސައުދީގެ ސަލާމަތީ ބާރުތަކުން ޓެރަރިސްޓުން އަތުލައިގަތީ މައްކާގެ އަސީލާ ޑިސްޓްރިކްޓުންނާއި އަޖްޔާދު އަލް މަސަފީ ސަރަހައްދުން ކަމަށް ޚަބަރުތައް ބުނެއެވެ. އަޖްޔާދު އަލް މަސަފީއަކީ ހަރަމްފުޅާއި ވަރަށް ގާތުގައި އޮންނަ ސަރަޙައްދެކެވެ. 

ސައުދީގެ ސަލާމަތީ ބާރުތަކުގެ ތަރުޖަމާނު ވިދާޅުވީ، ހަމަލާގައި ބައިވެރިވާން އުޅުނު މީހުންގެ ތެރެއިން އެކަކު ހަށިގޮއްވާލާފައިވާ ކަމަށާ، އޭގެ ސަބަބުން އާއްމުންގެ ހަ މީހަކު ޒަޚަމްވި ކަމަށެވެ. އަދި ސަލާމަތީ ފަސް އޮފިޝަލަކަށް ކުދި އަނިޔާތައް ލިބުނު ކަމަށްވެސް ތަރުޖަމާނު ވިދާޅުވިއެވެ.

އަޖްޔާދު ސަރަހައްދުގައި ހަށި ގޮއްވައިގެން ހަމަލާ ދޭން އުޅުނު މީހާ އޮތީ ގެއެއްގެ ތެރޭގައި ފިލާ ކަމަށާއި އަދި އަމާން ދިނުމަށް ދެކޮޅު ހަދާ ސަލާމަތީ ބާރުތަކަށް ބަޑިން އޭނާ ހަމަލާ ދިން ކަމަށްވެސް ތަރުޖަމާނު ވިދާޅުވިއެވެ.

މި ހަމަލާ ރޭވުމުގެ ތުހުމަތުގައި ސައުދީ ސިފައިން ވަނީ ފަސް މީހަކު ހައްޔަރު ކޮށްފައެވެ. އޭގެ ތެރޭގައި އަންހެނަކުވެސް ހިމެނެއެވެ.

ހުކުރު ދުވަހު ސައުދީ އަރަބިއްޔާގައި ހިނގި އެހެން ހާދިސާއެއްގައި މައްކާގެ އަސީލާ ސަރަހައްދުގައި ހަނގުރާމަވެރިއެއްކަމަށް ބެލޭ މީހެއްގެ ގަޔަށް ސައުދީ ސިފައިން ވަނީ ބަޑިޖަހާ މަރާލާފައެވެ. މި ހާދިސާއާ ގުޅިގެން އޭނާއާ ގުޅުން ހުރި ކަމަށް ބެލޭ ބަޔަކު ވަނީ ހައްޔަރު ކޮށްފައެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ދެލިކޮޕީ
- ކޮމެންޓް