ކ. މާލެ
|
6 ނޮވެންބަރ 2022 | އާދީއްތަ 09:23
ބާސެލޯނާގެ ކުޅުންތެރިން ޕީކޭ އާ އެކު
ބާސެލޯނާގެ ކުޅުންތެރިން ޕީކޭ އާ އެކު
ރޮއިޓާސް
ޕީކޭ ފުޓުބޯޅަ ކުޅުން ހުއްޓާލުން
ވަދާއީ މެޗުގައި ޕީކޭގެ މެސެޖު: އަދި އެނބުރި އަންނާނަން
އުމުރުން މިހާރު 35 އަހަރުވެފައިވާ ޕީކޭ ކުޅުން ހުއްޓާލަން ނިންމީ 14 އަހަރު ބާސެލޯނާގައި ހޭދަކުރުމަށްފަހު

ފުޓުބޯޅަ ކުޅުން ހުއްޓާލަން ނިންމާފައިވާކަން އިއުލާންކުރުމަށްފަހު ބާސެލޯނާ އަށް ކުޅެދިން ފަހު މެޗުގައި ޖެރާޑް ޕީކޭގެ މެސެޖެއް ސަޕޯޓަރުންނަށް ދީފިއެވެ.

ވަދާއި މެޗުގައި ވާހަކަ ދައްކަމުން ޕީކޭ ބުނީ ބާސެލޯނާ އާއި އޭނާ އާ ދެމެދު ވަރަށް ބޮޑު ގުޅުމަކާއި ލޯތްބެއް އޮންނަ ކަމަށެވެ. ނަމަވެސް މިއީ ކުޅުން ހުއްޓާލައި، ޓީމު ދޫކޮށްލަން އެންމެ ރަނގަޅު ވަގުތުކަމަށެވެ. ޕީކޭ ބުނީ މުސްތަޤުބަލާމެދު ހިތްހަމަ ޖެހޭ ކަމަށާއި، ކޮންމެވެސް ދުވަހަކުން ބާސެލޯނާ އަށް އެނބުރި އަންނާނެ ކަމަށެވެ. ކުޅުން ހުއްޓާލި ނަމަވެސް، އެހެން ގޮތަކުން ވިޔަސް ބާސެލޯނާ އަށް ޚިދުމަތް ކުރަން އޭނާ ބޭނުންވާ ކަމަށް މީގެ ކުރިން ވެސް ޕީކޭ ބުނެފައިވެއެވެ. ޕީކޭ ބުނީ މިއީ އޭނާގެ ވަކިވުން ނޫން ކަމަށާއި، އޭނާ އަކީ އުފަންވީސުރެ ބާސެލޯނާ ދެކެ ލޯބިވާ، އެ ކުލަބުގެ މެންބަރެއް ކަމަށެވެ.

އުމުރުން މިހާރު 35 އަހަރުވެފައިވާ ޕީކޭ ކުޅުން ހުއްޓާލަން ނިންމީ 14 އަހަރު ބާސެލޯނާގައި ހޭދަކުރުމަށްފަހުއެވެ. ބާސެލޯނާގައި ހޭދަކުރި މުއްދަތުގައި އޭނާ ވަނީ އެ ކުލަބާ އެކު ޔޫރަޕުގެ ހުރިހާ މުބާރާތެއް ކާމިޔާބުކޮށްފައެވެ. އޭގެ ތެރޭގައި ސްޕެނިޝް ލީގު އަށް ފަހަރު ކާމިޔާބު ކުރުމާއި، ކޮޕަ ޑެލްރޭ ހަތް ފަހަރު ކާމިޔާބުކުރުމާއި، ސްޕެނިޝް ސުޕަ ކަޕް ހަ ފަހަރު ކާމިޔާބުކުރުމާއި، ޔުއެފާ ޗެމްޕިއަންސް ލީގު، ޔުއެފާ ސުޕަ ކަޕް އަދި ފީފާ ކުލަބް ވޯލްޑް ކަޕް ތިން ފަހަރު ކާމިޔާބުކުރުން ހިމެނެއެވެ. ބާސެލޯނާގެ ޖާޒީގައި ޕީކޭ ވަނީ 616 މެޗު ކުޅެ، 52 ލަނޑު ޖަހާފައެވެ.

ސްޕެއިންގެ ޤައުމީ ޓީމަށް ވެސް ޕީކޭ ވަނީ ގިނަ މެޗުތަކެއް ކުޅެދީފައެވެ. ޤަައުމީ ޓީމަށް 102 މެޗު ކުޅެދީ އޭނާ ވަނީ ފަސް ލަނޑު ޖަހާފައެވެ. ޕީކޭ ވަނީ ސްޕެއިން އާ އެކު 2006 ވަނަ އަހަރު 19 އަހަރުން ދަށުގެ ޔޫރޯ މުބާރާތާއި، 2012 ވަނަ އަހަރުގެ ޔޫރޯ މުބާރާތް އަދި 2010 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބުކޮށްފައެވެ.

ޕީކޭ އަކީ ދުނިޔޭގައި އުފެދުނު މޮޅު ޑިފެންޑަރުންގެ ލިސްޓުގައި ހިމެނޭ ކުޅުންތެރިޔެކެވެ.

- ކޮމެންޓް