ކ. މާލެ
|
6 ނޮވެންބަރ 2022 | އާދީއްތަ 07:48
އޭސީ މިލާނުން ކުޅުނު މެޗުގެ ތެރެއިން
އޭސީ މިލާނުން ކުޅުނު މެޗުގެ ތެރެއިން
ރޮއިޓާސް
އިޓާލިއަން ލީގު
ޖިރޫޑްގެ ލަނޑުން ސްޕެޒިއާ ބަލިކޮށް އޭސީ މިލާން ދެ ވަނަ އަށް ޖެހިލައިފި
މިލާންގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބުކުރީ 1-2 އިން

އިޓާލިއަން ލީގުގައި ސްޕެޒިއާ ބަލިކޮށް ޗެމްޕިއަން އޭސީ މިލާނުން ދެ ވަނަ މަގާމަށް ޖެހިލައިފިއެވެ.

މިލާންގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބުކުރީ 1-2 އިންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ވެސް މިލާނުންނެވެ. މެޗުގެ 21 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ ތިއޯ ހެނާންޑޭޒްއެވެ. ދެ ވަނަ ހާފަށް ނިކުމެ ސްޕެޒިއާ އިން ވަނީ ލަނޑެއް ޖަހާ ނަތީޖާ ހަމަހަމަކޮށްފައެވެ. 59 ވަނަ މިނެޓުގައި އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދިނީ ޑެނިއެލް މަލްޑިނީއެވެ.

މެޗުގައި ދެ ވަނަ ފަހަރަށް މިލާނަށް ލީޑު ނަގައިދޭން ސަންޑްރޯ ޓޮނާލީ ލަނޑެއް ޖެހިއެވެ. މެޗުގެ 65 ވަނަ މިނެޓުގައި ޓޮނާލީ ލަނޑެއް ޖެހި ނަމަވެސް، ވީއޭއާރުން ވަނީ އެ ލަނޑު ބަލައިނުގަތުމަށް ނިންމާފައެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވާން މިނެޓަކަށް ވެފައި ވަނިކޮށް މިލާން މޮޅުކޮށްދިން ލަނޑު ޖެހީ ފްރާންސްގެ އޮލީވިއޭ ޖިރޫޑްއެވެ. އޭނާ އެ ލަނޑު ޖެހީ ޓޮނާލީގެ އެހީތެރިކަމާ އެކުއެވެ. ލަނޑު ޖެހުމަށް ފަހު އުފާ ފާޅުކުރުމަށް ޖިރޫޑް ޖާޒީ ބޭލުމުން އޭނާ އަށް ވަނީ ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑެއް ދައްކައިފައެވެ. ޖިރޫޑަށް ވަނީ މެޗުގެ 83 ވަނަ މިނެޓުގައި ފުރަތަމަ ރީނދޫ ކާާޑު ދައްކާފައެވެ.

މެޗުން މޮޅުވެ މިލާން ދެ ވަނައިގައި އޮތީ ކުޅުނު 13 މެޗުން 29 ޕޮއިންޓާ އެކުއެވެ. އެއް ވަނައިގައި ނަޕޯލީ އޮތީ 13 މެޗުން 35 ޕޮއިންޓާ އެކުއެވެ. މިލާންގެ ފަހަތުން ތިން ވަނައިގައި އޮތް އެޓަލަންޓާ އަށް ލިބެނީ 27 ޕޮއިންޓެވެ.

- ކޮމެންޓް