ޗައިނާ އާއި ސައުދީ އަރަބިއްޔާ އިން ޕާކިސްތާނަށް އިތުރު 13 ބިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދޭން ނިންމާފައިވާ ކަމަށް ޕާކިސްތާނުގެ ފިނޭންސް މިނިސްޓަރު އިސްހާގު ދާރ ވިދާޅުވެއްޖެއެވެ.
ޗައިނާ އާއި ސައުދީން ޕާކިސްތާނަށް އެހީ ފޯރުކޮށްދޭން ނިންމާފައިވަނީ އެ ޤައުމުގެ އިގްތިސާދަށް އައި ހީނަރު ކަމުން އަރައިގަތުމަށް އެހީވުމުގެ ގޮތުންނެވެ. އެގޮތުން ޗައިނާ އިން ނުވަ ބިލިއަން ޑޮލަރުގެ ފައިނޭންޝަލް ސަޕޯޓު ދިނުމަށް ނިންމާފައިވާއިރު ސައުދީން ހަތަރު ބިލިއަން ޑޮލަރު ދޭން ނިންމާފައިވާ ކަމަށް އިސްހާގު ވިދާޅުވިއެވެ.
ޕާކިސްތާނަށް އެހީވުމުގެ ގޮތުން 20 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓްތައް ހިންގާނެކަމުގެ ޔަގީންކަން ޗައިނާ އާއި ސައުދީން ދީފައިވާ ކަމަށް ވެސް ޕާކިސްތާނުގެ ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ. 13 ބިލިއަން ޑޮލަރުގެ އެހީއަކީ އިންވެސްޓްމަންޓުތަކުގެ އިތުރުން ފޯރުކޮށްދޭ އެހީއެކެވެ.
އެހީތަކާ ގުޅޭގޮތުން ޕާކިސްތާނުގެ ފިނޭންސް މިނިސްޓަރު އިސްހާގު އިތުރަށް ވިދާޅުވީ އެޤައުމުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ބެއިޖިންގަށް ކުރެއްވި ދަތުރުފުޅުގައި ޗައިނާ ސަރުކާރުން ޕާކިސްތާނަށް ހަތަރު ބިލިއަން ޑޮލަރު ސޮވެރިން ލޯނުގެ ގޮތުގައި ދޭން ނިންމި ކަމަށާއި 3.3 ބިލިއަން ޑޮލަރު ކޮމާޝަލް ބޭންކު ލޯނުގެ ގޮތުގައި ފޯރުކޮށްދޭއިރު 1.45 ބިލިއަން ޑޮލަރު ފޯރުކޮށްދެނީ ކަރަންސީ ސްވޮޕްގެ ގޮތުގައި ކަމަށެވެ.
ޕާކިސްތާނަށް އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ޗައިނާގެ ރައީސް ޝީ ޖިންޕިންގ ދެއްވި ކަމަށް ވެސް އިސްހާގު ވިދާޅުވިއެވެ.
ޕާކިސްތާނަށް ދިމާވެފައިވާ އިގްތިސާދީ މައްސަލަތައް މައިގަނޑު ގޮތެއްގައި ގުޅިފައިވަނީ ކޮވިޑް-19 ގެ ސަބަބުން އެ ގައުމުގެ އިގްތިސާދަށް ކުރިމަތިވި ހީނަރުކަމާއެވެ. މި ހީނަރުކަމާ އެކު ޕާކިސްތާނުގައި ތަކެތީގެ އަގުތައް ބޮޑުވެ ބޭރުފައިސާގެ ރިޒާވް ވަނީ އާދަޔާ ޚިލާފަށް ދައްވެފައެވެ.
މީގެ އިތުރުން ޔުކްރެއިން ހަނގުރާމަ އާ އެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އާދަޔާ ޚިލާފަށް ބޮޑުވުމުން ވެސް ޕާކިސްތާނުގެ އިގްތިސާދަށް ވަނީ އިތުރު ދަތިތަކެއް ކުރިމަތިވެފައެވެ. ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ވެރިކަން ވައްޓާލުމަށް އެޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ ތެރެއިން އިދިކޮޅު ފަރާތްތަކުން މަސައްކަތް ފެށީ ވެސް ރައްޔިތުންނަށް ކުރިމަތިވި މި ދަތިތަކުގެ ސަބަބުންނެވެ.