ބަޖެޓުގެ އެއް އަމާޒަކީ ރައްޔިތުންނަށް ސަރުކާރުން ފޯރުކޮށްދޭޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުންކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.
ހޮނިހިރު ދުވަހުގެރޭ ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އިސްމާއީލް އަލީ މަނިކު ވިދާޅުވީ، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު އެކުލަވާލާފައިވަނީ ކޮވިޑް-19ގެ އިގުތިސާދީ ކާރިސާއާއި، މިހާރު ދުނިޔޭގެ އިގުތިސާދަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމުގެ ވިސްނުމާއެކުކަމަށެވެ.
އިސްމާއީލް ވިދާޅުވީ، ބަޖެޓުގެ ވަކި އަމާޒުތަކެއް ހިމެނޭކަމަށާއި، އޭގެ ތެރޭގައި ރައްޔިތުންނަށް ސަރުކާރުން ފޯރުކޮށްދޭޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުން ހިމެނޭކަމަށެވެ. ހަމައެއާއެކު ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރުމާއި، ފިސްކަލް ޕޮލިސީ ދެމެހެއްޓެނިވި ގޮތެއްގައި ހިފެހެއްޓުންވެސް ބަޖެޓުގެ އަމާޒުތަކުގެ ތެރޭގައި ހިމެނޭކަން އޭނާ ފާހަގަ ކުރެއްވިއެވެ.
އޭގެ އިތުރުން، އުފެއްދުންތެރިކަމުގެ ނިސްބަތުން ދައުލަތުގެ ދަރަނި އަހަރުން އަހަރަށް ކުޑަކުރުމަކީވެސް ބަޖެޓުގެ އަމާޒެއްކަމަށް އޭނާ ވިދާޅުވިއެވެ.
އުފެއްދުންތެރިކަމުގެ ނިސްބަތުން ދައުލަތުގެ ދަރަނި އަހަރުން އަހަރަށް ބަލާއިރު ފެނިވަޑައިގަންނަވާނެ އެ ނަންބަރުތައް. ދަރަނި ކުޑަވަމުންދާތަން. އަދި ރިކަރަންޓު ޚަރަދު ދައުލަތުގެ އާމްދަނީއާ އެއްވަރުކޮށް، އެއްވަރެއްގަ ހިފެހެއްޓޭތޯ ބެލުން.ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އިސްމާއީލް އަލީ މަނިކު
އިސްމާއީލް އިތުރަށް ވިދާޅުވީ، ޕީއެސްއައިޕީ ޕްރޮޖެކްޓުތައް އަންނަ އަހަރު ބޮޑުތަނުން ކުރިއަށް ގެންދެވޭނެކަމަށެވެ. އޭގެ އެއް ސަބަބަކީ ކޮވިޑް-19އާ ގުޅިގެން އޭރު ހުރި ގޮންޖެހުންތައް މިހާރު ނެތުންކަން އޭނާ ފާހަގަކުރެއްވިއެވެ. އޭނާ ވަނީ ޕީއެސްއައިޕީގެ ބައެއް ބޮޑެތި ޕްރޮޖެކްޓުތަކަށްވެސް އަލިއަޅުވާލައްވާފައެވެ.
އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ 42.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މިއީ މިހާތަނަށް ހުށަހެޅި އެންމެ ބޮޑު ބަޖެޓެވެ. މި ބަޖެޓުގައި ރާއްޖޭގެ ތަރައްގީއާ ގުޅުންހުރި ގިނަ މަޝްރޫއުތަކެއްވެސް ހިމަނާފައިވާއިރު، އާމްދަނީ ހިލޭ އެހީގެ ގޮތުގައި 32 ބިލިއަން ރުފިޔާ ލިބޭނެކަމަށް ވަނީ ލަފާކޮށްފައެވެ.