ކ. މާލެ
|
23 ޖޫން 2017 | ހުކުރު 23:10
އަލްޖަޒީރާގެ ސްޓޫޑިއޯއެއް
އަލްޖަޒީރާގެ ސްޓޫޑިއޯއެއް
ވިޒިޓްގަތަރު
ގަތަރުގެ މައްސަލަ
ގަތަރަށް ވަގުރަދަ 13 ޝަރުތެއް، އަލްޖަޒީރާ ބަންދުކުރަންޖެހޭ!
ދީފައިވަނީބ 10 ދުވަހުގެ މުހްލަތެއް
އިރާނުގެ ޑިޕްލޮމެޓިކް މިޝަން ބަންދުކުރަންޖެހޭ
ގަތަރުގެ އަސްކަރީ ބޭސް ބިނާކުރުން ވަގުތުން ހުއްޓުވަން ޖެހޭ

ސައުދީ އަރަބިއްޔާ އަދި ގަތަރާ ގުޅުން ކަނޑާލާފައިވާ ގައުމުތަކުން ގަތަރުގެ މައްޗަށް ވަރުގަދަ ޝަރުތުތަކަކަށް އެއްބަސްވުމަށް މަޖުބޫރުކޮށްފި އެވެ. ގަތަރާއެކު އަލުން ގުޅުން ގާއިމުކުރަން ކުރި 13 ޝަރުތުގެ ތެރޭގައި ހުޅަނގުގެ މީޑިއާތަކާ ވާދަކޮށް، ދުނިޔޭގައި މަގުބޫލްކަން ހޯދާފައިވާ އަދި އަރަބި ދުނިޔޭގައި އެންމެ މަޝްހޫރު ޓީވީ ޗެނަލް އަލް ޖަޒީރާ ހުއްޓާލުމާއި ގަތަރުން ފަންޑުކޮށްގެން ހިންގާ ބައެއް އެހެން މީޑިއާ އައުޓްލެޓްތައް ބަންދުކުރުން ވެސް ހިމެނެ އެވެ.

ގަތަރަށް ހުށަހެޅި ޝަރުތުތައް:

  1. އިރާނާއެކު ސިޔާސީ ގުޅުން ހަނިކޮށް، ގަތަރުގައި ހުރި އިރާނުގެ ޑިޕްލޮމެޓިކް މިޝަން ބަންދުކުރުމާއި، ގަތަރުގައި ތިބި އިރާނުގެ ރިވޮލޫޝަނަރީ ގާޑުގެ ސިފައިން ބޭރުކޮށް އަދި އިރާނާއެކު އޮންނަ އަސްކަރީ ގުޅުން ކަނޑާލުން.
  2. ތުރުކީން ގަތަރުގައި ބިނާކުރާ އަސްކަރީ ބޭސް ވަގުތުން ހުއްޓުވުމާއި އަސްކަރީ ގޮތުން ގަތަރާ އޮންނަ ގުޅުން ކަނޑާލުން.
  3. މުސްލިމް ބްރަދަހުޑާއި، އައިއެސްއައިއެލް، އަލްގައިދާ، ފަތަހް އަލްޝާމް (ކުރިން ނުސްރާ ފްރޮންޓް) ލުބްނާންގެ ހެޒްބުﷲ އާ ގުޅުން ކަނޑާލުން. އަދި ސައުދީ އަރަބިއްޔާ އާއި ބަހްރެއިން ޔޫއޭއީ، އަދި މިސްރުން ޓެރަރިސްޓްގެ ލިސްޓަށް އިތުރު ކުރާ ޖަމާއަތްތަކާ ވެސް ގުޅުން ކަނޑާލުން.
  4. ޓެރަރިސްޓުންގެ ގޮތުގަ އާއި ޓެރަރިސްޓް ޖަމާއަތްތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ފަރާތްތަކަށް ފަންޑުކުރުން ހުރިހާ މާނައެއްގައި ހުއްޓާލުން.
  5. ސައުދީ އަރަބިއްޔާ އާއި ޔޫއޭއީ، މިސްރު، ބަހްރެއިންނެއިން ބޭނުންވާ ޓެރަރިސްޓުންނާއި އެހެން ފަރާތްތައް އެ ގައުމުތަކާ ހަވާލުކުރުމާއި، އެ މީހުންގެ މައުލޫމާތު ހިއްސާކޮށް، އެ މީހުންގެ މުދާ ހިފެހެއްޓުން.
  6. އަލްޖަޒީރާ އާއި އަލްޖަޒީރާއާ ގުޅިފައިވާ ސްޓޭޝަންތައް ބަންދުކުރުން.

     

  7. އެހެން ގައުމުތަކުގެ ދާޚިލީ ކަންކަމާއި އިސްތިގުލާލާ އަރައިގަންނަ ފަދަ ކަންކަން ކުރުން ހުއްޓާލުން. އެގޮތުން، ސައުދީ އާއި ޔޫއޭއީ، މިސްރު، ބަހްރެއިންއިން ބޭނުންވާ މީހުންނަށް، ގަތަރުގެ ރަށްވެހިކަން ނުދިނުން.
  8. ގަތަރުގެ ސަބަބުން ފުރާނަ ގެއްލިގެން ގޮސްފައިވާ ފަރާތްތަކަށާއި މާލީ ގޮތުން ލިބިފައިވާ ގެއްލުމުގެ ބަދަލު ދިނުން. ބަދަލުގެ އަދަދެއް ކަނޑައަޅާނީ ގަތަރާ މަޝްވަރާކޮށްގެން.
  9. ގަތަރުގެ އަސްކަރީ، ސިޔާސީ، އިޖުތިމާއީ އަދި އިގްތިސޯދީ ސިޔާސަތުތައް ގަލްފު އަދި އަރަބި އެހެން ގައުމުތަކުގެ ސިޔާސަތާ އޮލަނބުކުރުން.
  10. ސައުދީ އާއި ޔޫއޭއީ އާއި މިސްރާއި ބަހްރެއިންގެ އިދިކޮޅު ސިޔާސީ ފަރާތްކާ ގަތަރުން ގުޅުން ނުބޭއްވުން. އަދި ގަތަރުން ގުޅުން ބާއްވާ މި ފަދަ ފަރާތްތަކުގެ މައުލޫމާތު އަދި އެ ފަރާތްތަކަށް ފޯރުކޮށްދޭ އެހީގެ މައުލޫމާތު ފޯރުކޮށްދިިނުން.
  11. ގަތަރުން ސީދާ ގޮތުންނާއި ނުސީދާ ގޮތުން ފަންޑުކޮށްގެން ހިންގާ ނިއުސް ކުންފުނިތައް ބަންދުކުރުން. އެގޮތުން އަރަބި21، ރަސްދު، އަލް އަރާބީ އަލް ޖަދީދު، މެކަމެލީން، މިޑްލް އީސްޓް އައި ހިމެނޭ.
  12. މި ޝަރުތުތަކަށް 10 ދުވަސްތެރޭގައި އެއްބަސްވުން. އެއްބަސް ނުވެއްޖެ ނަމަ ޝަރުތުތައް ބާތިލްވާނެ.
  13. ޝަރުތުތަކަށް އެއްބަސްވުމަށް ފަހު، ފުރަތަމަ އަހަރުތެރޭގައި މަހަކު އެއްފަހަރު އޮޑިޓް ކުރުމާއި ދެ ވަނަ އަހަރަގައި ހަތަރު ފަހަރު އޮޑިޓް ކުރުމާއި އެއަށް ފަހު 10 އަހަރު ވަންދެން އަހަރަކު އެއްފަހަރު އޮޑިޓް ކުރުމަށް ގަތަރުން ރުހުން

 

މި ޝަރުތުތައް ދިނީ ކުވައިތު މެދުވެރިކޮށްށެވެ. ކުވެއިތަކީ ސައުދީ - ގަތަރުގެ މައްސަލައިގައި މެދުވެރިއެއްގެ ރޯލު އަދާކުރަމުންދާ ގައުމެވެ.

 

އަލްޖަޒީރާ ސްޓޭޝަންގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ ގިލްސް ޓްރެންޑްލް ވިދާޅުވީ، އަލްޖަޒީރާ ޗެނަލް ހުއްޓާ ނުލާނޭކަމަށެވެ. އޭނާ ވިދާޅުވީ، ޗެނަލް ހުއްޓާލަން އެންގުމަކީ، ސަރަހައްދުގެ ޑިމޮކްރަސީއަށް ދިން ހަމަލާއެއްކަމަށާއި، ޚިޔާލުފާޅުކުރުން ހަނިކުރުމަށް ދިން އިންޒާރެއްކަމަށެވެ.

 

ސައުދީ އަދި ގުޅިފައިވާ އިއްތިހާދުން ކޮށްފައިވާ މި ޝަރުތުތަކާ ގުޅިގެން ގަތަރުން އަދި ވަކިއެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް