ކ. މާލެ
|
4 ނޮވެންބަރ 2022 | ހުކުރު 16:42
ޑްރައި ޝޭމްޕޫ
ޑްރައި ޝޭމްޕޫ
ސީ.އެން.އެން
ޑްރައި ޝޭމްޕޫ
ޑްރައި ޝޭމްޕޫ ބޭނުން ނުކުރޭ، އޭގައި ކެންސަރު ޖައްސާ މާއްދާ އެކުލެވޭ
ޓެސްޓު ކުރެވުނު ބައެއް ސާމްޕަލްތަކުގައި ހުއްދަ ކުރާ މިންވަރަށް ވުރެ 10 ގުނަ ގިނައިން ބެންޒީން އެކުލެވޭ

"ޑްރައި" ޝޭމްޕޫގެ ގޮތުގައި އިސްތިހާރު ކުރާ ގިނަ ބްރޭންޑުތަކެއްގައި ކެންސަރު ޖައްސާ ކެމިކަލެއް ކަމަށްވާ ބެންޒީން ގިނަ މިންވަރަކަށް އެކުލެވޭކަން މިނިވަން ލެބޯޓަރީ އެއް ކަމަށްވާ ވެލިޝުއަރ އިން ހެދި ތަހުލީލުތަކުން ހާމަވެއްޖެއެވެ.

"ޑްރައި" ޝޭމްޕޫ އަކީ ސްޕްރޭ އެއްގެ ގޮތަށް ބޭނުން ކުރާ ބާވަތެކެވެ.

މަޝްހޫރު ބައެއް ބްރޭންޑުތައް ކަމަށްވާ ޑަވް، ނެކްސަސް، ސޯވް، އަދި ޓްރެސެމީ އިން އުފައްދާފައިވާ ޑްރައި ޝޭމްޕޫގެ ވައްތަރުތަކެއް ވެސް ހަމަ މި ސަބަބަށްޓަކައި މިދިޔަ މަހު ވެސް ވަނީ މާކެޓުން ނަގާފައެވެ.

ވެލިޝުއަރ ލެބޯޓަރީ އިން ހެދި ތަހުލީލުތަކުން ހާމަވި ކަންބޮޑުވާ ކަންތައްތައް ބަޔާންކޮށް އެފަރާތުން ނިމުނު ހަފްތާގައި ވަނީ އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަނަށް ޕެޓިޝަނެއް ހުށަހަޅާފައެވެ. އެފަރާތުން ހާމަކޮށްފައިވާ ގޮތުގައި 34 ތަފާތު ބްރޭންޑެއްގެ ޑްރައި ޝޭމްޕޫގެ 148 ބެޗެއް ޓެސްޓު ކުރި އިރު 70 އިންސައްތަ ސާމްޕަލްގައި "ގިނަ" ކަމަށް ބެލެވޭ މިންވަރަށް ބެންޒީން އެކުލެވޭ ކަމަށް ބުނެފައިވެއެވެ. އަދި އޭގެ ތެރެއިން 10 ސާމްޕަލެއްގައި އެފްޑީއޭ އިން ހުއްދަކުރާ މިންވަރަށް ވުރެ 10 ގުނަ އިތުރަށް ބެންޒީން އެކުލެވިގެންވާކަމަށް ބުނެފައިވެއެވެ. ވެލިޝުއަރގެ ޕެޓިޝަނުގައިވާ ގޮތުން ހޭންޑް ސެނިޓައިޒަރުތަކާއި ސަންސްކްރީން އަދި ބޮޑީ ސްޕްރޭ ފަދަ އުފެއްދުންތަކުގައި ވެސް ބެންޒީން އެކުލެވޭކަން ފާހަގަކޮށްފައިވެއެވެ.

ޑްރައި ޝޭމްޕޫގެ ބާވަތްތަކެއް

ސްޕްރޭއެއްގެ ގޮތަށް ހުންނަ ޑްރައި ޝޭމްޕޫ ބޭނުން ކުރުމުގެ ތެރޭ ނޭވާލާ ނިޒާމުން ވެސް ހަށިގަނޑު ތެރެއަށް ވާސިލުވެ، ގެއްލުންތަކެއް ލިބޭނެކަމަށް ބުނެފައިވެއެވެ.

ބެންޒީން އެކުލެވޭތީ މިދިޔަ އަހަރު ވެސް އެތައް ބްރޭންޑެއްގެ ޑިއޯޑޮރޮންޓް އާއި ސަންސްކްރީންގެ ބާވަތްތައް ވެސް ވަނީ މާކެޓުން ނަގާފައެވެ.

ބެންޒީން އަކީ ގުދުރަތީ އަދި ގުދުރަތީ ނޫން ޕްރޯސެސްތަކުން އުފެދޭ ކެމިކަލްއެކެވެ. މި ކެމިކަލް އުފެދޭ ގުދުރަތީ ޕްރޯސެސްތަކުގެ ތެރޭގައި އަލިފާން ފަރުބަދަ ގޮވުމުންނާއި ޖަންގަލިތަކުގައި ރޯވާ އަލިފާނުގެ ތެރެއިން ހިމެނެއެވެ. މީގެ އިތުރުން ކްރޫޑް އޮއިލް، ގޭސޮލީން އަދި ސިނގިރޭޓުގެ ދުމުގައި ވެސް ބެންޒީން އެކުލެވޭ ކަމަށް އެމެރިކާގެ ސެންޓަރ ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން އިން ބުނެފައިވެއެވެ.

އިންސާނުން ބެންޒީން އަށް އެންމެ ބޮޑަށް ހުށަހެޅޭ އެއްގޮތަކީ އެ މާއްދާ އެކުލެވޭ ވައިގެ ތެރޭ ނޭވާލައިގެންނެވެ.

- ކޮމެންޓް