ދުނިޔޭގެ އެންމެ ބޮޑު އެއް ސޯޝަލް މީޑިއާ ކުންފުނި ކަމަށްވާ ޓްވިޓަރ އިން މުވައްޒަފުން ވަކި ކުރަން ނިންމައިފިއެވެ.
ރޮއިޓަރސް އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި ވަކި ކުރާ މުވައްޒަފުންނަށް ހުކުރު ދުވަހު އީމެއިލް މެދުވެރިކޮށް އެކަން އަންގާނެއެވެ. އަދި މުވައްޒަފުންގެ އެކްސެސް ކަނޑާލައި އާ ބަދަލުތައް ގެނައުމަށް ހަފްތާ އެއް ވަންދެން އޮފީސްތައް ބަންދު ކުރުމަށް ވެސް ވަނީ ނިންމާފައެވެ.
މި ބަދަލުތައް ގެންނަނީ އީލޮން މަސްކު އެ ކުންފުނި ގަތުމަށްފަހު ކުންފުނީގެ ހިންގުމަށް ބަދަލު ގެނައުމުގެ ބޭނުމުގައެވެ. އޭނާ ވަނީ ކުންފުންޏާ ރަސްމީކޮށް ހަވާލުވި ފުރަތަމަ ދުވަހު ކުންފުނީގެ އެންމެ އިސް ތިން މީހުން ވަޒީފާއިން ވަކިކޮށްފައެވެ.
ރޮއިޓަރސް އިން ބުނެފައިވާ ގޮތުގައި ޓްވިޓަރ އިން އެ ކުންފުނީގެ މުވައްޒަފުންނަށް މިދިޔަ ހަފްތާގައި ފޮނުވި އީމެއިލްގައި ބުނެފައިވަނީ މުވައްޒަފުން ވަކި ކުރަނީ ކުންފުނި އިތުރަށް ހަރުދަނާ ކުރުމަށް ކަމަށެވެ. އެގޮތުން، 3700 އެއްހާ މުވައްޒަފުން ކަނޑާލަން ނިންމާފައިވާ ކަމަށް ރޮއިޓަރސް އިން ވަނީ ރިޕޯޓުކޮށްފައެވެ.
މިކަމާ ގުޅޭގޮތުން މިހާތަނަށް ޓްވިޓަރ އިން ބުނެފައިވަނީ ވަގުތީ ގޮތުން ހުރިހާ މުވައްޒަފުންގެ ވެސް އެކްސެސް ބްލޮކްކޮށް، އޮފީސްތައް ބަންދުކޮށްފައިވާ ކަމަށެވެ. އަދި ވަޒީފާއިން ވަކި ނުކުރާ މީހުންނަށް އޮފީހުގެ މެއިލްއަށް އީމެއިލް ކުރާއިރު ވަޒީފާއިން ވަކި ކުރަން ނިންމާފައިވާ މީހުންނަށް ދެން ކަންތައްތައް ކުރަންވީގޮތް އެ މީހުންގެ ޕާސަނަލް މެއިލްއަށް ފޮނުވާނެ ކަމަށެވެ.