ކ. މާލެ
|
4 ނޮވެންބަރ 2022 | ހުކުރު 13:19
ކާޑުގެ ބާވަތްތައް
ކާޑުގެ ބާވަތްތައް
ރާއްޖެއެމްވީ
ހުކުރު ޚުތުބާ
ވިޔަފާރީގައި މަކަރުހަދައި އޮޅުވާލުމަކީ ދެ ދުނިޔެ އަބާއްޖަވެރިވާނެ ކަމެއް: ޚުތުބާ
ރާއްޖެއަށް މުދާ އެތެރެކޮށް ވިއްކާއިރު ވަރަށް ބޮޑަށް އޮޅުވާލުމާއި މަކަރު ހަދަމުންދާކަން ވަނީ ފާހަގަކޮށްފައި
އިޚްތިކާރުކޮށްގެން ފައިސާ ހޯދުމަކީ ވެސް ހުއްދަ ކަމެއް ނޫން
މިނެކިރުމުގައި އުނި އިތުރު ކުރުމަކީ ވެސް ގެއްލުމާއި ހަލާކާ ކުރިމަތިވާނެ ކަމެއް

ވިޔަފާރީގައި މަކަރު ހަދައި އޮޅުވާލުމަކީ އެ މީހެއްގެ ދެ ދުނިޔެ ވެސް އަބާއްޖަވެރިވާނެ ކަމެއް ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

މި ހަފްތާގެ ހުކުރު ޚުތުބާ ޚާއްސަ ކޮށްފައިވަނީ މަކަރާއި ހީލަތް ހެދުމުގެ މައްޗަށެވެ. އެގޮތުން، އިސްލާމް ދީނުގައި ރިބާގެ ދޮރުތައް ބަންދުކޮށް ވިޔަފާރީގެ ދޮރުތައް ހުޅުއްވާ ދެއްވާފައިވަނީ ހަލާލު ގޮތުގައި ވިޔަފާރިކޮށް އާމްދަނީ ހޯދުމަށްކަމަށް ޚުތުބާގައިވެއެވެ. ޚުތުބާގައި ބުނެފައިވަނީ އެހެންވެ، މަކަރާއި ހީލަތް ހެދުމާއި އޮޅުވާލުމަކީ އިސްލާމްދީނުގައި ހަރާމް ކުރައްވާފައިވާ ކަމެއް ކަމަށެވެ.

ޚުތުބާގައި ބުނީ އެކި ޤައުމުތަކުން ތަފާތު ބާވަތްތަކުގެ މުދާ ރާއްޖެއަށް އެތެރެކޮށް ވިއްކާއިރު ވަރަށް ބޮޑަށް އޮޅުވާލުމާއި މަކަރު ހަދަމުންދާކަމުގެ ޝަކުވާ މުޖުތަމައުގައި އިވެމުންދާ ކަމަށެވެ. އަދި ބައެއް ވިޔަފާރިވެރިންގެ ފަރާތުން އެފަދަ ކަންކަން ފެންނަމުންދާ ކަމަށާއި އެގޮތުން، ފެންވަރު ދަށް މުދާ މަޝްހޫރު ބްރޭންޑުތަކުގެ ނަމުގައި އަގުބޮޑުކޮށް ވިއްކާކަން ފާހަގަކުރެވޭކަމަށެވެ.

ކޮންމެ މީހަކު ވެސް ދިރިއުޅެން ބޭނުންވާ ތަކެތި ގަންނަނީ ބުރަ މަސައްކަތް ކޮށްގެން ހޯދާ ފައިސާ އިން ކަމަށްވާއިރު ބޮޑު އަގުގައި ފެންވަރު ދަށް މުދާ ވިއްކުމަކީ އޮޅުވާލުން ކަމުގައި ޚުތުބާގައި ފާހަގަކުރިއެވެ. މީގެ ސަބަބުން ބައެއް ފަހަރު ސިއްޙީ ގެއްލުންތަކާ ވެސް ކުރިމަތިލާން ޖެހޭއިރު ވިޔަފާރީގައި މިފަދަ މަކަރު ހަދައި އޮޅުވާލުމަކީ ބޮޑު ފާފަ އެއް ކަމަށް ޚުތުބާގައި ބުންޏެވެ.

މަކަރު ހަދައި އޮޅުވާލުމަކީ ވަރަށް ބޮޑު ފާފައެއް. ކޮންމެ މީހަކު ވެސް ދުނިޔަވީ ހަޔާތުގައި މަސައްކަޔް ކުރަމުންދަނީ އުޚުރަވީ ހަޔާތުގެ ބާއްޖަވެރިކަން ހޯދަން. ވިޔަފާރިއާއި އެ ނޫން މުއާމަލްތާތްތަކުގައި ވެސް މަކަރު ހަދައި އޮޅުވާލުމަކީ ތިމާގެ ދެ ދުނިޔެ އަބާއްޖަވެރިވެގެންދާނެ ކަމެއް. މަކަރާއި ހީލާތް ހަދައި، އޮޅުވާލައިގެން މީސްތަކުން އަތުން ނާޖާއިޒު ފައިދާ ނަގަމުންދާއިރު، އެކަމާމެދު ކުޑަކޮށް ވެސް ވިސްނާލިން ހެއްޔެވެ؟
ޚުތުބާ

މަކަރު ހަދައި އޮޅުވާލުމުގެ އިތުރުން އިޚްތިކާރުކޮށްގެން ފައިސާ ހޯދުމަކީ ވެސް ހުއްދަ ކަމެއް ނޫންކަން ޚުތުބާގައި ވަނީ ބުނެފައެވެ. އިޚްތިކާރު ކުރުމަކީ މީސްތަކުންނަށް ބޭނުން ޖެހިފައިވާ މުދަލެއް ބާޒާރަށް ނުނެރެ ހިފެހެއްޓުމަށްފަހު އެ މުދަލުގެ އަގުބޮޑުވުމުން ބާޒާރަށް ނެރެ ބޮޑު އަގުގައި ވިއްކުމެވެ. މިއީ ރަސޫލާގެ ސުންނަތުން ވެސް މަނާ ކުރައްވާފައިވާ ކަމަކަށްވާއިރު ކޮއްތުގެ ބާވަތްތަކުން އިޚްތިކާރު ކުރުމުގެ ފާފަ ވަކިން ބޮޑުކަން ޚުތުބާގައި ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން މިނެކިރުމުގައި އުނި އިތުރު ކުރުމަކީ ވެސް ގެއްލުމާއި ހަލާކާ ކުރިމަތިވާނެ ކަމެއްކަމަށް ޚުތުބާގައި ބުންޏެވެ.

ގަޑުބަޑުކޮށްފައިވާ ކާބޯތަކެތި އަސްލު ތަކެތީގެ ގޮތުގައި ވިއްކުން އާއްމުވަމުންދާކަން ފާހަގަކޮށް ޚުތުބާގައި ބުނީ މިއީ ބައެއް ފަހަރު މީހުންގެ ފުރާނަ އަށް ވެސް ގެއްލުން ހުރި ކަމެއް ކަމަށެވެ. އެގޮތުން، ޒަމާނީ ވަސީލަތްތައް ބޭނުން ނަހަމަ ގޮތުގައި ހިފައި އެހެން މީހުންގެ މުދާ ފޭރިގަތުމުގެ އުކުޅުތައް މިހާރު ބޭނުންކުރާ ކަމަށް ޚުތުބާގައި ބުންޏެވެ. އަދި މިފަދަ ކަންކަންމަށް ފާރަވެރިވެތިބުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.

ރަނގަޅަށް މަސް ނުހިއްކައި، ވަރުގަދަޔަށް ދިލަޖައްސައިގެން ހިކިމަހުގެ ގޮތުގައި ވިއްކުމާއި، ރިހާކުރު ތެރެއަށް ގޮދަންފުށް ފަދަ ތަކެތި އެއްކުރާ ވާހަކަ ވަނީ އާއްމުވެފައި. މޭވާއާއި ތަރުކާރީ ވިއްކާ ބައެއް ފަރާތްތަކުން އެތަކެތި ރަނގަޅަށް ދޮން ނުވަނީސް ބައެއް ބާވަތުގެ ކެމިކަލް ޖަހައިގެން އެތަކެތި އަވަހަށް ދޮންކޮށްގެން ވިއްކާ. މިއީ އިސްލާމީ އުސޫލުތަކާ ޚިލާފު ކަންކަން،
ޚުތުބާ

އީމެއިލް އާއި އޯޓީޕީ މެދުވެރިކޮށް އިންޓަނެޓް ބޭންކިންގ އިން ފައިސާ ފޭރޭކަމަށް ވެސް މި ހަފްތާގެ ހުކުރު ޚުތުބާގައި ވަނީ އަލިއަޅުވާލައިފައެވެ. މިފަދަ ދަންތުރައިގައި ނުޖެހުމަށް ހޭލައި ތިބުމަކީ ކޮންމެ މީހެއްގެ ވާޖިބެއްކަން ފާހަގަކޮށް ޚުތުބާގައި ބުނީ އެފަދަ ދަންތުރައިން ސަލާމަތްވެވޭނީ އީމެއިލާއި ޕާސްވޯޑާއި އޯޓީޕީތައް އެއްވެސް މީހަކާ ހިއްސާ ނުކުރުމުން ކަމަށެވެ. އަދި ފޯނާއި އެހެނިހެން ޑިވައިސްތައް ހެކްކުރުމަށް ފޮނުވާ އެކި ބާވަތްތަކުގެ ގޮތް ނޭނގޭ ލިންކުތަކާ މެދު ސަމާލުވުމަށް ވެސް ޚުތުބާގައި ވަނީ އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން މުޖުތަމައުގައި ހިނގާ މަކަރާއި ހީލަތުގެ އަމަލުތައް ހުއްޓުވުމަށް ކަމާބެހޭ މުއައްސަސާތަކާއި މުޖުތަމައުގެ އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ވެސް ޚުތުބާގައި އިލްތިމާސްކުރިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް