ކ. މާލެ
|
3 ނޮވެންބަރ 2022 | ބުރާސްފަތި 21:22
ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާނަށް ބަޑިން ހަމަލާދީފައިވަނީ އެމަނިކުފާނުގެ ސަޕޯޓަރުންނާއެކު މުޒާހަރާކުރައްވަނިކޮށް
ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާނަށް ބަޑިން ހަމަލާދީފައިވަނީ އެމަނިކުފާނުގެ ސަޕޯޓަރުންނާއެކު މުޒާހަރާކުރައްވަނިކޮށް
ރޮއިޓާސް
އިމްރާން ޚާނަށް ހަމަލާދިނުން
"އިމްރާން ޚާނަށް ހަމަލާދިނީ އަވަހާރަކޮށްލުމުގެ ނިޔަތުގައި"
މިހާދިސާއާ ގުޅިގެން އެެއްވެސް މީހަކަށް އަދި ދައުވާއެއްނުކުރޭ
އޭނާ މަސައްކަތްކުރީ އަމިއްލައަށް، އެކަނިކަމަށް ހަމަލާދިން މީހާ ބުނޭ
އިމްރާން ޚާނަށް ހަމަލާދިން މީހާ މިހާރު ހުރީ ފުލުހުންގެ ބެލުމުގެދަށުގައި

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާނަށް ހަމަލާދިނީ އެމަނިކުފާނު އަވަހާރަކޮށްލުމުގެ ނިޔަތުގައިކަމަށް، އެމަނިކުފާނަށް ހަމަލާދިން މީހާ ބުނެފިއެވެ.

އިމްރާން ޚާނަށް ބަޑިން ހަމަލާދީ ޒަޚަމްކޮށްލާފައިވަނީ ބުރާސްފަތި ދުވަހުއެވެ. މިހަމަލާގައި އެމަނިކުފާނުގެ ފައިންޕުޅަށް ވަނީ ވަޒަން އަރާފައެވެ.

މިހާދިސާ ހިނގާފައިވަނީ ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދާ 120 މޭލު ދުރުގައި އޮންނަ ވަޒީރުއާބާދުގައެވެ.

މިހާދިސާ ހިނގި ވަގުތު އިމްރާން ޚާން ދިޔައީ އަވަސް އިންތިޚާބެއް ބޭއްވުމަށް ގޮވާލައްވައި، އެމަނިކުފާނުގެ ސަޕޯޓަރުންނާއެކު މުޒާހަރާކުރަމުންނެވެ.

ހަމަލާދިނުމަށްފަހު އެމީހާ ވަނީ ފިލަން މަސައްކަތްކޮށްފައެވެ.

އޭނާ މިހާރު ފުލުހުންގެ ބެލުމުގެދަށުގައި ހުރިއިރު، އޭނާ މަސައްކަތްކުރީ އަމިއްލައަށް، އެކަނިކަމަށް އޭނާ ބުނާ ވީޑިއޯއެއް ފުލުހުން ވަނީ އާންމުކޮށްފައެވެ. މި ވީޑިއޯގައި އޭނާ ވަނީ، އިމްރާން ޚާން ގެންދަވަނީ ގައުމުގެ އާންމުންނަށް އޮޅުވާލައްވަމުންކަމަށާއި އެހެންކަމުން އޭނާ ބޭނުންވީ އިމްރާން ޚާން އަވަހާރަކޮށްލަން ކަމަށްވެސް ބުނެފައެވެ.

މިހާދިސާއާ ގުޅިގެން އެެއްވެސް މީހަކަށް އަދި ދައުވާއެއް ނުކުރެއެވެ.

އިމްރާން ޚާން ނިސްބަތްވެވަޑައިގަންނަވާ، ޕާކިސްތާން ތަހްރީކީ އިންސާފް ޕާޓީގެ މެމްބަރަކާ ހަވާލާދީ ރޮއިޓަރސްއިން ރިޕޯޓުކޮށްފައިވާގޮތުން، މިހާދިސާގައި އިމްރާންގެ އިތުރުން އެވަގުތު އެމަނިކުފާނާއެކު ހަރަކާތްތެރިވަމުންދިޔަ އިތުރު މީހުންނަށްވެސް ވަނީ އަނިޔާވެފައެވެ. އަދި މިހާދިސާގައި އެކަކު މަރުވެފައިވާކަމަށްވެސް ރިޕޯޓުކޮށްފައިވެއެވެ.

އިމްރާން ޚާނަށް ދިން މިހަމަލާ ގައުމުގެ މިހާރުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ވަނީ ކުށްވެރިކުރައްވާފައެވެ. އަދި މިހާދިސާ ތަހުގީގުކުރުމަށް އިންޓީރިއަރ މިނިސްޓަރަށް ވަނީ އަންގަވާފައެވެ.

- ކޮމެންޓް