ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާނަށް ބަޑީގެ ހަމަލާއެއް އަމާޒުވެއްޖެއެވެ.
އިމްރާން ޚާނަށް ބަޑިން ހަމަލާދީ ޒަޚަމްކޮށްލާފައި ވަނީ ބުރާސްފަތި ދުވަހުއެވެ. މިހަމަލާގައި އެމަނިކުފާނުގެ ފައިންޕުޅަށް ވަނީ ވަޒަން އަރާފައެވެ.
މިހާދިސާ ހިނގާފައިވަނީ ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދާ 120 މޭލު ދުރުގައި އޮންނަ ވަޒީރުއާބާދުގައެވެ.
އިމްރާން ޚާން ނިސްބަތްވެވަޑައިގަންނަވާ، ޕާކިސްތާން ތަހްރީކީ އިންސާފް ޕާޓީގެ މެމްބަރަކާ ހަވާލާދީ ރޮއިޓަރސްއިން ރިޕޯޓުކޮށްފައިވާގޮތުން، މިހާދިސާގައި އިމްރާންގެ އިތުރުން އެވަގުތު އެމަނިކުފާނާއެކު ހަރަކާތްތެރިވަމުންދިޔަ އިތުރު މީހުންނަށްވެސް ވަނީ އަނިޔާވެފައެވެ. އަދި މިހާދިސާގައި އެކަކު މަރުވެފައިވާކަމަށްވެސް ރިޕޯޓުކޮށްފައިވެއެވެ.
މިހާދިސާ ހިނގި ވަގުތު އިމްރާން ޚާން ދިޔައީ އަވަސް އިންތިޚާބެއް ބޭއްވުމަށް ގޮވާލައްވައި، އެމަނިކުފާނުގެ ސަޕޯޓަރުންނާއެކު މުޒާހަރާކުރަމުންނެވެ.
އިމްރާން ޚާނަށް އަމާޒުކޮށްދިން ބަޑީގެ މިހަމަލާ ގައުމުގެ މިހާރުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ވަނީ ކުށްވެރިކުރައްވާފައެވެ. އަދި މިހާދިސާ ތަހުގީގުކުރުމަށް އިންޓީރިއަރ މިނިސްޓަރަށް ވަނީ އަންގަވާފައެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރުކަމުގެ މަގާމުން އިމްރާން ޚާން ވަކިކުރީ އިތުބާރުނެތްކަމުގެ ވޯޓެއް ނަގައި މިއަހަރުގެ އޭޕްރިލް މަހުއެވެ. އޭގެފަހުން އެމަނިކުފާނު ދަނީ މިހާރުގެ ސަރުކާރާ ދެކޮޅަށް ގިނަ މުޒާހަރާތަކެއް ކުރައްވަމުންނެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރުކަމުގެ މަގާމުން އިމްރާން ޚާން ވަކިކުރެއްވުނުއިރު، ޕާކިސްތާނުން އޮތީ އިގްތިސާދީގޮތުން ވަރަށް ނާޒުކު ފައްތަރެއްގައެވެ.
އިމްރާންގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިޔަށް ގެންގޮސްފައިވަނީ އޭޕްރިލް ނުވަވަނަ ދުވަހުއެވެ. އެމައްސަލަ މަޖިލީހުގައި ކުރިއަށްގެންދިއުމަށް މަސައްކަތްކުރުމުން އިމްރާން ގާނޫނު ހަދާ މަޖިލިސް އުވާލެއްވިއެވެ. އަދި އޭގެ ފަހުން ގައުމުގެ ގާނޫނު ހަދާ މަޖިލިސް އިމްރާން އުވާލައްވާފައި ވަނީ ގާނޫނު އަސާސީއާ ޚިލާފަށްކަމަށް އެގައުމުގެ ސުޕްރީމް ކޯޓުން ނިންމިއެވެ. އެއީ އޭޕްރިލް ހަތްވަނަ ދުވަހުއެވެ.
އިމްރާން ޚާންގެ އިތުބާރު ނެތްކަމަށް ގާނޫނު ހަދާ މަޖިލީހުން ފާސްކުރުމާއެކު އެމަނިކުފާނު ވެގެންގޮސްފައިވަނީ އިތުބާރު ނެތްކަމަށް ފާސްކޮށް ޕާކިސްތާނުގައި މަގާމުން ދުރުކުރި ފުރަތަމަ ބޮޑުވަޒީރަށެވެ.
އިތުބާރު ނެތްކަމުގެ ވޯޓާއެކު އިމްރާން ވަނީ ދެން އުފެދޭ ސަރުކާރެއް ގަބޫލުފުޅުނުކުރައްވާނެ ކަމަށާއި، ވެރިކަމުން ދުރުކުރީ އެމެރިކާ އަޑީގައި އޮވެގެންކަމަށްވެސް ވިދާޅުވެފައެވެ.
އުމުރުފުޅުން 70 އަހަރުގެ އިމްރާން ޚާން ޕާކިސްތާނުގެ ބޮޑުވަޒީރުކަމަށް އިންތިޚާބުވެވަޑައިގެންނެވީ 2018 ވަނަ އަހަރުއެވެ. ބޮޑުވަޒީރުކަމަށް ވަޑައިގެންނެވީ އެގައުމުގައި އުފެދިފައިވާ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރެއްވުމާއި ގައުމަށް ދިމާވެފައިވާ އިގްތިސާދީ މައްސަލަތައް ހައްލުކޮށްދެއްވާނެ ކަމުގެ ވައުދުފުޅާއެކުއެވެ. ނަމަވެސް މިކަމަށް މާބޮޑު މަސައްކަތެއް ކުރެވުނުތަން ފެނިގެން ނުދިއުމުގެ ނަތީޖާއެއްގެގޮތުން، ސަރުކާރާމެދު އާންމުންގެ އިތުބާރު ވަރަށް ބޮޑަށް ގެއްލިގެންދިޔައެވެ.
އިމްރާން ޚާން ތަކުރާރުކޮށް ވިދާޅުވަމުންގެންދެވީ އިދިކޮޅު ޕާޓީތަކުން ބޭރުގެ ފަރާތްތަކާ ގުޅިގެން އެމަނިކުފާނު ވެރިކަމުން ދުރުކުރުމަށް މަސައްކަތްކުރަމުން ގެންދިޔަކަމަށެވެ. ވަކިން ޚާއްސަކޮށް އެމެރިކާއިން އިމްރާން ޚާން ވެރިކަމުގައި ބަހައްޓަން ބޭނުންނުވާކަމަށާއި، ސަބަބަކީ ރަޝިޔާއާއި ޗައިނާއާ ދެކޮޅަށް އެމެރިކާއިން ހިންގަމުންދާ ކަންކަމަށް ޕާކިސްތާނުގެ ތާއީދު ނުލިބޭތީކަމަށް ވިދާޅުވިއެވެ. ނަމަވެސް އެމެރިކާއިން ވަނީ އިމްރާން ޚާންގެ މިވާހަކަފުޅުތައް ދޮގުކޮށް، އެކަމުގެ ހެކި ދެއްކުމަށް ގޮވާލާފައެވެ.