މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ޑެޕިޔުޓީ މިނިސްޓަރުގެ މަގާމުގައި މޯލްޑިވްސް ރިފޯމް މޫވްމަންޓް(އެމްއާރުއެމް)ގެ ސްލޮޓެއްގައި ހުންނެވި ޝިމާޒު އަލީގެ މައްޗަށް ތުހުމަތުކުރާ ކަންތައްތަކާ މެދު އެ ޕާޓީން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގެ ތެރޭގައި ހިންގާފައިވާ ކޮރަޕްޝަންގެ އަމަލެއްގައި ޝިމާޒްގެ ބައިވެރިވުން އޮތްކަމަށް ތުހިމަތުކުރެވޭތީ ޝިމާޒް މަޤާމުން ވަކިކޮށްދެއްވުމަށް އެދި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިޙަށް ސިޓީއެއް ފޮނުއްވާފައެވެ.
މި ތުހުމަތުތަކާއި ގުޅިގެން އެމްއާރުއެމް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމްއާރުއެމް އަކީ ކޮރަޕްޝަނާއި ދެކޮޅަށް ވަކާލާތުކޮށް ކޮރަޕްޝަން ހުއްޓުވުމަށް އަބަދުވެސް މަސައްކަތްކުރާ ޕާޓީއެއްކަމަށެވެ. ނަމަވެސް މިފަދަ މައްސަލަތައް ބެލުމަށް ހެދިފައިވާ މުއައްސަސާތަކުން ފުރިހަމަ ތަހުގީގެއް ހިންގުމަށްފަހު މެނުވީ މިކަމުގައި ގޮތް ނިންމުމަކީ ރަނގަޅު ގޮތެއް ނޫންކަމަށް އެ ޕާޓީން ދެކޭކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
މީގެއިތުރުން ތުހުމަތުކުރެވިފައިވާ ފަދަ ކަންކަން ކުރަމުންދާ ކަމަށްވާނަމަ، އެކަންކަން ކުރަމުން އައިސްފައިވަނީ ކިހާ ދުވަހަކަށް އަދި ކިހާ ބައެއްގެ ބައިވެރިވުމާއި އެކުގައިކަން ވެސް ހާމަވާނީ ކަމާބެހޭ ފަރާތްތަކުން ކުރާ ފުރިހަމަ ތަހުގީގަކަށްފަހުކަމަށް ޕާޓީން ގަބޫލުކުރާކަމަށް ވެސް ބުނެފައިވެއެވެ.
ޝިމާޒަކީ އެމްއާރުއެމްގެ ސްލޮޓެއްގައި މަގާމުގައި ހުރި ފަރާތަކަށްވާތީ އެމްއާރުއެމްގެ އެތެރޭގެ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެމަތިން މި ތުހުމަތުތަކާއި ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކޮށް ޝިމާޒުއަށް ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމަށްފަހު ޕާޓީން ގޮތެއް ނިންމާނެކަމަށް ވެސް އެ ޕާޓީން ބުނެއެވެ.
ބުދަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ޝިމާޒް އަލީ އަށް ފިޔަވަޅު އަޅަން ޖެހޭތޯ ބެލުމަށް ފަހު އެކަން ކުރަން ޖެހޭ ނަމަ އަޅަން ޖެހޭ ފިޔަވަޅެއް އަޅާނެ ކަމަށެވެ. މިއުވާން ވަނީ މިނިސްޓަރު ނަހުލާގެ އެފަދަ ސިޓީ އެއް ރައީސް އަށް ލިބިވަޑައިގަންނަވާފައިވާކަން ކަށަވަރުކޮށްދެއްވާފައެވެ. އަދި އެ ސިޓީ އާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ވެސް މިއުވާން ވިދާޅުވިއެވެ.
މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވެހިކަލްތަކުގެ ނަމްބަރު ޕްލޭޓް ބަދަލުކުރުމަށް ކުންފުންޏަށް އެހީތެރިވުމާއި ގުޅިގެން ޓްރާންސްޕޯޓް މިނިސްޓްރީގެ އިސް ބައެއް މުވައްޒަފުންނާއި ގުޅުން ހުރި މައްސަލަ އެއް އޭސީސީ އިން ވަނީ ބަލާފައެވެ.