ކ. މާލެ
|
2 ނޮވެންބަރ 2022 | ބުދަ 17:05
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ނ.ކެނދިކުޅުދޫގައި ޖޫނިއަރ ކޮލެޖެއް ތަރައްޤީކޮށް ހިންގުމުގެ މަސައްކަތް ވިލާ އެޑިޔުކޭޝަނަލް ސާވިސަސްއާ ހަވާލު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ނ.ކެނދިކުޅުދޫގައި ޖޫނިއަރ ކޮލެޖެއް ތަރައްޤީކޮށް ހިންގުމުގެ މަސައްކަތް ވިލާ އެޑިޔުކޭޝަނަލް ސާވިސަސްއާ ހަވާލު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ހަޔަރ އެޑިއުކޭޝަން
ޖޫނިއަރ ކޮލެޖް
ކެނދިކުޅުދޫގައި ޖޫނިއަރ ކޮލެޖެއް ތަރައްޤީކޮށް ހިންގުމުގެ މަސައްކަތް ވިލާ އެޑިޔުކޭޝަނަލް ސާވިސަސްއަށް
ކޮލެޖް ތަރައްޤީކޮށް ނިންމައި ހިންގުމުގެ މަސައްކަތް 27 މަސް ދުވަހުން ފަށާނެ
އެއްބަސްވުމުގެ މުއްދަތަކީ 50 އަހަރު

މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ރާއްޖޭގެ އެކި ސަރަޙައްދު ތަކަށް އަމާޒުކޮށް މަތީތަޢުލީމާއި ތަމްރީނު ދޭ މަރުކަޒުތައް ބިނާކޮށް ހިންގުމަށް ކުރިޔަށް ގެންދާ ޕްރޮޖެކްޓްތަކުގެ ތެރެއިން ނ.ކެނދިކުޅުދޫގައި ޖޫނިއަރ ކޮލެޖެއް ތަރައްޤީކޮށް ހިންގުމުގެ މަސައްކަތް ވިލާ އެޑިޔުކޭޝަނަލް ސާވިސަސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރުމުގެ ކޮންޓްރެކްޓްގައި ސޮއިކޮށްފިއެވެ.

މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ކޮންޓްރެކްޓުގައި ސޮއިކުރެއްވީ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ، ފާތިމަތު ޙިލްމީ، އަދި ވިލާ އެޑިޔުކޭޝަނަލް ސާވިސަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ، ވިލާ ކޮލެޖްގެ ވައިސް ރެކްޓަރ ޑރ. އަލީ ނަޖީބެވެ.

މި މަޝްރޫއަކީ، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުގެ އިސްނެގުމަށް، ރާއްޖޭގެ އެކި ސަރަޙައްދު ތަކަށް އަމާޒުކޮށް މަތީތަޢުލީމާއި ތަމްރީނު ދޭ މަރުކަޒުތައް ބިނާކޮށް ހިންގުމަށް، މި ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ހިމަނައިގެން ކުރިޔަށް ގެންދާ ޕްރޮޖެކްޓްތަކުގެ ތެރެއިން ޕަބްލިކް-ޕްރައިވެޓް ޕާޓްނަރޝިޕް އުސޫލުން ހިންގާ ޕްރޮޖެކްޓެކެވެ. މިއީ ޕްރޮޖެކްޓް ހިންގާ ފަރާތުން ފަންޑުކޮށްގެން އިމާރާތް ކުރުމުގެ މަސައްކަތާއި ހިންގުމުގެ މަސައްކަތް ކުރާ އުސޫލުން (ބިލްޑް-ފައިނޭންސް-އޮޕަރޭޓް މޮޑެލްގައި) ކުރުމަށް ހަވާލުކުރެވިފައިވާ މަސައްކަތެކެވެ.

ނ.ކެނދިކުޅުދޫގައި ތަރައްޤީ ކުރަން ހަމަޖެހިފައިވާ މި ޖޫނިއަރ ކޮލެޖް ޚާއްސަ ކޮށްފައިވަނީ މަތީ ފަންތީގެ ޓޫރިޒަމް އަދި ހޮސްޕިޓަލިޓީ ދާއިރާގެ ފަންނީ އެކި ލެވެލްތަކުގެ ކޯސްތަށް ހިންގުމަށެވެ. ނަމަވެސް ތަފާތު އެހެނިހެން ދާއިރާތަކުން ވޮކޭޝަނަލް ކޯސްތައް ވެސް މި އިންސްޓިޓިއުޓުގައި ހިންގުމަށް މަގުފަހިވާނެ ކަމަށް މައުލޫމާތު ލިބެއެވެ.

މި ޖޫނިއަރ ކޮލެޖް ޢިމާރާތް ކުރުމަށްޓަކައި ކެނދިކުޅުދޫއިން 86،000 އަކަފޫޓްގެ ބިމެއް ވަނީ  ކައުންސިކިލުން ހަމަޖައްސައިދީފައެވެ. މި ޕްރޮޖެކްޓްގެ ހުރިހާ ފޭސްއެއް ނިމޭއިރު ޖޫނިއަރ ކޮލެޖުގައި ކިޔަވައިދިނުމަށް ބޭނުންކުރާ އިންސްޓިޓިއުޓް ބްލޮކެއްގެ އިތުރުން އެކޮމަޑޭޝަން ބްލޮކެއް ހުންނާނެއެވެ. މި ޖޫނިއަރ ކޮލެޖުގައި ޓޫރިޒަމް އަދި ހޮސްޕިޓާލިޓީގެ ފަންނީ ތަމްރީނުތައް ދިނުމަށާއި ޢަމަލީ ތަޖުރިބާ ހޯދައިދިނުމަށްޓަކައި ޓޫރިސްޓް ފެސިލިޓީއެއް އިންސްޓިޓިއުޓާއެކު ތަރައްޤީކުރެވިގެން ދާނެއެވެ. މީގެ އިތުރުން މަދުވެގެން 6 ކްލާސް ރޫމާއި އައި.ސީ.ޓީ ލެބޯޓަރީއަކާއި، އޮޑިޓޯރިއަމްއެއްގެ އިތުރުން ލައިބްރަރީ އެއްވެސް ހުންނާނެއެވެ.

އަދި އިދާރީ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާއަކާއި ސްޓާފް ރޫމަކާއި ދަރިވަރުންގެ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާގެ އިތުރުން މީޓިންގ ރޫމްތަކާއި ސްޓަޑީ ރޫމްތައްވެސް ހުންނާނެއެވެ. މީގެ އިތުރުން ވެސް، މި ޢިމާރާތުގައި ދަރިވަރުންގެ ސިއްހީ ދުޅަހެޔޮކަމަށް އެކި ކަހަލަ ކުޅިވަރުކުޅެވޭނެ އެކްޓިވިޓީ ސެންޓަރަކާއެކު ހުރުމާއެކު އަސާސީ ޚިދުމަތްތައް (ނަމާދުކުރާނެ ތަނަކާއި ފާޚާނާއާއި ލިފްޓް ފަދަ ކަންކަން) ހިމެނިފައިވެއެވެ.

މި ވެވުނު އެއްބަސްވުމުގެ ދަށުން ކޮލެޖް ތަރައްޤީކޮށް ނިންމައި ހިންގުމުގެ މަސައްކަތް 27 މަސް ދުވަހުން ފަށާނެއެވެ. މުޅި އެއްބަސްވުމުގެ މުއްދަތަކީ 50 އަހަރެވެ.

ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ.އިބްރާހީމް ޙަސަން ވިދާޅުވީ، މީހުން ބިނާކުރުމަކީ މިސަރުކާރުން ވަރަށްބޮޑު އަހަންމިއްޔަތުކަމެއް ދެއްވާކަމެއްކަމަށާއި، އެކަމަށް އަބަދުވެސް ދެއްވާ އެއްބާރުލުމާއި އެހީތެރިކަން ފާހަގަ ކުރައްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙަށް ޝުކުރުއަދާކުރެއްވެވިއެވެ.

ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަޙްމަދު ޢީސަގެ ވާހަކަފުޅުގައި މި ޕްރޮޖެކްޓުގައި ސޮއި ކުރެވިގެންދިޔުމަކީ ވަރަށްވެސް އުފާވެރި ކަމެއް ލިބިގެންދިޔަ ކަމެއް ކަމާއި މިއީ ގިނަދުވަސްވަންދެއް ދެކެމުންއައި ހުވަފެން ހަޤީޤަތަކަށް ވެގެން ދިޔުން ކަމަށް ސިފަކުރައްވާފައެވެ. އަދި މިކަން ކާމިޔާބު ވެގެން ދިޔަކަމަށްޓަކައި މިކަމުގައި މަސައްކަތް ތައްކޮށްދެއްވި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނަށާއި، ކެނދިކުޅުދޫ ކައުންސިލަށް އަދި ވިލާ އެޑިޔުކޭޝަނަލް ސާވިސަސް ޕްރައިވެޓް ލިމިޓެޑަށް މެމްބަރު ޢީސަ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މިއަދުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންގެ އިސްވެރިންނާއި ވިލާ އެޑިޔުކޭޝަނަލް ސާވިސަސްގެ ބޭފުޅުންގެ އިތުރުން ކެނދިކުޅުދޫ ކައުންސިލްގެ މުވައްޒަފުން އަދި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަޙްމަދު ޢީސާ އޮންލައިންކޮށް ބައިވެރިވެ ވަޑައިގެންނެވިއެވެ.

- ކޮމެންޓް