ކ. މާލެ
|
1 ނޮވެންބަރ 2022 | އަންގާރަ 18:52
ރަޝިއާގެ ރައީސް ވްލެޑްމިއަރ ޕުޓިން
ރަޝިއާގެ ރައީސް ވްލެޑްމިއަރ ޕުޓިން
ރޮއިޓަސް
ރަޝިއާގެ ރައީސް ވްލެޑްމިއަރ ޕުޓިން
މިއަށްވުރެ ބޮޑެތި ގެއްލުން ޔޫކްރެއިނަށް ދެވޭނެ ބާރު އެބައޮތް: ޕުޓިން
ޕުޓިން ވިދާޅުވީ ހޯމަ ދުވަހު ދިން މިހަމަލާތަކަކީ ބްލެކްސީގައި ހަރަކާތްތެރިވަމުންދިޔަ ރަޝިއާގެ އަސްކަރިއްޔާއަށް އަމާޒުކޮށްދިން ހަމަލާތަކުގެ ރައްދެއް ކަމަށް
ޕުޓިން ވިދާޅުވީ މި ހަމަލާތަކަށްވުރެ ވަރުގަދަ ހަމަލާތަކެއްދީ މިހާރު ޔޫކްރެއިނަށް ލިބިފައިވާ ގެއްލުމަށްވުރެ ބޮޑެތި ގެއްލުން ދިނުމުގެ ބާރު ރަޝިއާގައި އެބައޮތްކަމަށް
ހޯމަ ދުވަހުގެ ހަމަލާތައް ދީފައި ވަނީ ގޮވާން އެކްސްޕޯޓުކުރުމަށް ވެވުނު އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ނުކުރާނެ ކަމަށް ރަޝިއާއިން ބުނުމަށް

ޔޫކްރެއިނަށް މިހާރު ދީފާއިވާ ގެއްލުމަށްވުރެ ބޮޑެތި ގެއްލުންތައް ދިނުމުގެ ބާރު ރަޝިއާގައި އެބައޮތްކަމަށް އެގައުމުގެ ރައީސް ވްލެޑްމިއަރ ޕުޓިން ވިދާޅުވެއްޖެއެވެ.

ރަޝިއާއިން މިފަހުން ޔޫކްރެއިންގެ އުމްރާނީ ބިނާތަކަށް އަމާޒުކޮށް ދިން ހަލަމާތަކަށްފަހު މީޑިއާ ވާހަކަދައްކަވަމުން ޕުޓިން ވަނީ މި ހަމަލާތަކަށްވުރެ ވަރުގަދަ ހަމަލާތަކެއްދީ މިހާރު ޔޫކްރެއިނަށް ލިބިފައިވާ ގެއްލުމަށްވުރެ ބޮޑެތި ގެއްލުން ދިނުމުގެ ބާރު ރަޝިއާގައި އެބައޮތްކަމަށް ވިދާޅުވެފައެވެ.

ޕުޓިން ވަނީ ހޯމަ ދުވަހު ދިން މިހަމަލާތަކަކީ ބްލެކްސީގައި ހަރަކާތްތެރިވަމުންދިޔަ ރަޝިއާގެ އަސްކަރިއްޔާއަށް އަމާޒުކޮށްދިން ހަމަލާތަކުގެ ރައްދެއް ކަމަށްވެސް ވިދާޅުވެފައެވެ.

މިފަހުން ރަޝިއާއިން ދަނީ ޔޫކްރެއިނަށް ގިނަ އަދަދެއްގެ މިސައިލް ހަމަލާތައް އަމާޒުކުރަމުންނެވެ. އެންމެ ފަހުގެ ހަމަލާތައް ޔޫކްރެއިންގެ އުމްރާނީ ބިނާތަކަށް އަމާޒުކޮށްފައިވާއިރު، މިމަހުގެ ކުރީކޮޅުވެސް ރަޝިއާއިން ވަނީ ޔޫކްރެއިންގެ ގިނަ ސިޓީތަކަކަށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ.

ހޯމަ ދުވަހުގެ މިހަމަލާތައް ރަޝިއާއިން ދީފައި މިވަނީ ބްލެކް ސީ މެދުވެރިކޮށް ޔޫކްރެއިންގެ ގޮވާން އެކްސްޕޯޓުކުރުމަށް ވެވުނު އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ނުކުރާނެ ކަމަށް ރަޝިއާއިން ބުނުމަށްފަހުއެވެ.

ހަނގުރާމަ ހުއްޓާލުމުގެ އެއްވެސް އިޝާރާތެއް ދެގައުމުން ކުރެ އެއްވެސް ގައުމަކުން ދެމުން ނުދާއިރު، މިފަހުން ރަޝިއާއިން ވަނީ ޔޫކްރެއިނުން "ޑަރޓީ ބޮމެއް" ބޭނުންކޮށްފާނެ ކަމުގެ އިންޒާރުވެސް ދީފައެވެ. މިތުހުމަތުތައް ޔޫކްރެއިނާ ހުޅަނގުގެ ގައުމުތަކުން ދޮގު ކުރި ނަމަވެސް ރަޝިއާއިން ވަނީ އެގައުމުން އެފަދަ ހަމަލާއަކަށް ތައްޔާރުވަމުންދާކަމަށް ބުނެފައެވެ.

މިއަހަރުގެ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ޕުޓިންގެ އަމުރަށް ރަޝިއާގެ އަސްކަރިއްޔާއިން ޔޫކްރެއިނަށް އަރައި ދޭންފެށި ހަމަލާތަކާއެކު ފެށުނު ރަޝިއާ-ޔޫކްރެއިން ހަނގުރާމައަށް މިހާރު ވަނީ ހަތް މަސް ދުވަހަށްވުރެ ގިނަ ދުވަސްވެފައެވެ.

- ކޮމެންޓް