ކ. މާލެ
|
1 ނޮވެންބަރ 2022 | އަންގާރަ 17:41
ފަތުރުވެރިންތަކެއް
ފަތުރުވެރިންތަކެއް
ވެލާނާ އެއާޕޯޓް
ފަތުރުވެރިކަން
ފަތުރުވެރިކަމުގެ ތާރީހު ގައި އެންމެ ކާމިޔާބު އޮކްޓޯބަރަކަށް މިއަހަރުގެ އޮކްޓޯބަރު މަސް
އޮކްޓޯބަރު މަހު 153،600 ފަތުރުވެރިން

ރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީހުގައި ވެސް އެންމެ ކާމިޔާބު އޮކްޓޯބަރު މަހަކަށް މިއަހަރުގެ އޮކްޓޯބަރު މަސް ވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނެފައިވާ ގޮތުގައި މިއަހަރުގެ އޮކްޓޯބަރު މަހު ރެކޯޑު އަދަދަކަށް ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތް ކޮށްފައެވެ. އެއީ 153،600 ފަތުރުވެރިންނެވެ. މިއީ 2019 ވަނަ އަހަރާއި 2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހާ އަޅާ ބަލާއިރު އަށް އިންސައްތައަށްވުރެ ބޮޑު ކުރިއެރުމެކެވެ.

ފަތުރުވެރިކަމުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ރާއްޖެއަށް އައީ 141928 ފަތުރުވެރިންނެވެ، އަދި 2021 ވަނަ އަހަރު އައީ 142،066 ފަތުރުވެރިންނެވެ. 2020 ވަނަ އަހަރަކީ ކޮވިޑް-19 ގެ ސަބަބުން ދުނިޔޭގެ ގިނަ ޤައުމުތައް ބަންދުކޮށްފައި އޮތް އަހަރަކަށްވުމުން އެ އަހަރު ރާއްޖެއަށް ފަތުރުވެރިން އައީ ވަރަށް މަދުންނެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ އާ ރެކޯޑާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީން ވަނީ ޓްރެވަލް އެންޑް ޓޫރިޒަމް ދާއިރާގެ ހުރިހާ ޕާޓްނަރުންނާއި މުވައްޒަފުންނާއި ސްޓޭކްހޯލްޑަރުންނަށް މަރުހަބާ ކިޔައިފައެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނެފައިވާ ގޮތުގައި މިދިޔަ ހަފުތާ ނިމުނު އިރު ރާއްޖެއަށް މިއަހަރު އައި ފަތުރުވެރިންގެ އަދަދު ވަނީ މިދިޔަ އަހަރު އައި ޖުމްލަ ފަތުރުވެރިންގެ އަދަދަށް ވުރެ އިތުރުވެފައެވެ. މިދިޔަ އަހަރު ނިމުނު އިރު ރާއްޖެ ޒިޔާރަތް ކުރީ 1،321،937 ފަތުރުވެރިންނެވެ. ނަމަވެސް އޮކްޓޯބަރު މަސް ނިމުނުއިރު 1،344،358 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް އެވްރެޖުކޮށް ދުވާލަކު 4،422 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރެއެވެ. އަދި އެވްރެޖުކޮށް 8.1 ދުވަސް ފަތުރުވެރިން ރާއްޖޭގައި ހޭދަ ކުރެއެވެ.

މިއަހަރުގެ މިހާތަނަށް 1.34 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު މިއަހަރު 1.6 މިލިއަން ފަތުރުވެރިން އަންނާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ލަފާ ކުރެއެވެ. އެ އަމާޒަށް ވާސިލުވުމަށް ދެ މަސް ދުވަހުގެ ތެރޭގައި 260000 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރަން ޖެހޭނެއެވެ.

ރާއްޖެއަށް މިއަހަރު އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވަނީ އިންޑިއާއިންނެވެ. އެ ޤައުމުން މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ 14 އިންސައްތަ ހިއްސާކުރާއިރު ރަޝިއާއިން 12.2 އިންސައްތަ، ޔޫކޭ އިން 10.9 އިންސައްތަ، ޖަރުމަނުން 8.2 އިންސައްތަ އަދި އިޓަލީން 5.6 އިންސައްތަ ހިއްސާ ކުރެއެވެ.

- ކޮމެންޓް