ޖިންސީ ގޯނާގެ މައްސަލައަކާއި ވިޔަފާރި ކުރި މައްސަލައިގައި ދާންދޫ ކޯޓުގެ އިސްމެޖިސްޓްރޭޓް ލުއައްޔު އިބްރާހީމް ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ނިންމައިފިއެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނީ ގއ. ދާންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ލުއައްޔު އިބްރާހީމްއާ ގުޅޭ ގޮތުން އެ ކޮމިޝަނަށް ހުށަހެޅުނު 22 މައްސަލައެއް ތަހުގީގުކުރެވި ތައްޔާރުކުރެވުނު ރިޕޯޓު މިދިޔަ އާދީއްތަ ދުވަހު ބޭއްވި އެ ކޮމިޝަންގެ ޖަލްސާގައި ފާސްކޮށްފައިވާ ކަމަށެވެ.
22 މައްސަލައިގެ ތެރެއިން 20 މައްސަލަ ނިންމާފައި ވަނީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ޚިލާފު ކަމެއް ހިނގާފައިވާކަން ސާބިތު ނުވާ ކަމަށެވެ. އަނެއް 2 މައްސަލައިގައި ވަނީ ސުލޫކާ ޚިލާފުވެފައިވާކަން ސާބިތުވެފައެވެ.
މި ގޮތުން، ގއ.ދާންދޫ މެޖިސްޓްރޭޓް ކޯޓުގައި ވަޒީފާ އަދާކުރި މުވައްޒަފަކާމެދު އިސްމެޖިސްޓްރޭޓް އަލްއުސްތާޛު ލުއައްޔު އިބްރާހީމް ޖިންސީ ގޯނާގެ އަމަލެއް ހިންގާފައިވާކަން ސާބިތުވެފައިވާކަމަށް ޖޭއެސްސީން ބުނެއެވެ.
އަދި ކޯޓުގެ ރަސްމީ ގަޑީގަ އާއި އެ ނޫން ވެސް ވަގުތުތަކުގައި އިސްމެޖިސްޓްރޭޓް އަލްއުސްތާޛު ލުއައްޔު އިބްރާހީމް ވިޔަފާރީގައި ޢަމަލީ ގޮތުން ހަރަކާތްތެރިވެފައިވާކަމާއި، މި މައްސަލާގައި ހިމެނޭ ހެކިންނަށް ނުފޫޒު ފޯރުވަން އިސްމެޖިސްޓްރޭޓް އަލްއުސްތާޛު ލުއައްޔު އިބްރާހީމް މަސައްކަތްކުރިކަން ސާބިތުވެފައިވެއެވެ.
އަލްއުސްތާޛު ލުއައްޔު އިބްރާހީމްގެ މައްޗަށް ސާބިތުވި ކަންކަމަކީ، ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖާގެ ފަނޑިޔާރުންގެ ޤާނޫނު)ގެ 32 ވަނަ މާއްދާގެ (ހ)ގެ (8) ވަނަ ނަންބަރާއި، (9) ވަނަ ނަންބަރާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 1.8 ވަނަ ނަންބަރާއި، 6.1 ވަނަ ނަންބަރާއި، 3.2 ވަނަ ނަންބަރާއި، 4.1 ވަނަ ނަންބަރާއި ޚިލާފު ޢަމަލުތަކަކަށްވާތީ، ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނު)ގެ 32-1 (ހ)ގެ 4 ވަނަ ނަންބަރުގެ ދަށުން، އިސްމެޖިސްޓްރޭޓް އަލްއުސްތާޛު ލުއައްޔު އިބްރާހީމް ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ފެންނަ ކަމަށް ކޮމިޝަނުން ވަނީ ނިންމާފައެވެ.