ބާސެލޯނާ މިހާރު އޮތް ހިސާބުން ރަނގަޅު ހިސާބަކަށް ދިޔުމަށް ވަގުތާއި ކެތްތެރިކަން ބޭނުންވާކަމަށް އެ ޓީމުގެ ފޯވާޑް ރޮބާޓް ލެވަންޑޯސްކީ ބުނެފިއެވެ.
ކުރީގެ ކުލަބުު ޖަރުމަނުގެ ބަޔާން މިއުނިކް ދޫކޮށްލުމަށްފަހު ލެވަންޑޯސްކީ ބާސެލޯނާ އަށް ބަދަލުވީ މި ސީޒަންގައެވެ. ބާސެލޯނާ އަށް ބަދަލުވެ ލެވަންޑޯސްކީ އެ ޓީމުގައި މޮޅު ކުޅުމެއް ދެއްކި ނަމަވެސް، ބާސެލޯނާ އަށް ވަނީ ޔުއެފާ ޗެމްޕިއަންސް ލީގު ނިމިފައެވެ. އެ ޓީމު ހިމެނުނު ގްރޫޕުން ބާސެލޯނާ އަށް ލިބެނީ ތިން ވަނަ އެވެ. ބާސެލޯނާ އަށް ޖެހޭނީ ޔުއެފާ ޔޫރޮޕާ ލީގުގައި ވާދަކުރާށެވެ. އެންމެ ފަހުން މިދިޔަ ސީޒަނުގައި ވެސް އެ ޓީމު ވަނީ ޔޫރޮޕާ ލީގުގައި ވާދަކޮށްފައެވެ.
އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ލެވަންޑޯސްކީ ބުނީ އޭނާ ހުރީ، ކުރިންސުރެ ކުޅެން އުންމީދުކުރަމުން އައި ކުލަބެއްގައި ކަމަށެވެ. އޭނާ ބުނީ ބާސެލޯނާގައި ހުރެވޭތީ އެކަމާ ފަޚުރުވެރިވެ، އުފާވާ ކަމަށެވެ. މީގެ އިތުރުން ލެވަންޑޯސްކީ ބުނީ ބާސެލޯނާ އަށް ބަދަލުވި ފުރަތަމަ ސީޒަންގައި ހުރިހާ ކަމެއް އެންމެ ފުރިހަމަ އަށް ދާނެ ކަމަށް އޭނާ އުންމީދު ނުކުރާ ކަމަށެވެ. ނަމަވެސް މިހާރު ބާސެލޯނާ އޮތް ހިސާބުން އެހެން ހިސާބަކަށް ދިޔުމަށް ބޭނުންވަނީ ވަގުތުގާއި ކެތްތެރިކަން ކަމަށް ލެވަންޑޯސްކީ ބުންޏެވެ.
އަހަރެން އުންމީދެއް ނުކުރަން ފުރަތަމަ ސީޒަންގައި ހުރިހާ ކަމެއް އެންމެ ރަނގަޅަށް ގޮސްދާނެ ކަމަކަށް، ނަމަވެސް މިހާރު މި އޮތް ހިސާބަކީ ވަގުތާއި ކެތްތެރިކަން ބޭނުންވާ ހިސާބެއް.ރޮބާޓް ލެވަންޑޯސްކީ
ބާސެލޯނާ އަށް ބަދަލުވެ ލެވަންޑޯސްކީ އަންނަނީ އޭނާގެ ރަނގަޅު ފޯމު ދަމަހައްޓައި، މޮޅަށް ކުޅެމުންނެވެ. އަބަދު ވެސް ގޯލާ ރައްޓެހިކަމަށް ފާހަގަކުރެވޭ ލެވަންޑޯސްކީ ވަނީ ބާސެލޯނާ އަށް މިހާތަނަށް ކުޅެދިން 17 މެޗުން 18 ލަނޑު ޖަހާފައެވެ. މީގެ ތެރެއިން 13 ލަނޑާ އެކު އޭނާ އޮތީ ސްޕެނިޝް ލީގުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ލިސްޓުގެ އެއް ވަނައިގައެވެ. ޗެމްޕިއަންސް ލީގުގައި އޭނާ ވަނީ ފަސް ލަނޑު ޖަހާފައެވެ.
ބާސެލޯނާ އަށް ޗެމްޕިއަންސް ލީގު ގްރޫޕް ސްޓޭޖުގައި ބާކީ އެއް މެޗު އެބަ އޮތެވެ. ބުދަ ދުވަހު ބާސެލޯނާ އިން ވިކްޓޯރިއާ ޕްލެޒެން އާ ދެކޮޅަށް ކުޅޭ މެޗުގައި ލެވަންޑޯސްކީ ނުކުޅޭނެއެވެ. ސަބަބަކީ ޗެމްޕިއަންސް ލީގުން ޓީމު ކެޓުމާ އެކު ކޯޗު ޒަވީ ހެނާންޑޭޒްގެ ފޯކަސް މިހާރު ހުރީ ސްޕެނިޝް ލީގަށެވެ.