ކ. މާލެ
|
31 އޮކްޓޯބަރ 2022 | ހޯމަ 22:07
އޮކްޓޯބަރު 30 ވަނަ ދުވަހު އިމްރާން ދަތުރު ކުރައްވަމުން ގެންދެވި ޓްރަކްގެ ދަށުވެ މަރުވީ 40 އަހަރުގެ ނޫސްވެރިޔެއް
މަރުވި ނޫސްވެރިޔާގެ ޖަނާޒާ
އިމްރާންގެ ޓްރަކް ދަށުވެ މަރުވި ނޫސްވެރިޔާގެ ޖަނާޒާ ބާއްވާއިފި
 
ނޫސްވެރިޔާ މަރުވެފައިވަނީ އިމްރާންއާ އިންޓަރވިއު ކުރުމަށް އެ ޓްރަކަށް އަރަން އުޅުމުގެ ތެރޭގައި ބެލެންސް ގެއްލިގެން ވެއްޓި، ކުރީ ފުރޮޅުގެ ދަށުވެގެން
 
ހާދިޘާ ހިނގާފައި ވަނީ އިމްރާންއާއި އޭނާގެ ސަޕޯޓަރުންގެ ގާފިލާއިން، ވެރިރަށް އިސްލާމްއާބާދާ ދިމާއަށް މިޞްރާބު ޖަހަފައި ވަނިކޮށް

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ހާންގެ ޓްރަކް ދަށުވެ މަރުވި ނޫސްވެރިޔާގެ ޖަނާޒާ، އޮކްޓޯބަރު 31 ވީ ހޯމަ ދުވަހުގެ ފަތިހު ބާއްވައިފިއެވެ.

އޮކްޓޯބަރު 30 ވަނަ ދުވަހު އިމްރާން ދަތުރު ކުރައްވަމުން ގެންދެވި ޓްރަކްގެ ދަށުވެ މަރުވި 40 އަހަރުގެ ނޫސްވެރިޔާ، ސަދަފް ނަޢީމުގެ ޖަނާޒާގައި އެތައް ސަތޭކަ ބަޔަކު ވަނީ ބައިވެރިވެފައެވެ. ލާހޯރްގައި ހުންނަ ސަދަފްގެ ގޭގައި އޭނާގެ ހަށިގަނޑު ބާއްވާފައި އޮތް އިރު، އާއިލާގެ މެންބަރުންނާއި ރަޙުމަތްތެރިންގެ އިތުރުން ނޫސްވެރިންނާއި، ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ ގިނަ ބަޔަކުވެސް ވަނީ އެންމެ ފަހުގެ އިޚްތިރާމް އަދާ ކުރުމަށް އެ ގެއަށް ޒިޔާރަތް ކޮށްފައެވެ.

ފުން ހިތާމައިގެ މި ދަނޑިވަޅުގައި، މި ހިތްދަތިކަން ތަޙައްމަލު ކުރުމަށް ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދި މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވަން.
އިމްރާން ހާން؛ ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު

ހާދިޘާ ހިނގާފައި ވަނީ އިމްރާންއާއި އޭނާގެ ސަޕޯޓަރުންގެ ގާފިލާއިން، ވެރިރަށް އިސްލާމްއާބާދާ ދިމާއަށް މިޞްރާބު ޖަހަފައި ވަނިކޮށް ކަން، ޕާޓީ އޮފިޝަލުންނާއި ނޫސްވެރިން ވަނީ ކަށަވަރު ކޮށްދީފައެވެ. ލޯންގް މާޗްގެ ނަމުގައި އިމްރާން އިސްކޮށް ހުންވައިގެން ކުރިއަށް ގެންދެވި އެ ހަރަކާތަކީ، އަވަސް އިންތިޚާބެއް ބޭއްވުމަށް ފެޑެރަލް ސަރުކާރަށް ޑިމާންޑް ކުރުމުގެ ގޮތުން ކުރިއަށް ގެންދެވި ހަރަކާތެއް ކަމަށް ވާއިރު، ނޫސްވެރިޔާގެ މަރުގެ ހާދިޘާއާ ގުޅިގެން އެ ހަރަކާތް މެދުކަނޑާލި ކަމަށް މައުލޫމާތު ލިބެއެވެ.

ހާދިޘާގެ މަންޒަރު ދުށް ނޫސްވެރިއެއް ކަމަށްވާ ޤާއްޒާފީ ބަޓް، ރޮއިޓަރޒްއަށް ބުނީ، އިސްލާމް އާބާދުގެ 220 ކިލޯމީޓަރު ބޭރުން އޮންނަ ގުޖުރަންވާލާ ސިޓީ ކައިރިން އިމްރާންގެ ޓްރަކް ދަތުރު ކުރަމުން ދިޔައިރު، އިމްރާންއާ އިންޓަރވިއު ކުރުމަށް އެ ޓްރަކަށް އަރަން އުޅުމުގެ ތެރޭގައި ސަދަފްގެ ބެލެންސް ގެއްލިގެން ވެއްޓި، ކުރީ ފުރޮޅުގެ ދަށުވީއެވެ.

ޕާކިސްތާން ތަހްރީކީ އިންސާފުގެ ލީޑަރު މުސައްރަތު ޖަމްޝީދު ޗީމާވެސް ވަނީ، ސަދަފް ނައީމްގެ ގައި މަތިން، އިމްރާންގެ އުޅަނދު ދިޔަ ކަން ކަށަވަރު ކޮށްދެއްވާފައެވެ.

އިމްރާންއާއި އޭނާގެ ސަޕޯޓަރުންގެ ޤާފިލާއަކީ ލާހޯރް އިން އިސްލާމްއާބާދަށް ދަތުރު ކުރަމުން ދިޔަ ޤާފިލާއެކެވެ. އެ ޤާފިލާއަށް އިސްލާމްއާބާދަށް ދެވޭނެ ކަމަށް ބެލެވެނީ ނޮވެމްބަރު 4 ވާ ހުކުރު ދުވަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
20%
0%
20%
20%
40%
0%
ކޮމެންޓް