ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަނީ ޖަޒީރާ ފާގަތި ދިރިއުޅުން ރައްޔިތުންނަށް ހޯދައި ދިނުމަށްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙު ވިދާޅުވެއްޖެއެވެ.
ރައީސް އެހެން ވިދާޅުވީ އަރިއަތޮޅު އުތުރުބުރީ މާޅޮހު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ އާ ބައްދަލު ކުރެއްވުމަށްފަހު ކުރެއްވި ޓްވީޓެއްގައެވެ. އެގޮތުން އާދީއްތަ ދުވަހުގެ މެންދުރު ފަހު ރައީސް އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ މާޅޮހުގެ ތަރައްޤީގެ މުހިންމު ކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.
ރައީސް ކުރެއްވި ޓްވީޓުގައި ވިދާޅުވީ، އއ މާޅޮހު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއާ ބައްދަލުވެވަޑައިގަތުމުން، ރަށުގެ ތަރައްޤީއަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އެރަށުގެ ރައްޔިތުންގެ ފުރިހަމަ ތާއީދުއޮތްކަން ހާމަވެގެން ގޮސްފައިވާ ކަމަށެވެ.
އަދި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަނީ ޖަޒީރާ ފާގަތި ދިރިއުޅުން ރައްޔިތުންނަށް ހޯދައި ދިނުމަށްކަން ރައީސް ފާހަގަ ކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި އއ. މާޅޮހު ކައުންސިލުން ވަނީ ވޭތުވެދިޔަ ދިގު ތާރީހުގައި އެ ރަށުގައި ދުވަހަކުވެސް ނުހިންގާ ވަރަށް މިވަގުތު ތަރައްގީގެ މަޝްރޫއުތައް ކުރިއަށްދާކަން ފާހަގަކޮށްފައެވެ. އަދި އެކަމަށްޓަކައި ރައީސްއަށް އެ ކައުންސިލުން ވަނީ ޝުކުރު އަދާކޮށްފައެވެ.
މާޅޮހުގެ ތަރައްގީއަށް އެންމެ މުހިންމު ކަންކަމާއި ކައުންސިލާއި ރައްޔިތުން މިވަގުތު އެންމެ ބޭނުންވާ ކަންކަން ފާހަގަކުރައްވަމުން ކައުންސިލުން ވަނީ ރަށުގައި މިހާރު ދެމުންދާ ސިއްހީ ޚިދުމަތްތައް ތަރައްޤީގީކުރަން ބޭނުންވާކަން ފާހަގަކޮށްފައެވެ. އަދި ޒަމާނީ މިސްކިތެއް ތަރައްގީކުރުމަށް ބޭނުންވާ ކަމަށާއި، ލޯކަލް ޓޫރިޒަމް ކުރިއަށްގެންދިއުމަށާއި ރަށުގެ އާންމު ރައްޔިތުން ބޭނުންކުރުމަށް ބީޗެއް ބޭނުންވާކަމުގައި ކައުންސިލުން ރައީސް އަށް ދަންނަވާފައި ވެއެވެ.
މީގެ އިތުރުން ލޯކަލް ޓޫރިޒަމް ހިންގުމަށް ހުރި ގޮންޖެހުންތައް ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ. ހަމަ އެއާއެކު ރަށުގެ ކުނި މެނޭޖުކުރުމަށް މިހާރު ބޭނުންކުރާ ވެހިކަލަށް މައްސަލަޖެހުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކާއި، ރަށުގައި ފަންނީ މީހުން ނެތުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކާއި އެފަދަ މީހުން ތަމްރީނުކުރުމުގައި ކުރިމަތިވާ ގޮންޖެހުންތައް ވެސް އެ ކައުންސިލުން ރައީސް އާ ހިއްސާ ކުރިއެވެ.
މި ބައްދަލުކުރެއްވުމުގައި މާޅޮހުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން ފާހަގަކުރީ ބަޖެޓުގެ ދަތިކަމެވެ.
މީގެ އިތުރުންވެސް މި ބައްދަލުކުރެއްވުމުގައި އއ. މަތިވެރި ދާއިރާއަށް ބޭނުންވާ ތަރައްޤީގެ މަޝްރޫޢުތަކާއި މަތިވެރި ދާއިރާގެ ރައްޔިތުން އެންމެ ބޭނުންވާ ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވެވިއެވެ.
މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ މާޅޮހަށް މީގެކުރިން ކޮށްދެއްވަން ވިދާޅުވި ކަންކަމުގެ އަމަލީ މަސައްކަތް ފެށިގެން ކުރިއަށްދާކަން އެރަށުގެ ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.