ސްޕެނިޝް ލީގުގައި ރެއާލް ބެޓިސް އަތުން ބަލިވެ ތިން ވަނަ އަށް އަރަން ލިބުނު ފުރުސަތު ރެއާލް ސޮސިއެޑާޑުން ނަގާލައިފިއެވެ.
އާދިއްތަ ދުވަހުގެ ރޭ ސޮސިއެޑާޑުގެ ދަނޑުގައި ކުޅުނު މެޗު ބެޓިސް އިން ކާމިޔާބުކުރީ 2-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނުއިރު، އެއްވެސް ޓީމަކަށް ކާމިޔާބެއް ނުކުރެވުނެވެ.
ދެ ވަނަ ހާފަށް ނިކުމެ ބެޓިސް އިން ވަނީ ސޮސިއެޑާޑުގެ ގޯލަށް ނުރައްކާ ކޮށްފަވެ. މެޗުގެ 86 ވަނަ މިނެޓުގައި ބެޓިސް އިން ވަނީ ލަނޑެއް ޖަަހައި ލީޑު ނަގާފައެވެ. އެލެކްސް މޮރެނާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އެ ލަނޑު ޖެހީ ހުއާން ކްރޫޒް އެވެ. އޭގެ ފަހުން މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ބޯހާ އިގްލީސިއަސް ވަނީ އިތުރު ލަނޑެއް ޖަހައި ބެޓިސް އަށް ލީޑު ފުޅާކޮށްދީފައެވެ. އޭނާ ވެސް ލަނޑު ޖެހީ މޮރެނާ ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.
މެޗުން ބަލިވެ ސޮސިއެޑާޑު ވަނީ ތާވަލްގެ ފަސް ވަނަ އަށް ވެއްޓިފައެވެ. އެއީ 12 މެޗުން 22 ޕޮއިންޓުންނެވެ. މެޗުން މޮޅުވި ބެޓިސް ވަނީ ހަތަރު ވަނަ މަގާމަށް ޖެހިލައިފައެވެ. އެ ޓީމަށް 12 މެޗުން ލިބެނީ 23 ޕޮއިންޓެވެ.