ދިރާގު ހައި ސްޕީޑް ފައިބަރ އިންޓަރނެޓްގެ ޚިދުމަތް ބ. ހިތާދޫ އަށް ތައާރަފު ކޮށްފިއެވެ.
މި ޚިދުމަތް އެ ރަށަށް ތައާރަފު ކޮށްފައިވަނީ އާދީއްތަ ދުވަހުއެވެ. މިއީ ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ޚިދުމަތްތައް ފުޅާކޮށް ތަރައްގީކުރުމުގެ ދަށުން އެ ރަށުގައި ތައާރަފު ކުރި ޚިދުމަތެކެވެ.
މި ޚިދުމަތް ރަސްމީކޮށް އިފްތިތާހު ކޮށްފައިވަނީ ހިތާދޫގެ ރައްޔިތުންނަށް ޚާއްސަ އޮފަރތަކަކާ އެކުގައެވެ. އެގޮތުން، ދިރާގު ފައިބަރ ބްރޯޑްބޭންޑް ޕެކޭޖަށް އެޕްލައި ކުރާ ކަސްޓަމަރުންނަށް ހިލޭ ފައިބަރ ގުޅައިދިނުމުގެ އިތުރުން ފައިބަރ އަށް ބޭނުންވާ ހާއްސަ ރައުޓަރ ނުވަތަ އޯއެންޓީ ވެސް ހިލޭ ލިބިގެންދާނެއެވެ.
މިއީ އެންމެ ހަލުވި ސްޕީޑް އާއި އެންމެ ބޮޑެތި ޑޭޓާ އެލަވަންސްތައް ހިމެނޭ ތަފާތު ޕެކޭޖްތައް ޚިޔާރުކުރުމަށް ލިބިގެންދާ ރަނުގެ ފުރުސަތެއް ކަމަށް ދިރާގުން ބުނެއެވެ.
ދިރާގު ފައިބަރ ބްރޯޑްބޭންޑް ޚިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ބޮޑު އެއް ފައިބަރ ނެޓްވޯކެވެ. އެގޮތުން މިހާރު ރާއްޖޭގެ ގޭބިސީގެ 85 އިންސައްތައަށް މި ޚިދުމަތް ދިރާގުން ދަނީ ފޯރުކޮށްދެމުންނެވެ. އެއީ 97 ރަށެވެ.
މި އޮފަރ ކުރިއައްދާ މުއްދަތުގައި ދިރާގު ޓީވީއަށް އެޕްލައި ކުރާ ކަސްޓަމަރުންނަށްވެސް ޚިދުމަތް މުޅިން ހިލޭ ގުޅައިދިނުމުގެ އިތުރުން، ޖޯއިބޮކްސްވެސް (ޑީކޯޑަރ) މުޅިން ހިލޭ ލިބިގެންދާނެ ކަމަށް ދިރާގުން ބުނެއެވެ.
ދިރާގުން ބުނި ގޮތުގައި އެ ކުންފުނިން އަބަދުވެސް ބަލަނީ ކަސްޓަމަރުންނަށް ދެވޭނެ ލުއިފަސޭހަގޮތްތައް ހޯދައިދިނުމަށެވެ. އެގޮތުން އިނޮވޭޝަނާއި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންގެ ތަޖުރިބާ ރަނގަޅުކުރުމަށް އަބަދުވެސް މަސައްކަތް ކުރަމުންދާނެ ކަމަށް އެ ކުންފުނިން ބުނެއެެވެ.