ކ. މާލެ
|
30 އޮކްޓޯބަރ 2022 | އާދީއްތަ 17:59
އިމާރާތެއްގައި ބަޔަކު މަސައްކަތްކުރަނީ
އިމާރާތެއްގައި ބަޔަކު މަސައްކަތްކުރަނީ
ޓްވިޓަރ
ސަލާމަތީ ފިޔަވަޅުތައް
އަދިވެސް މަސައްކަތްކުރަނީ ސަލާމަތީ ފިޔަވަޅުތައް ނާޅައި
ސަލާމަތީ މިންގަނޑުތަކާއި އުސޫލުތައް މިހާރު ރާއްޖޭގައި އެކުލަވާލާފައި އޮތް ނަމަވެސް އެއަށް އަމަލެއްނުކުރެވޭ

މީގެ އެއް މަސް ކުރިއެވެ. މީޑިއާތަކަށް ތިލަވެގެން ދިޔައީ ހ. ޒާހަމްގައި މަސައްކަތް ކުރަނިކޮށް މޫނަށް ދަގަނޑެއް ހެރުނު މީހެއްގެ ވާހަކައެވެ. އެއީ ރަޝީދް ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ)ގައި މަސައްކަތް ކުތާ އުމުރުން 34 އަހަރުގެ ބަންގްލަދޭޝް މީހެކެވެ. އެމީހާ ސަލާމަތްވާނެކަމަށް އެއްވެސް މީހަކު އުންމީދެއްނުކުރެއެވެ. މި ހާދިސާ ހިނގި ވަގުތު އެ މީހާ ހުރީ ހެލްމެޓް އަޅައި ސޭފްޓީ ބޫޓަށް އަރައިގެން ކަމަށްވެސް އޭޑީކޭ ހޮސްޕިޓަލުން މައުލޫމާތުދިނެވެ.

މި ހާދިސާ ހިނގުމާގުޅިގެން އޭރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭޑީކޭ ހޮސްޕިޓަލުގެ ޑޮކްޓަރުން ފާހަގަކުރެއްވީ ވަރަށް މުހިންމު ވާހަކައެކެވެ. މަސައްކަތްތެރިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް، ވިޔަފާރިވެރިންނާއި އަދި ކަމާގުޅޭ އެންމެން މަސައްކަތްކޮށްދިނުމަށެވެ.

ކޮންސްޓްރަކްޝަން ދާއިރާ ރައްކާތެރިކަން ގާއިމުކުރުމަށް ޑޮކްޓަރުން އެދިވަޑައިގެންނެވިއެވެ. ކޮންސްޓްރަކްޝަން ފަދަ މަސައްކަތް ކުރާ ތަންތަނުގައި ބަހައްޓަން ޖެހޭނީ އެންމެ ވަރުގަދަ އުސޫލުތަކެވެ. އަދި އެފަދަ ރަނގަޅު ސަލާމަތީ މިންގަނޑުތަކާއި އުސޫލުތައް މިހާރު ރާއްޖޭގައި އެކުލަވާލާފައި އޮތްނަމަވެސް އެއަށް އަމަލު ނުކުރެވޭތަން އާދެއެވެ.

އޫސުލެއް އޮތަސް އަދި އެކަމަށް ބޯލަނބައި، އަމަލު ކުރާތަނެއް ނުފެނެއެވެ. ކޮންސްޓްރަކްޝަން ސައިޓްތަކުގައި މުވައްޒަފުން މަސައްކަތްކުރަނީ ސަލާމަތީ ފިޔަވަޅުތައް ނާޅައެވެ. މިފަދަ އެތައް ވީޑިއޯތަކެއް އެކި ދުވަސްވަރުގައި ސޯޝަލް މީޑިއާތަކުގައި ދައުރުވެއެވެ. އެކަމަކު މި މައްސަލައަށް އެދެވޭ ހައްލެއް ނާދެއެވެ. ސަލާމަތީ ފިޔަވަޅުތައް ނާޅައި، ސޭފްޓީ އިކުއިޕްމަންޓްސް ބޭނުންކޮށްގެން މަސައްކަތްކުރާ މީހުންނެއް ނުފެނެއެވެ.

މިއީ މި މަހުގެ ތެރޭގައި ހިނގައި ދިޔަކަމެކެވެ. އޮފީސް ނިންމާލުމަށްފަހު ގެއާ ދިމާއަށް ސައިކަލުގައި ދިޔައީމެވެ. ގެއަށް ވަންނަ ގޯޅީގެ ކަންމަތީގައި ހުރި ހަދަމުންދާ އިމާރާތެކެވެ. ޗީބޯ ރެންސްޓޯރެންޓާ ދިމާއަށްވާގޮތަށް އެ އިމާރާތް ހުންނައިރު، އެތަނުގެ ސެކިއުރިޓީވެސް އިންތިހާއަށް ވަރުގަދައެވެ. އެހެންނަމަވެސް އެ އިމާރާތުގެ މަތީގައި މަސައްކަތް ކުރަން ތިބި ދެ ބިދޭސީ މުވައްޒަފުން ތިބީ އެއްވެސް ގޮތަކުން ސަލާމަތީ ފިޔަވަޅެއް ނާޅައެވެ. ފައި ކައްސާލައިގެން ގޮސް ވެއްޓުނަސް އެމީހާ ބިންމަތީގައި ޖެހޭނެކަން ޔަގީނެވެ. އެފަދަ ނުރައްކާތެރި ހާލަތެއްގައި މަސައްކަތް ކުރަމުންދާއިރު އެންމެންނަށްވެސް އެ މަންޒަރު ފެނެއެވެ. އެހެންނަމަވެސް ކަމާގުޅޭ މުއައްސަސާތަކުން އެކަމަށް މާބޮޑު ފަރުވާލެއް ނުބަހައްޓައެވެ.

އެކި އޮފީސްތަކުގައި އެތެރެއަށްވާގޮތަށް ހުންނަ އުސްތަން ތަންތަނަށް އަރައިގެން ކުރަންޖެހޭ މަސައްކަތްތަކުގައި، އެ މުވައްޒަފުންވެސް ސޭފްޓީ އިކުއިޕްމަންޓް ބޭނުމެއް ނުކުރެއެވެ. ތަނުގެ މެނޭޖްމަންޓަށްވެސް މިކަން އެނގެއެވެ. އެހެންނަމަވެސް އަޅައެއްނުލައެވެ. މީހުންނަށް ފެންނަން ހުންނަ ހިސާބުތަކުގައި ސޭފްޓީ އިކުއިޕްމަންޓް އެޅިޔަސް ހަގީގަތުގައި މިއީ މިކަން ހިނގަން ޖެހޭނެ ގޮތެއް ނޫނެވެ. ރައްކާތެރިކަމުގެ ފިޔަވަޅު ކުރިން އަޅަން އެބަޖެހެއެވެ. ސަލާމަތީ ފިޔަވަޅުތައް ނޭޅުމުން ގެއްލުންވާނީ ހަމަ އެމީހަކަށެވެ. އެހެންކަމުން މިއީ ވިސްނާލަން ނުހަނު މުހިންމު ކަމެކެވެ.

ކަމެއް ދިމާވުމުގެ ކުރިން ފިޔަވަޅު އަޅަން ޖެހެއެވެ. ކަމަކައިގެން އުޅެންޖެހެނީ މީހެއްގެ ފުރާނަ ދިއުމަކުން އެކަންޏެއްނޫނެވެ. އޮފީސްތަކުންނާއި ކޮންސްޓްރަކްޝަން ސައިޓްތަކުން މުވައްޒަފުންނަށް އެކަމަށް މަގުފަހިކޮށްދޭން އެބަޖެހެއެވެ. މިކަމުގައި އެންމެންގެ ޒިންމާވެސް މުހިންމެވެ.

- ކޮމެންޓް