ކ. މާލެ
|
30 އޮކްޓޯބަރ 2022 | އާދީއްތަ 18:54
"އެންޓި-ކޮރަޕްޝަން ކޮންފަރެންސް 2022"ގައި ރައީސް ވާހަކަފުޅުދައްކަވަނީ
"އެންޓި-ކޮރަޕްޝަން ކޮންފަރެންސް 2022"ގައި ރައީސް ވާހަކަފުޅުދައްކަވަނީ
ރާއްޖެއެމްވީ
ކޮރަޕްޝަންގެ މައްސަލަތައް
ޕޯޓަލްއިން ހުށަހެޅި ކޮރަޕްޝަންގެ ގިނަ މައްސަލަތަކަކީ ސަރުކާރުގެ ކުންފުނިތަކާގުޅޭ މައްސަލަތައް: ރައީސް
އެންޓި-ކޮރަޕްޝަން ކޮމިޝަނުން ކުރާ އެއްވެސް ކަމަކަށް، އަދި ކުރާ ތަހުގީގަކަށްވެސް ސަރުކާރުގެ އެއްވެސް ނުފޫޒެއް ފޯރުވާފައި ނުވާނެކަމަށް ރައީސް ވިދާޅުވި
ޕޯޓަލް މެދުވެރިކޮށް 300ށްވުރެ ގިނަ މައްސަލަ ހުށަހަޅާފައިވޭ

ކޮރަޕްޝަންގެ މައްސަލަތައް ހުށަހެޅުމަށް އެކުލަވާލި ޕޯޓަލްއިން އެންމެ ގިނައިން ހުށަހަޅާފައި ވަނީ ސަރުކާރު ކުންފުނިތަކާގުޅޭ މައްސަލަތައްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ޓްރާންސްޕޭރެންސީ މޯލްޑިވްސްއާއި އެންޓި-ކޮރަޕްޝަން ކޮމިޝަން ގުޅިގެން އާދިއްތަ ދުވަހު ފެށި "އެންޓި-ކޮރަޕްޝަން ކޮންފަރެންސް 2022" ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ކޮރަޕްޝަންގެ މައްސަލަތައް 12 ފެބްރުއަރީ 2019 ވެބް ޕޯޓަލް މެދުވެރިކޮށް 300ށްވުރެ ގިނަ މައްސަލަ ހުށަހަޅާފައިވާކަމަށެވެ. އޭގެތެރެއިން 146 މައްސަލައަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މައްސަލަތައްކަމަށް ރައީސް ވިދާޅުވިއެވެ. އެފަދަ ޕޯޓަލެއް އެކުލަވާލުމުގެ މަގުސަދަކީ; ދައުލަތުގެ މުއައްސަސާގެ ކޮރަޕްޝަންގެ އަމަލުތައް ރިޕޯޓްކުރުމުގެ ފުރުސަތު ހޯދައިދިނުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެގޮތުން ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި; ޕްރޮކިއުމެންޓާއި، ގޯއްޗާއި ފްލެޓް، ބިން ކުއްޔަށް ދިނުމާއި ރަށްރަށް ކުއްޔަށް ދިނުމާ ގުޅުން ހުރި މައްސަލަތައް ހިމެނޭކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ، ކޮރަޕްޝަންގެ މައްސަަތައް ހުށަހެޅުމުގައި އަމަލުކުރާނެ ގޮތާއި، އެފަދަ މައްސަލަތައް ހުށަހަޅާ މީހުން ރައްކާތެރިކުރުމާއި ގުޅޭގޮތުން ސަރުކާރުން މުހިންމު މަސައްކަތްތަކެއް ކޮށްފައިވާކަަމަށެވެ. އަދި ރިޝްވަތާއި، ނުހައްގު މުއްސަނދިކަން ހޯދުމަށް ދައުލަތުގެ މުދަލާއި ފައިސާ ބޭނުންކުރުމަކީ ޖިނާއީ ކުށެއްކަމުގައި ކަނޑައެޅީވެސް މި ސަރުކާރުންކަން ރައީސް ފާހަގަކުރެއްވިއެވެ. އެހެންކަމުން ކޮރަޕްޝަން ހުއްޓުވަން ސަރުކާރަށް އެކަށީގެންވާ ފަދަ މަސައްކަތްތަކެއް ކުރެވިފައިވާކަަމަށް ގަބޫލުފުޅުކުރައްވާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް އަދިވެސް ކުރަންޖެހޭ ގިނަ މަސައްކަތްތަކެއް އެބަހުރިކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. އެންޓި-ކޮރަޕްޝަން ކޮމިޝަނުން ކުރާ އެއްވެސް ކަމަކަށް، އަދި ކުރާ ތަހުގީގަކަށްވެސް ސަރުކާރުގެ އެއްވެސް ނުފޫޒެއް ފޯރުވާފައި ނުވާނެކަމަށް ރައީސް ވިދާޅުވިއެވެ.

"އެންޓި-ކޮރަޕްޝަން ކޮންފަރެންސް 2022"އަކީ، ޓްރާންސްޕޭރެންސީ މޯލްޑިވްސްއާއި އެންޓި-ކޮރަޕްޝަން ކޮމިޝަން ގުޅިގެން ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މަހާސިންތާއެކެވެ. މި މަހާސިންތާގައި ދައުލަތުގެ ކަމާގުޅުންހުރި އިދާރާތަކުންނާއި ސަަރުކާރުގެ ކުންފުނިތަކުން ބައިވެރިވެއެވެ.

- ކޮމެންޓް