ޕޯޗުގަލްގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާންގަނޑު ކޮންޓްރޯލް ކޮށްފައިވާ ކަމަށް އޮފިޝަލުން ބުނެފިއެވެ.
64 މީހުން މަރުވި އަދި 250 އަށް ވުރެ ގިނަ މީހުން ޒަޚަމްވި މިހާދިސާއާ ގުޅޭ ގޮތުން ޕޯޗުގަލްގެ ސަރުކާރުން ބުނެފައި ވަނީ ހާދިސާ މިއަށްވުރެ ރަނގަޅަށް މެނޭޖު ކުރެވިދާނެތޯ ދަންނަވަން އަދި މާ އަވަސްކަމަށެވެ.
ޕޯޗުގަލްގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާންގަނޑު ޖޫން 17 ގައި ރޯވެފައި ވަނީ ޕެޑްރޮގައޯ ގްރާންޑް މުނިސިޕަލްޓީގައެވެ. އަދި އެއަށްފަހު އެހެނިހެން، އެ ސަރަހައްދާ ކައިރި ސަރަހައްދުތަކަށް ފެތުރިގެން ދިޔައެވެ. ޕެޑްރޮގައޯ ގްރާންޑް މުނިސިޕަލްޓީ ގައި ރޯވި އަލިފާންގަނޑު ބުދަދުވަހު ވަނީ ނިއްވާލެވިފައެވެެ.
ޕެޑްރޮގައޯ ގްރާންޑް މުނިސިޕަލްޓީގައި ރޯވި އަލިފާންގަނޑަށް ފަހު ދެން އެންމެ ބޮޑަށް އަލިފާން ރޯވެފައި ވަނީ ގޮއިސް މުނިސިޕަލްޓީގައެވެ. އެ ސަރަހައްދުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލްވީ ބުރާސްފަތި ދުވަހު ކަަމަށް އޮފިޝަލުން ބުނެއެވެ. އެހެންނަމަވެސް އަދި ވެސް ބައެއް ސަރަހައްދުތަކުގައި އަލިފާން ރޯވެދާނެ ކަަމަށް އޮފިޝަލުން ބުނެއެވެ.
ޕޯޗުގަލްގެ ބޮޑު ވަޒީރު އެންޓޯނިއާ ކޮސްޓާ އަލިފާނުގެ ހާދިސާ ސިފަ ކުރައްވާފައި ވަނީ މިހާތަނަށް ފެނިފައިނުވާ ފަދަ އިންސާނީ ކާރިސާއެއްގެ ގޮތުގައެވެ.
ޕޯޗުގަލްއަކީ ޔޫރަޕްގައި އެންމެ ބޮޑަށް ޖަންގަލިތައް ހިމެނޭ އެއް ގައުމެވެ. ވާލްޑް ފޮރެސްޓް އިންސްޓިޓިއުޓް އިން ބުނާ ގޮތުން ޕޯޗުގަލްގެ ޖަންގަލިތަކުގެ ތެރެއިން 85 އިން ސައްތައަކީ އަމިއްލަ ފަރާތްތަކުގެ ޖަންގަލިތަކެވެ. އަމިއްލަފަރާތްތަކުގެ ޖަންގަލިތަކުގައި އެވްރެޖް ގޮތެއްގައި ހުންނަނީ ފަސް ހެކްޓަރު ނުވަތަ 12.7 އޭކަރެވެ.
ޕޯޗުގަލްގެ ޖަންގަލިތައް ރަނގަޅަށް ބަލަހައްޓާ މެނޭޖު ކުުރުމަކީ އެންމެ ބޮޑު އެއް މައްސަލަޔަށް ވާއިރު، ރަށްފުށުގެ އާބާދީ މަދުވެ ސިޓީތަކަށް ބަދަލުވާ މީހުން ގިނަވުމުގެ ސަބަބުން އަމިއްލަ ފަރާތްތަކުގެ ޖަންގަލިތައް ވަނީ ބަލަހައްޓާނެ ފަރާތެއް ނެތިފައެވެ. ޖަންގަލިތަކުގައި އަލިފާން ރޯވެއްޖެ ނަމަ ފަސޭހައިން އަލިފާން ފެތުރިދާނެ ޑެޓްރައިޓިސް ނުވަތަ ބޭކާރު ބައިތަކުން ޖަންގަލިތައް ހުންނީ ފުރިފައެވެ.