ދިވެހިރާއްޖޭގެ ހަކަތައިގެ ދާއިރާގެ މަގުޗާޓު މުރާޖާ ކުރުމުގެ ގޮތުން ކަމާބެހޭ ފަރާތްތަކާ އެކު ބޭއްވޭ މަޝްވަރާ ބައްދަލުވުމެއް އާދިއްތަ ދުވަހު ފަށައިފިއެވެ.
2030 ވަނަ އަހަރާ ހަމައަށް ހަކަތައިގެ ދާއިރާ ތަރައްޤީކޮށް ކުރިއެރުވުމަށް ދިވެހިރާއްޖެއިން ކުރުމަށް ކަނޑައަޅާ ކަންކަން ހިމަނައިގެން އެކުލަވާލާފައިވާ މި މަގު ޗާޓަކީ ސަރުކާރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖިކް އެކްޝަން ޕްލޭނަށް ބިނާކޮށް، އޭގައިވާ ލަނޑުދަނޑިތައް ހާސިލުވާނެގޮތަށް، ރާއްޖޭގެ ހަކަތައިގެ ދާއިރާއަށް އަމާޒުކޮށްގެން އެކުލަވާލާފައިވާ މަގުޗާޓެއް ކަމަށް މިނިސްޓްރީ އޮފް އެންވަޔަރަމެންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އިން ބުނެއެވެ.
މި ބައްދަލުވުމުން ފައްޓަވައިދެއްވުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން ސްޓޭޓް މިނިސްޓަރު ޚަދީޖާ ނަސީމު ވިދާޅުވީ ރާއްޖޭގެ ހަކަތައިގެ ދާއިރާއަށް ބަދަލު ގެނައުމަކީ މިހާރު ކުރަން ޖެހިފައިވާ ކަމެއް ކަމަށެވެ. އަދި ރިނިއުބަލް އެނަޖީ ޓެކްނޮލޮޖީތަކަށް ރާއްޖެ އަހުލުވެރިވުން މުހިންމު ކަމަށް ވެސް ވިދާޅުވިއެވެ.
އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ) އަދި އިންޓަނޭޝަނަލް ސޯލާ އެލަޔަންސް (އައި.އެސް.އޭ) ގެ ފަންނީ އެހީތެރިކަމާ އެކު ކުރިއަށްގެންދާ މި ވާރކްޝޮޕަކީ ދިވެހިރާއްޖޭގެ ހަކަތައިގެ ރޯޑް މެޕް މުރާޖާ ކުރުމާއި ގުޅޭގޮތުން ކުރިއަށް ގެންގޮސްފައިވާ މަޝްވަރާތަކުން ފާހަގަކުރެވިފައިވާ ކަންކަން ހުށަހަޅައިދީ އެކަންކަމާއި ގުޅިގެން އިތުރަށް ޚިޔާލު ހޯދުމަށް ބާއްވާ ވާރކްޝޮޕެކެވެ.
މުރާޖާ ކުރާ ރޯޑްމެޕު ވެގެންދާނީ ހަކަތަގެ ދާއިރާ އިތުރަށް ތަރައްޤީކޮށް، މުސްތަގުބަލަށް ސާފު، ދެމެހެއްޓެނިވި ހަކަތައިގެ ދާއިރާއަކަށް މަގުދައްކާނެ ވަސީލަތަކަށެވެ. މި ރޯޑްމެޕުގައި ރާއްޖޭގައި ހަކަތަ އުފެއްދުމަށް ބޭނުންކުރެވިދާނެ ތަފާތު އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތަކުގެ މަޢުލޫމާތާއި، ހަތަކަ އިސްރާފުކުރުން ކުޑަކުރުމަށް ކުރެވިދާނެ ކަންކަމާއި މިކަންކަން ކުރުމަށް ފައިސާ ބޭނުންވާނެ މިންވަރާއި އަދި މީގެ ސަބަބުން ރާއްޖޭގެ ތިމާވެއްޓަށް އަންނާނެ ހެޔޮ ބަދަލުގެ ތަފްސީލު ހިމެނިފައިވާނެ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.
މި ބައްދަލުވުމުގައި އޭޑީބީގެ އެނާޖީ ސެކްޓަރ ޗީފް ޑރ. ފިރިޔަންތާ ވިޖަޔަތުންގާ ވިދާޅުވީ މި މަސައްކަތުގެ ދަށުން ރާއްޖޭގައި ހަކަތައިގެ ދާއިރާ އެއްކޮށް ބަދަލުވާނެ ކަމަށެވެ. އެންމެ ފަހުގެ ރޯޑް މެޕާއެކު ރާއްޖޭގައި އެކި އިންފްރާސްޓްރަކްޗަރުގެ މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް ފަސޭހަވެގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ދިވެހިރާއްޖެއިން މަސައްކަތް ކުރަނީ 2030 ވަނަ އަހަރުގެ ނިޔަލަށް ނެޓް ޒީރޯ ކާބަން ގައުމަކަށް ހެދުމަށްކަމުން، އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފައްދާ މިންވަރު އިތުރުކޮށް އެދާއިރާ ތަރައްގީ ކުރުމަށް ކުރަމުންދާ މަސައްކަތްތުގައި އޭ.ޑީ.ބީ އަކީ ވަރަށް ބޮޑު ދައުރެއް އަދާކުރާ އެއް ފަރާތެވެ. މިގޮތުން އޭ.ޑީ.ބީގެ އެހީގައި ކުރިއަށްގެންދާ ޕްރިޕެއަރިންގ އައުޓަރ އައިލެންޑްސް ފޮރ ސަސްޓެއިނަބަލް އެނަރޖީ ޑިވެލޮޕްމަންޓް (ޕޮއިސްޑް) ޕްރޮޖެކްޓަކީ މީގެ އެއް މިސާލެވެ.