ދެކުނު ކޮރެއާގެ ވެރިރަށް ސޯލްގައި ހެލޮވީން ފާހަގަ ކުރަމުންދަނިކޮށް، ގިނަ ބަޔަކު ފިތިގެން މަރުވި ޙާދިސާ ތަހުގީގު ކުރަން އެ ޤައުމުގެ ރައީސް އަންގަވައިފިއެވެ.
ބޭރުގެ މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުން މި ޙާދިސާގައި މަރުވި މީހުންގެ އަދަދު 150ށް ވުރެ އިތުރުވެފައިވާއިރު، 80ށް ވުރެ ގިނަ މީހުންނަށް ވަނީ އެކި ވަރުގެ އަނިޔާތައް ލިބިފައެވެ. އަދި 300ށް ވުރެ ގިނަ މީހުންނާއި ގުޅޭނެ ގޮތެއް ނުވެގެން އެމީހުންގެ އާއިލާތަކުން ވަނީ ފުލުހުންނަށް ރިޕޯޓު ހުށައަޅާފައެވެ.
މަރުވި މީހުންގެ ތެރޭގައި އެކި ޤައުމުތަކަށް ނިސްބަތްވާ މީހުން ވެސް ގިނަކަމަށް ބޭރުގެ ނޫސްތަކުން ރިޕޯޓު ކުރެއެވެ.
ރިޕޯޓުތައް ބުނާ ގޮތުން އެތައް ބަޔަކު ފިތި ބާރުވެގެން މި ޙާދިސާ ހިނގަން މެދުވެރިވީ ސޯލްގެ އިޓާވަން ސަރަަޙައްދުގެ ހަނި މަގަކަށް ގިނަ އަދަދެއްގެ ބަޔަކު އެއްވުމާއި ގުޅިގެންނެވެ. އެ ސަރަޙައްދަކީ އާންމުކޮށް އެފަދަ ފެސްޓިވަލްތައް ފާހަގަކުރާ ސަރަޙައްދެއް ނަމަވެސް، މިފަހަރު އެތަނުގެ ޖާގައަށްވުރެ އެތައް ގުނައެއް އިތުރަށް މީހުން އެއްވިކަމަށް ރިޕޯޓުތައް ބުނެއެވެ.
މި ޙާދިސާގައި މަރުވި ގިނަ މީހުންނަކީ 20 އަހަރުން ދަށުގެ ކުދިންނާއި ޒުވާން އުމުރުފުރައިގެ މީހުންނެވެ. އެގޮތުން މަންޒަރު ދުއް ފަރާތްތަކުން ބުނެފައިވާ ގޮތުގައި އެތައް ބަޔަކު އިޓާވަން ސަރަޙައްދަށް އެއްވެ، މީހުންތައް ފިތިބާރުވެގެން އުޅެން ޖެހުނެވެ. އަދި އެއްވެފައިވާ މީހުންގަނޑު ދުރުކޮށް އެތަން ހަމައަކަށް އެޅުވުމަށްޓަކައި ފުލުހުންވެސް ޙަރަކާތްތެރިވެފައިވެއެވެ.
މިއީ ކޮވިޑް-19 އާ ގުޅިގެން އެޅި މާސްކު އެޅުމާއި ގައިދުރު ކުރުމުގެ ފިޔަވަޅުތަކަށްފަހު ސޯލްގައި ހެލޮވީން ފާހަގަ ކުރި ފުރަތަމަ ފަހަރެވެ.
މި ޙާދިސާއާ ގުޅިގެން ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކިއޯލް ވަނީ މިކަން ހިނގަން މެދުވެރިވި ގޮތުގެ ފުރިހަމަ ތަހުގީގެއް ކުރިއަށް ގެންދިއުމަށް އަމުރު ކުރައްވައި، އަނިޔާ ލިބުނު ފަރާތްތަކަށް އަވަސް އެހީ ދިނުމަށް ބޭނުންވާ ޓާސްކްފޯސް ވެސް ޤާއިމު ކުރައްވާފައެވެ.
އޭގެ އިތުރުން، އެތައް ޤައުމެއްގެ ލީޑަރުން ދެކުނު ކޮރެއާއަށް ތައުޒިޔާ ވިދާޅުވަމުން ގެންދާއިރު، އޭގެ ތެރޭގައި އެމެރިކާގެ ރައީސް ޖޯ ބައިޑެން އާއި ޔޫކޭގެ ބޮޑުވަޒީރު ރިޝީ ސުނާކްގެ އިތުރުން ފްރާންސްގެ ރައީސް އިމޭނުއެލް މެކްރޯން ހިމެނިވަޑައިގަންނަވައެވެ.