ފްރާންސް ލީގުގައި ޓްރޮއީސްއާ ދެކޮޅަށް ކުޅުނު މެޗުން ޗެމްޕިއަން ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) މޮޅުވެއްޖެއެވެ.
ހޮނިހިރު ދުވަހުގެ ރޭ ޕީއެސްޖީގެ ދަނޑުގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބުކުރީ 3-4 އިންނެވެ.
މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ޓްރޮއީސް އިންނެވެ. މެޗު ފަށައިގެން ތިން ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ މަމާ ބާލްޑްއެވެ. ޕީއެސްޖީން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ 24 ވަނަ މިނެޓުގައި ކާލޮސް ސޮލާ ޖެހި ލަނޑުންނެވެ. އޭނާ ލަނޑު ޖެހީ ނޭމާ ޖޫނުއާ ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ. ދެ ވަނަ ހާފު ފަށައިގެން ހަތް ވަނަ މިނެޓުގައި ބާލްޑް ވަނީ ދެ ވަނަ ލަނޑެއް ޖަހައި ޓްރޮއީސް އަށް ދެ ވަނަ ފަހަރަށް ލީޑު ނަގައިދީފައެވެ.
އޭގެ ތިން މިނެޓު ފަހުން ސާޖިއޯ ރާމޯސް ތަނަވަސްކޮށްދިން ފުރުސަތެއްގައި ޕީއެސްޖީ އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ މިވަގުތު ރަނގަޅު ފޯމެއްގައި ހުރި ލިއޮނެލް މެސީއެވެ. މެޗުގައި ޕީއެސްޖީން ފުރަތަމަ ފަހަރަށް ލީޑު ނެގީ 62 ވަނަ މިނެޓުގައެވެ. އެއީ މެސީ ތަނަވަސްކޮށްދިން ފުރުސަތަކުން ނޭމާ ޖެހި ލަނޑުންނެވެ. ޕީއެސްޖީގެ ލީޑު އިތުރަށް ފުޅާކޮށްދިނީ 77 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އެމްބާޕޭއެވެ. ޓްރޮއީސްގެ ފަހު ލަނޑު މެޗުގެ 88 ވަނަ މިނެޓުގައި ޖެހީ ޕަލަވާސާއެވެ.
މި މެޗުގައި ޕީއެސްޖީގެ ޑިފެންޑަރު ރާމޯސް ވަނީ ރެކޯޑެއް ހަދާފައެވެ. އެއީ މިހާތަނަށް އޭނާ ޕީއެސްޖީ އަށް ކުޅެދިން 30 މެޗުން އެ ޓީމު ބަލިވެފައެއް ނުވެއެވެ. ކުރިން މި ރެކޯޑު އޮތީ 29 މެޗުން ހަމަކުރި ރައި އޮލިވީރާ އަތުގައެވެ.
މެޗުން މޮޅުވެ ޕީއެސްޖީ ތާވަލްގެ އެއް ވަނައިގައި އޮތީ ފަސް ޕޮއިންޓުގެ ލީޑަކުންނެވެ. އެއީ ކުޅުނު 13 މެޗުން 35 ޕޮއިންޓު ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ލެންސް އަށް ލިބެނީ 13 މެޗުން 30 ޕޮއިންޓެވެ.