އުތުރު ކޮރެއާ އިން އާ ރޮކެޓް އިންޖީނެއް ޓެސްޓްކޮށްފި ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
މިއީ އެމެރިކާ އަށް ފޯރާވަރުގެ މިސައިލެއް ތަރައްގީ ކުރުމުގެ މަސައްކަތުގެ ދަށުން ޓެސްޓް ކުރި ރޮކެޓް އިންޖީނެއް ކަަމަށް އެމެރިކާގެ އޮފިޝަލުން ބުނާއިރު އުތުރު ކޮރެއާ އިން ނިއުކްލިއާ ހަތިޔާރު އުފެއްދުމަށް ކުރާ މަސައްކަތާ ގުޅިގެން އެމެރިިކާ އާއި އުތުރު ކޮރެއާ ގުޅުން ވަނީ ވަރަށް ގޯސްވެފައެވެ. އެމެރިކާ ސަރުކާރުން އެންމެ އިސްކަން ދޭ ކަންކަމުގެ ތެރޭގައި އުތުރު ކޮރެއާގެ ނިއުކްލިއާ ޕްރޮގްރާމުގެ މަސައްކަތް ހިމެނެއެވެ.
ބައިނަލްއަގްވާމީ ގޮތުން ގިނަ ފާޑުކިޔުމާއި ނަފްަރަތު އުތުރު ކޮރެއާ އަށް އަމާޒުވެފައި ވިޔަސް އުތުރު ކޮރެއާ އިން ވަނީ އެގައުމުން ކުރަމުންދާ މިސައިލް ޓެސްްޓްތައް އިތުރުކޮށް އިންޓަކޮންޓިނެންޓަލް ބެލިސްޓިކް މިސައިލެއް ތަރައްގީ ކުރުމަށް އަމާޒު ހިފާފައެވެ.
ބުރާސްފަތި ދުވަހު އުތުރު ކޮރެއާ އިން ކުރި ރޮކެޓް އިންޖީން ޓެސްޓާ ގުޅިގެން އެމެރިކާގެ އޮފިޝަލުން މީޑިއާތަކަށް ވިދާޅުވީ މިއީ އެމެރިކާ އަށް ފޯރާނެ އިންޓަކޮންޓިނެންޓަލް ބެލިސްޓިކް މިސައިލެއް ތަރައްގީ ކުރުމުގެ މަސައްކަތުގެ ތެރެއިން ހަރުފަތަކަށް ވެދާނެ ކަމަށެވެ.
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޭޓް ރެކްސް ޓިލާސަން ބުދަ ދުވަހު ވަނީ ޗައިނާ އިން އުުތުުރު ކޮރެއާ އަށް އިތުރު ޑިޕްލޮމެޓިކް ޕްރެޝާ ކުރުމަށް ގޮވާލައްވާފައެވެ. ޓިލާސަން ވިދާޅުވި ޗައިނާ އިން އެކަން ކުރަން ޖެހެނީ "ސަރަހައްދުގެ ހަމަޖެހުން އިތުރަށް ގޯސްވިޔަ ނުދިނުމަށްޓަކައި" ކަމަށެވެ.
އުތުރު ކޮރެއާ އިން ދަނީ ތަކުރާރުކޮށް މިސައިލް ޓެސްޓްތަކާއި އަދި ނިއުކްލިއާ ހަތިޔާރު ފައްކާ ކުރުމުގެ ޕްރޮގްރާމްތައް ހިންގަމުންނެވެ. އެކަމުގެ ސަބަބުން ދެކޮރެއާ ސަރަހައްދު ވަނީ ހަލަބޮލިވެފައެވެ. އަދި އެމެރިކާ އާއި އުތުރު ކޮރެއާގެ ގުޅުން ވެސް ވަނީ ވަރަށް ގޯސްވެފައެވެ. އުތުރު ކޮރެއާ އިން ކުރާ މިސައިލް ޓެސްޓްތަކާއި އަދި ނިއުކްލިއާ ހަތިޔާރު ފައްކާ ކުރުމުގެ ޕްރޮގްރާމްތަކާއި ގުޅިގެން އދ. އިން ދާދިފަހުން ވަނީ އުުތުރު ކޮރެއާއާ ދެކޮޅަށް އާ ދަތިކުުރުމުގެ ފިޔަވަޅުތަކެއްް ވެސް އަޅާފައެވެ.