ކ. މާލެ
|
28 އޮކްޓޯބަރ 2022 | ހުކުރު 12:29
ފަތުރުވެރިން
ފަތުރުވެރިން
ވެލާނާ އެއާޕޯޓް
ފަތުރުވެރިން
އެވްރެޖުކޮށް ދުވާލަކު 4،400 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރޭ
ރާއްޖެ އަށް އެންމެ ގިނަ ފަތުރުވެރިން އަންނަނީ އިންޑިއާއިން
މިއަހަރުގެ މިހާތަނަށް 1.3 މިލިއަން ފަތުރުވެރިން ރާއްޖެ އަށް ޒިޔާރަތް ކުރި
މިއަހަރުގެ އަމާޒަކީ 1.6 މިލިއަން ފަތުރުވެރިން

މިއަހަރުގެ މިހާތަނަށް އެވްރެޖުކޮށް ދުވާލަކު 4،400 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އަށް ޒިޔާރަތް ކުރާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އަންނަނީ ކޮންމެ ހަފްތާއަކު ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ ފަހުގެ ތަފާސްހިސާބުތައް އާއްމު ކުރަމުންނެވެ. އެގޮތުން، މި ހަފްތާގައި އެ މިނިސްޓްރީން އާއްމު ކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރު، އޮކްޓޯބަރު މަހުގެ 26ގެ ނިޔަލަށް 1،317،573 (އެއް މިލިއަން ތިން ލައްކަ ސަތާރަހާސް ފައްސަތޭކަ ހަތްދިހަ ތިން) ފަތުރުވެރިން ވަނީ ރާއްޖެ އަށް ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައި ފަތުރުވެރިންނާ އަޅާ ބަލާއިރު 33.4 އިންސައްތައިގެ ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައީ 988،013 ފަތުރުވެރިންނެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖެ އަށް ދުވާލަކު އެވްރެޖުކޮށް އަންނަ ފަތުރުވެރިންގެ އަދަދު ވެސް ވަނީ މިދިޔަ އަހަރާ އަޅާ ބަލާއިރު އިތުރުވެފައެވެ. އެގޮތުން، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ މި މުއްދަތުގެ ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖެ އަށް ދުވާލަކު 3،288 ފަތުރުވެރިން ޒިޔާރަތް ކުރިއިރު މިއަހަރުގެ މިހާތަނަށް ދުވާލެއްގެ މައްޗަށް އެވްރެޖުކޮށް 4،407 ފަތުރުވެރިން ރާއްޖެ އަށް ޒިޔާރަތް ކުރެއެވެ.

މިއަހަރު ރާއްޖެ އަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރީ ފާއިތުވި ދެ އަހަރު ވެސް ރާއްޖޭގެ މާކެޓުގައި އެންމެ ކުރީގައި އޮތް އިންޑިއާއިންނެވެ. އެ ޤައުމުން މިއަހަރުގެ މިހާތަނަށް 186،388 ފަތުރުވެރިން ރާއްޖެ އަށް ޒިޔާރަތް ކޮށްފައިވާއިރު މިއީ މިހާތަނަށް ޒިޔާރަތް ކުރި ޖުމްލަ ފަތުރުވެރިންގެ 14.1 އިންސައްތައެވެ.

ލިސްޓުގެ ދެވަނައިގައި 159،657 ފަތުރުވެރިންނާއެކު ރަޝިއާ އޮތްއިރު ތިންވަނައިގައި 144،566 ފަތުރުވެރިންނާއެކު އޮތީ އިނގިރޭސިވިލާތެވެ. މި ތިން ޤައުމުގެ އިތުރުން ރާއްޖެ އަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ދިހަ ޤައުމުގެ ތެރޭގައި ހިމެނެނީ ޖަރުމަނާއި އިޓަލީ އާއި އެމެރިކާ އާއި ފްރާންސް އާއި ސްޕެއިނާއި ސައުދީ އަރަބިއްޔާ އާއި ސްވިޒަލެންޑެެވެ.

ކޮވިޑުގެ ކުރިން ރާއްޖެ އަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކުރަމުން އައީ ޗައިނާއިންނެވެ. ނަމަވެސް އެ ޤައުމުގެ ބޯޑަރު ބަންދުކޮށް، ދަތުރުފަތުރު ކުރުމުގެ ފިޔަވަޅުތައް ވަރުގަދަކުރުމުން އެ ޤައުމުން ފަތުރުވެރިން އައުން އޮތީ އެއްކޮށް މަޑުޖެހިފައެވެ. މީގެ ސަބަބުން 2020 ވަނަ އަހަރު ރާއްޖޭގެ ފަތުރުވެރިކަމަށް އަސަރު ކުރި ނަމަވެސް މިހާރު ފަތުރުވެރިކަމުގެ ދާއިރާ ވަނީ ވަރަށް ބޮޑަށް ރަނގަޅުވެފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ އަމާޒަކީ މިއަހަރު 1.6 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމެވެ. އެ އަމާޒަށް ވާސިލްވުމަށް މިއަހަރުގެ ބާކީ އޮތް ދެ މަސް ދުވަހުގެ ތެރޭގައި 282،427 އެއްހާ ފަތުރުވެރިން ރާއްޖެ އަށް ޒިޔާރަތް ކުރަން ޖެހޭނެއެވެ. އެއީ އެވްރެޖުކޮށް ދުވާލަކު 4،300 އެއްހާ ފަތުރުވެރިންނެވެ.

ކުރިއަށް އޮތީ ފަތުރުވެރިކަމުގެ ޕީކް ސީޒަނަށްވާއިރު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު މިހާރަށްވުރެ އިތުރުވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. ޕީކް ސީޒަނާ ދިމާކޮށް އެކި ޤައުމުތަކުގައި ރާއްޖެއަށް އޮތް ޑިމާންޑު އިތުރުވެ، އެއާލައިންތަކުން އަންނަނީ ރާއްޖެއަށް ކުރާ ދަތުރުތަކުގައި ބޭނުން ކުރާ މަތިންދާ ބޯޓުތައް ބޮޑުކޮށް ދަތުރުތައް ވެސް އިތުރު ކުރަމުންނެވެ.

- ކޮމެންޓް