ދުނިޔޭގެ އެންމެ ނުފޫޒު ގަދަ ސޯޝަލް މީޑިއާ ވަސީލަތް ކަމަށްވާ، ޓްވިޓަރ ގަތުމަށްފަހު އިލޯން މަސްކް އެ ކުންފުނީގެ ސީއީއޯ މަގާމުން ވަކިކޮށްފިއެވެ.
ބޭރުގެ މީޑިއާތަކުން ރިޕޯޓު ކުރާ ގޮތުގައި މަސްކު ވަނީ ޓްވިޓަރ ގަތުމަށް އޭނާ ހުށަހެޅީ 44 ބިލިއަން ޑޮލަރުގެ އެއްބަސްވުން ފުރިހަމަކުރުމަށްފަހު ބުރާސްފަތި ދުވަހު ރަސްމީކޮށް ކުންފުންޏާ ހަވާލުވެފައެވެ. އޭނާ ވަނީ އެ ކުންފުނި ގަތުމަށްފަހު އޭނާގެ އަމިއްލަ ޓުވީޓް އެކައުންޓުގެ ބަޔޯގައި "ޗީފް ޓްވިޓް" ނުވަތަ ޓްވިޓަރގެ ވެރިޔާއަށް ބަދަލުކޮށްފައެވެ.
އޭނާ ޓްވިޓަރ ގަތުމަށްފަހު އެ ކުންފުނީގެ މައި އިދާރާއަށް ދިޔަ ފުރަތަމަ ފަހަރު ވަނީ ވީޑިއޯއަކާއެކު ޓްވީޓެއް ވެސް ކޮށްފައެވެ. އެ ވީޑިއޯގައި މަސްކް ސިންކެއް ހިފައިގެން އެ ތަނަށް ވަންނަތަން ފެނެއެވެ. އެ ވީޑިއޯގެ ކެޕްޝަނަކަށް އޭނާ ޖަހާފައިވަނީ "އެންޓަރިން ޓްވިޓަރ އެޗްކިޔު، ލެޓް ދެޓް ސިންކް އިން (ޓްވިޓަރ މައި އިދާރާ އަށް ވަންނަނީ، ހަޖަމް ކޮށްލާ) އެވެ.
ބޭރުގެ މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި ޓްވިޓަރގެ ވެރިޔާއަށްވުމަށްފަހު މަސްކު ނިންމި ފުރަތަމަ ނިންމުންތަކުގެ ތެރޭގައި އެކުންފުނީގެ އިސް ތިން މީހަކު ވަނީ މަގާމުން ވަކިކޮށްފައެވެ. މީގެ ތެރޭގައި އެ ކުންފުނީގެ ސީއީއޯ ޕަރާގް އަގަރްވާލް އާއި ޗީފް ފައިނޭންޝިއަލް އޮފިސަރު ނެޑް ސެގާލް އާއި ޕޮލިސީ ހެޑް ވިޖަޔާ ގައްޑޭ ހިމެނޭކަމަށް ނޫސްތަކުން ރިޕޯޓު ކުރެއެވެ.
ޓްވިޓަރ ގަންނަން މަސްކް އެންމެ ފުރަތަމަ އެއްބަސްވުމެއް ހުށަހެޅީ މިއަހަރުގެ އޭޕްރިލް މަހުގެ ތެރޭގައެވެ. އޭނާ ހުށަހެޅި އެެއްބަސްވުމަކީ އަސްލު ޓްވިޓަރގެ އަގަށްވުރެ ބޮޑު އަގަކަށްވާއިރު އެ ކުންފުނިން ވަނީ އެ އެއްބަސްވުން ގަބޫލުކޮށް އޭނާއަށް ކުންފުނި ވިއްކަން ނިންމާފައެވެ. އެއަށްފަހު ދެ ފަރާތުގެ ދެމެދުގައި އިތުރު އެއްބަސްވުންތައް ހަދައި އެންމެ ފަހުގެ މަރުހަލާ އާ ކައިރިވުމުން މަސްކް ވަނީ އެ ކުންފުނި ގަތުމަށް ހެދި އެއްބަސްވުން ދޫކޮށްލަން ނިންމި ކަމަށް ބުނެފައެވެ.
މަސްކް އެކަން އިއުލާން ކުރުމާއެކު ޓްވިޓަރ އިން ވަނީ އޭނާއަށް ކުރިން ވެފައިވާ އެއްބަސްވުންތަކާ އެއްގޮތަށް އެ ކުންފުނި ގަންނަން މަޖުބޫރުކަމަށް ބުނެ ކޯޓަށް މައްސަލަ ވެސް ހުށަހަޅާފައެވެ. އެ މައްސަލައިގެ އަޑުއެހުން ބާއްވަން ތައްޔާރުވެފައި ވަނިކޮށް އަނެއްކާ ވެސް އެއްބަސްވުމާ އެއްގޮތަށް ކުންފުނި ގަންނަން މަސްކް އާނ ބަސް ބުންޏެވެ.
އޭނާ ކުންފުންޏާ ހަވާލުވެ ތިން އިސް މީހުން ވަކި ކުރުމުގެ ފަހަތުގައި ވަނީ އޭނާއަށް ޓްވިޓަރ ގަންނަން މަޖުބޫރު ކުރުވުން ކަމަށް ވެސް ބައެއް ފަރާތްތަކުން ތުހުމަތު ކުރެއެވެ. ނަމަވެސް މިކަމާ ގުޅޭގޮތުން ޓްވިޓަރ އިން އެއްވެސް އެއްޗެއް ބުނެފައި ނުވެއެވެ.
މަސްކް ވަނީ ޓްވިޓަރ އާ ހަވާލުވުމަށްފަހު ޕްލެޓްފޯމުގައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ބަދަލުތަކެއް ގެންނާނެ ކަމަށް ބުނެފައެވެ. އަދި ދާއިމީކޮށް ބައެއް ފަރާތްތައް އެ ޕްލެޓްފޯމުން ބޭންކޮށްފައިވާއިރު އެއީވެސް އޭނާ ގަބޫލު ކުރާ ޕޮލިސީއެއް ނޫން ކަމަށް ވަނީ ބުނެފައެވެ. އޭނާ ވަނީ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް އެ ޕްލެޓްފޯމުން ޖާގަ އަލުން ލިބޭނެ ކަމަށް ވެސް ބުނެފައެވެ. ޓްރަމްޕް ވަނީ ދާއިމީކޮށް ޓްވިޓަރ އިން ބޭންކޮށްފައެވެ.