ރަޝިއާއިން އެގައުމުގެ ނިއުކްލިއަރ ޓެސްޓުތައް ރާވާފައިވާގޮތަށް ކުރިއަށްގެންދާނެ ކަމަށް އެމެރިކާއަށް އަންގާފައިވާކަމަށް ޕެންޓަގަނުން ބުނެފިއެވެ.
ރަޝިއާއިން ނިއުކްލިއަރ ޓެސްޓުތައް ކުރިއަށްގެންދާނެކަން އެމެރިކާއަށް އަންގާފައިވާކަން ޕެންޓަގަނުން ހާމަކޮށްފައި ވަނީ އަންގާރަ ދުވަހުއެވެ. ނަމަވެސް ރަޝިއާގެ ޓެސްޓުތަކާގުޅޭ އިތުރު ތަފުސީލެއް ޕެންޓަގަނުން ހާމަކޮށްފައެއް ނުވެއެވެ.
ރަޝިއާގެ ނިއުކްލިއަރ ޓެސްޓުތަކުގެ ތެރޭގައި ބެލެސްޓިކް މިސައިލްތައް ޓެސްޓުކުރުންވެސް ހިމެނެއެވެ.
ޕެންޓަގަންގެ ތަރުޖަމާން އެއަރ ފޯސް ބްރިގޭޑިއަރ ޖެނެރަލް ޕެޓްރިކް ރައިޑަރ ވަނީ ގޮތައް މިއީ ރަޝިއާއިން ކޮންމެ އަހަރަކުވެސް ކުރިއަށްގެންދާ ހަރަކާތެއްކަން ފާހަގަކޮށްފައެވެ. އެހެންކަމުން އެގައުމުން މިއަހަރުވެސް މިހަރަކާތް ކުރިއަށްގެންދާނެކަން ކުރިން އެންގުމަކީ އެގައުމުން ޓެސްޓުތައް ކުރުމުގެ ކުރިން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރުމަށް ކުރެވޭ ކަމެއްކަމަށް އޭނާ ވަނީ ފާހަގަކޮށްފައެވެ.
މިއަހަރުވެސް ރަޝިއާއިން އެގައުމުގެ ނިއުކްލިއަރ ހަތިޔާރުތައް ޓެސްޓުކުރުން ކުރިއަށްގެންދާނެކަމާ މެދު ހުޅަނގުގެ ގައުމުތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ޔޫކްރެއިން-ރަޝިއާ ހަނގުރާމައިގެ މަސްރަހު ހޫނުވެ، ނިއުކްލިއަރ ހަތިޔާރު ބޭނުންކުރަންވެސް ރަޝިއާއިން ތައްޔާރަށް އޮތްކަމަށް ހާމަކޮށްފައިވާ މިދަނޑިވަޅުގައި އެގައުމުން މިފަދަ ހަތިޔާރުތައް ޓެސްޓުކުރުމަކީ އެކަމުގެ ބިރުވެރިކަން ޔޫކްރެއިނަށް އޮތް ކަމެއް ކަމަށް ހުޅަނގުން ބުނެއެވެ.