ކ. މާލެ
|
27 އޮކްޓޯބަރ 2022 | ބުރާސްފަތި 10:00
ޤަތަރުގެ ރައްޔިތަކު ތައްޔާރުކުރި ބިނާ
ޤަތަރުގެ ރައްޔިތަކު ތައްޔާރުކުރި ބިނާ
ރޮއިޓަސް
ފީފާ ވޯލްޑް ކަޕް
ޤަތަރުގެ ރައްޔިތަކު ތައްޔާރުކުރީ ވޯލްޑް ކަޕްގެ ޓްރޮފީ ރަމްޒުކޮށްދޭ އެންމެ ބޮޑު ބިނާ
ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނު އެ ޓްރޮފީ ތައްޔާރުކުރުމަށް ފަސް ޓަނުގެ ގައު ވަނީ ބޭނުންކޮށްފައި

ދުނިޔޭގެ އެކިކަންކޮޅުތަކުގައި ޤަތަރު ވޯލްޑްކަޕްގެ ފޯރި ފެށިއްޖެއެވެ. މުބާރާތަށް ތައްޔާރުވާން ފަށައިފިއެވެ.

މުބާރާތުގެ މެޗުތައް ބަލަން މަރުދޭ ސަޕޯޓަރުން ޤަތަރަށް ދަތުރުކުރަންވެސް ފަށައިފިއެވެ. މުބާރާތާއި، ގުޅިގެން ވަކިވަކި ފަރުދުން އެމީހުންގެ ހުނަރާއި މަސައްކަތްތެރިކަން ދައްކުވައިދީގެން ވެސް މުބާރާތަށް އޮތް ޝައުޤާއި ލޯބި ދައްކުވައިދޭން ފަށައިފިއެވެ. އެގޮތުން މިފަހުން އެންމެ ގިނަ ބައެއްގެ ޝައުޤުވެރިކަން ހުއްޓުނީ ޤަތަރު ރައްޔިތަކު ފަރުމާކުރި ވޯލްޑްކަޕް ޓްރޮފީއަށެވެ.

ޤަތަރުގެ ހައްމާދު އަލް ސުވައިދީ ގަލުން ތައްޔާރުކުރި ވޯލްޑްކަޕްގެ ރަމްޒީ ޓްރޮފީން ދައްކުވައިދެނީ އޭނާގެ ހުނަރުވެރިކަމާއި، މަސައްކަތްތެރިކަމެވެ. އަދި ދުނިޔޭގެ ތަށްޓަށް ކުޅޭ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތަށް އޮތް ޝައުޤުވެރިކަމެވެ.

ޓްރޮފީ ތައްޔާރުކުރި ހަންމާދު ބުނީ ގަލުން އޭނާ ހެދި ޓްރޮފީ ފަރުމާ ކުރުމަށް ދެ އަހަރު ހޭދަކުރިކަމަށެވެ. މުބާރާތާ ގުޅިގެން ތަފާތު ގޮތްގޮތަށް އެކި ޤައުމުތަކުގެ މީހުން ފޯރި ނަގަމުން އަންނަ އިރު ހަންމާދުގެ އުންމީދަކީ އޭނާ ތައްޔާރުކުރި ޓްރޮފީގެ ސަބަބުން ވެސް ވޯލްޑްކަޕް ފޯރި އިތުރުވެ ޝައުޤު ބޮޑުވުމެވެ. އޭނާ ބުނީ އެމަސައްކަތް ކުރުމުގެ ވިސްނުން އައީ ކޯވިޑް 19 ގެ ވައިރަސް ފެތުރުމުގެ ކުރިންކަމަށެވެ. އޭނާ ތައްޔާރުކުރި ޓްރޮފީ ފާހަގަވެފައިވަނީ ވޯލްޑް ކަޕް ތަށި ރަމްޒުކޮށްދޭ ގޮތަށް ތައްޔާރުކުރި އެންމެ ބޮޑު ބިނާގެ ގޮތުގައެވެ.

ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނު އެ ޓްރޮފީ ތައްޔާރުކުރުމަށް ފަސް ޓަނުގެ ގައު ވަނީ ބޭނުންކޮށްފައެވެ. ހަންމާދު ބުނީ މުބާރާތް ޤަތަރުގައި އޮވެފައި، ޤަތަރަކީ އޭނާގެ ޤައުމަށްވުމުން ކޮންމެވެސް ޚާއްސަކަމެއް ފެންނަން ޖެހޭނެ ކަމަށް ޤަބޫލުކުރިކަމަށެވެ. ޓްރޮފީ ފަރުމާކުރީ އެ ވިސްނުމުގައި ކަމަށް އޭނާ ވަނީ ބުނެފައެވެ.

މީގެ އިތުރުން ހަންމާދު ބުނީ ޓްރޮފީ ފަރުމާ ކުރުމަށްފަހު އޭނާގެ ގޭގައި ބަހައްޓަން ބޭނުންނުވާ ކަމަށެވެ. އޭގެ ބަދަލުގައި ޤައުމުގެ އެކި ހިސާބުގައި މީހުންނަށް ފެންނާނެ ގޮތަށް ޓްރޮފީ ބަހައްޓަން ބޭނުންވާ ކަމަށް އޭނާ ބުންޏެވެ. އޭނާ އުންމީދުކޮށްގެން ހުރީ އެ ޤައުމުގެ އެންމެ ރީތި ހިސާބުތަކުގައި އެ ޓްރޮފީ ދައްކާލުމަށެވެ.

ހަންމާދުގެ އުއްމީދަކީ މުބާރާތް ނޮވެންބަރު 20 ވަނަ ދުވަހު ޤަތަރުގައި ފެށުމުގެ ކުރިން އޭނާ ތައްޔާރުކުރި ޚާއްޞަ ޓްރޮފީ ގިނަ ބަޔަކަށް ދައްކާލެވުމެވެ.

- ކޮމެންޓް