އަހަރުގެ މިހާތަނަށް 1.3 މިލިއަން ފަތުރުވެރިން ރާއްޖެ އައިސްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން އޮކްޓޯބަރު 25 ގެ ނިޔަލަށް މިއަހަރު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ 1،312،993 (އެއްމިލިއަން ތިންލައްކަ ބާރަހާސް ނުވަސަތޭކަ ނުވަދިހަ ތިނެއް) އަށް އަރާފައެވެ. މިއީ ފާއިތުވި އަހަރާ އަޅާ ބަލާއިރު 33.5 އިންސައްތައިގެ އިތުރުވުމެކެވެ. އަދި 2019 ވަނަ އަހަރާ އަޅާ ބަލާއިރު 3.9 އިންސައްތަ ދަށް އަދަދެއް ކަމަށް މިނިސްޓްރީން ހާމަކުރެއެވެ.
ތަފާސްހިސާބުން ދައްކާގޮތުގައި އޮކްޓޯބަރު މަހުގެ 25 ގެ ނިޔަލަށް މިމަހު ރާއްޖެ އައިސްފައިވަނީ 122،373 (އެއްލައްކަ ބާވީސްހާސް ތިންސަތޭކަ ހަތްދިހަ ތިނެއް) ފަތުރުވެރިންނެވެ. މިއީ 2021 ވަނަ އަހަރާ އަޅާ ބަލާއިރު 8.5 އިންސައްތައިގެ އިތުރުވުމެކެވެ. އަދި 2019 ވަނަ އަހަރާ އަޅާ ބަލާއިރު 6.9 އިންސައްތައިގެ ކުރިއެރުމެއްްކަން މިނިސްޓްރީގެ ތަފާސްހިސާބުން ދައްކައެވެ.
މިއަހަރު ކޮންމެ ދުވަހަކު ވެސް އެވަރޭޖުކޮށް 4،406 ފަތުރުވެރިން އަންނަމުންދާކަމަށް މިނިސްޓްރީން ހާމަކުރެއެވެ. އޮކްޓޯބަރު މަހުގެ މިހާތަނަށް 4،895 ފަތުރުވެރިން އަންނަމުންދާކަމަށް ރިޕޯޓުކޮށްފައިވާއިރު، މިމަހު އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ އޮކްޓޯބަރު 22 ވީ ހޮނިހިރު ދުވަހުއެވެ. އެދުވަހު 6،810 ފަތުރުވެރިން އައިސްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.
އަދިވެސް އެންމެ ގިނަ ފަތުރުވެރިން އަންނަ ޓޮޕް މާކެޓަކީ އިންޑިއާއެވެ. އެގައުމުން މިހާތަނަށް އައި ފަތުރުވެރިން 14.1 އިންސައްތަ ހިއްސާކުރާއިރު، ރަޝިއާއިން އައި ފަތުރުވެރިން 12.1 އިންސައްތަ ހިއްސާކުރެއެވެ. އަދި އިނގެރޭސިވިލާތުން އައި ފަތުރުވެރިން 11 އިންސައްތަ ހިއްސާކުރާކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.
މިހާތަނަށް ރާއްޖޭގައި ގާއިމުކޮށްފައިވާ ޓޫރިސްޓު އެކޮމޮޑޭޝަން ފެސިލިޓީތަކުގެ ތެރެއިން 1،195 ތަނެއް ވަނީ އޮޕަރޭޝަނަށް ގެނެސްފައެވެ. އެއީ 58،957 އެނދެވެ. މީގެ ތެރެއިން 40،389 އެނދު ހިއްސާކުރަނީ ރިސޯޓުތަކުންނެވެ. އަދި 14،036 އެނދު ގެސްޓްހައުސްތަކުން ހިއްސާކުރާއިރު، ސަފާރީތަކުން 2،900 އެނދު އަދި ހޮޓާތަކުން 1،616 އެނދު ހިއްސާކުރެއެވެ.
މިއަހަރުގެ މިހާތަނަށް 1.3 މިލިއަން ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، މިއަހަރު 1.6 މިލިއަން ފަތުރުވެރިން ގެނައުމަށް ސަރުކާރުން ވަނީ އަމާޒުހިފާފައެވެ.