ކ. މާލެ
|
26 އޮކްޓޯބަރ 2022 | ބުދަ 18:45
އިނގިރޭސި އައު ބޮޑުވަޒީރު ރިޝީ ސުނާކްގެ ކެބިނެޓް މިނިސްޓަރުން އައްޔަނުކުރައްވައިފި
އިނގިރޭސި އައު ބޮޑުވަޒީރު ރިޝީ ސުނާކްގެ ކެބިނެޓް މިނިސްޓަރުން އައްޔަނުކުރައްވައިފި
ރޮއިޓާސް
އިނގިރޭސި އައު ބޮޑުވަޒީރު ރިޝީ ސުނާކް
ސުނާކްގެ ކެބިނެޓް މިނިސްޓަރުން އައްޔަނުކުރައްވައިފި
 
ބޮޑުވަޒީރުގެ ނައިބުގެ މަގާމުން ލިޒް ޓްރަސް ވަކިކުރެއްވި ޑޮމިނިކް ރާބް އަނެއްކާވެސް ވަނީ އެމަގާމަށް އައްޔަނުކުރައްވާފައި
 
ބޮޑުވަޒީރުކަމުގެ މަގާމާ ހަވާލުވެވަޑައިގެން ސުނާކް ދަނީ އެމަނިކުފާނުގެ ކެބިނެޓަށް ކޮންޒަވޭޓިވް ޕާޓީގެ މެމްބަރުން އައްޔަނުކުރައްވަމުން
 
ސުނާކް މިހާރު އަމަލުކުރައްވަމުންދާ ގޮތުގެ ސަބަބުން ޕާޓީގެ ތެރޭގައި އުފެދިފައިވާ ނުތަނަވަސްކަމަށް ނިމުމެއް އައުން އެކަށީގެންވާކަމަށް ރިޕޯޓުތައް ފާހަގަކުރޭ

އިނގިރޭސި އައު ބޮޑުވަޒީރު ރިޝީ ސުނާކްގެ ކެބިނެޓް މިނިސްޓަރުން އައްޔަނުކުރައްވައިފިއެވެ.

ރޮއިޓަރސްއިން ރިޕޯޓުކޮށްފައިވާގޮތުން ރިޝީ ސުނާކް ވަނީ އެމަނިކުފާނުގެ ކެބިނެޓްގެ މުހިންމު މިނިސްޓީރިއަލް މަގާމުތަކަށް އަންގާރަ ދުވަހު ބޭފުޅުން އައްޔާނުކުރައްވާފައެވެ.

ރަސްގެފާނު ޗާލްސް އާ ބައްދަލުކުރެއްވުމަށްފަހު ސުނާކް މިހާރު ވަނީ އިނގިރޭސިވިލާތުގެ ބޮޑުވަޒީރުކަމުގެ މަސްއޫލިއްޔަތާ ރަސްމީގޮތުން ހަވާލުވެވަޑައިގަންނަވާފައެވެ.

މަގާމާ ހަވާލުވެވަޑައިގެން ސުނާކް ދަނީ އެމަނިކުފާނުގެ ކެބިނެޓަށް ކޮންޒަވޭޓިވް ޕާޓީގެ މެމްބަރުން އައްޔަނުކުރައްވަމުންނެވެ. ސުނާކް މިހާރު އަމަލުކުރައްވަމުންގެންދަވާ ގޮތުގެ ސަބަބުން ޕާޓީގެ ތެރޭގައި އުފެދިފައިވާ ނުތަނަވަސްކަމަށް ނިމުމެއް އައުން އެކަށީގެންވާކަމަށް ރިޕޯޓުތައް ފާހަގަކުރެއެވެ.

ސުނާކް ވަނީ ގައުމުގެ ފިނޭންސް މިނިސްޓަރުގެ މަގާމަށް އަނެއްކާވެސް ޖެރެމީ ހަންޓް އައްޔަނުކުރައްވާފައެވެ. އަދި ބޮޑުވަޒީރުގެ ނައިބުގެ މަގާމުން ލިޒް ޓްރަސް ވަކިކުރެއްވި ޑޮމިނިކް ރާބް އަނެއްކާވެސް ވަނީ އެމަގާމަށް އައްޔަނުކުރައްވާފައެވެ.

މީގެ އިތުރުން ޖޭމްސް ކްލެވަރލީއަށް ފޮރިން މިނިސްޓަރުގެ މަގާމު ދެއްވާފައިވާއިރު ބެން ވެލެސް ހުންނެވީ ޑިފެންސް މިނިސްޓަރު ކަމުގެ މަގާމުގައެވެ.

މަގާމުން އިސްތިއުފާދެއްވިތާ ހަފުތާއެއްހާ ދުވަސްފަހުން ސުއެލާ ބްރަވަރމަން ވެސް މިވަނީ އިންޓީރާ މިނިސްޓަރުކަމުގެ މަގާމަށް އައްޔަނުކުރައްވާފައެވެ. އިންޓީރިއަރ މިނިސްޓަރުކަމުގެ މަގާމުން ބްރަވަރމަން އިސްތިއުފާދެއްވުމުން ހަފުތާއެއްހާ ދުވަހު އެމަގާމުގައި ހުންނެވި ގްރާންޓް ޝެޕްސް ވަނީ ބިޒްނަސް މިނިސްޓަރުކަމުގެ މަގާމަށް އައްޔަނުކުރައްވާފައެވެ.

ބިޒްނަސް މިނިސްޓަރުކަމުގެ މަގާމުގައި ކުރިން ހުންނެވީ ޖޭކޮބް ރީސް-މޮގްއެވެ.

މީގެ އިތުރުން ޕެނީ މޯޑައުންޓަށްވެސް އަލުން ހައުސް އޮފް ކޮމަންސްގެ ލީޑަރުކަމުގެ މަގާމުވެސް ވަނީ ދެއްވާފައެވެ. އެހެންނަމަވެސް ބައެއް ފަރާތްތަކުން ދަނީ މޯޑައުންޓް ބޭނުންފުޅުވަނީ ގައުމުގެ ފޮރިން މިނިސްޓަރުކަމުގެ މަގާމުކަމަށް ބުނަމުންނެވެ.

މީގެ ކުރިން، ސެޕްޓެމްބަރު 2021ން ޖުލައި 2022ށް ގައުމުގެ ލެވެލިންގ-އަޕް މިނިސްޓަރުގެ މަގާމުގައި ހުންނެވި މައިކަލް ގޯވް ސުނާކް ވަނީ އަނެއްކާވެސް އެމަގާމަށް އައްޔަނުކުރައްވާފައެވެ. އެމަގާމުގައި ކުރިން ހުންނެވި ސައިމަން ކްލަރކް ވަނީ ބޮޑުވަޒީރުކަމާ ސުނާކް ހަވާލުވެވަޑައިގެންނެވިތާ އެއް ދުވަސް ފަހުން އެމަގާމުން އައްޔަނުކުރައްވާފައެވެ.

ޓްރޭޑް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި ކެމީ ބެޑެނޮކް ވެސް އަލުން އެމަގާމަށް އައްޔަނުކުރައްވާފައިވާއިރު، ނޮދަރން އަޔަލެންޑް މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި ކްރިސް ހީޓޮން-ހެރިސްއަށް ވެސް ވަނީ އަލުން ހަމަ އެމަގާމު ދެއްވާފައެވެ. އަދި މިޝެލް ޑޮނެލަން އަށް ކަލްޗަރ ސެކްރެޓަރީގެ މަގާމުވެސް ވަނީ ދެއްވާފައެވެ.

ސުނާކް ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން އެމަގާމުގައި ހުންނެވި ތެރެސޭ ކޮފޭ އަށް ވަނީ އެންވަޔަރޮމެންޓް މިނިސްޓަރުކަމުގެ މަގާމު ދެއްވާފައެވެ. އަދި ހެލްތު މިނިސްޓަރުކަމުގެ މަގާމު ދެއްވާފައި ވަނީ ސްޓީވް ބަރކްލޭ އަށެވެ.

ކޮންޒަވޭޓިން ޕާޓީގެ ޗެއަރމަންކަމާއި މިނިސްޓަރ ވިތައުޓް ޕޯޓްފޯލިއޯގެ މަގާމު ދެއްވާފައި ވަނީ ނަދީމް ޒަހަވީ އަށެވެ.

ބޮރިސް ޖޯންސަންގެ ބޮޑުވަޒީރުކަމުގައި ފިނޭންސް މިނިސްޓަރުގެ މަގާމުން ސުނާކް އިސްތިއުފާދެއްވުމުން ޖުލައި މަހުން ސެޕްޓެމްބަރު މަހަށް އެމަގާމު ފުރުއްވާފައި ވަނީ ޒަހަވީއެވެ.

އެޑިއުކޭޝަން ސެކްރެޓަރީގެ މަގާމުގައި ހުންނެވި ކިޓް މަލްޓްހައުސްގެ ބަދަލުގައި އެމަގާމަށް ސުނާކް އައްޔަނުކުރައްވާފައި ވަނީ ގިލިއަން ކޭގަންއެވެ. އަދި ޓްރާންސްޕޯޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި އޭން-މޭރީ ޓްރެވެލިޔަންގެ މަގާމަށް މާކް ހާޕާ ވަނީ އައްޔަނުކުރައްވާފައެވެ.

މީގެ އިތުރުން ޗީފް ސެކްރެޓަރީ ޓު ދަ ޓްރެޝަރީގެ މަގާމުގައި ހުންނެވި އެޑްވާޑް އަރގަރގެ ބަދަލުގައި އެމަގާމަށް ޖޯން ގްލެން ވަނީ އައްޔަނުކުރައްވާފައެވެ.

ކޮންޒަވޭޓިވް ޕާޓިގެ ތެރެއިން ސަރުކާރު ޒިންމާދާރުކުރުވުމުގެ މަސްއޫލިއްޔަތާ ހަވާލުވެވަޑައިގަންނަވާ ޗީފް ވިޕްގެ މަގާމަށް ސުނާކް އައްޔަނުކުރައްވާފައި ވަނީ ސައިމަން ހާޓްއެވެ. ކުރިން އެމަގާމުގައި ހުންނެވީ ވެންޑީ މޯޓަން އެވެ.

އިނގިރޭސި ބޮޑުވަޒީރުކަމުގެ މަގާމަށް ސުނާކް އައްޔަނުކުރެވިގެންދިޔައީ، އެ މަގާމުގައި ހުންނެވި ލިޒް ޓްރަސް މަގާމުން އިސްތިއުފާ ދެއްވާފައި ވަނިކޮށް، ކޮންޒަވޭޓިވް ޕާޓީގެ ލީޑަރު ކަމުގެ މަގާމަށް ވާދަ ކުރެއްވި ރޭހުން، ކުރީގެ ބޮޑުވަޒީރު ބޮރިސް ޖޯންސަންއާއި، ވާދަވެރި ޕެނީ މޯޑަންޓްވެސް ވަކިވެވަޑައިގެންނެވުމުންނެވެ.

ލިޒް ޓްރަސް، ބޮޑުވަޒީރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވީ އެންމެ ދޮޅު މަހެއްހާ ދުވަހަށް ފަހުގައެވެ.

ސުނާކްއަކީ 1812 ވަނަ އަހަރުން ފެށިގެން މިހާތަނަށް އިނގިރޭސިވިލާތުގެ ބޮޑުވަޒީރުގެ މަގާމަށް ވަޑައިގަންނަވާ އެންމެ ހަގު ބޭފުޅާއެވެ. އޭނާއަކީ އެ ގައުމުގައި ބޮޑުވަޒީރުކަން ކުރައްވާ އޭޝިއާ ނަސްލުގެ ފުރަތަމަ ބޮޑުވަޒީރުވެސްމެއެވެ. އަދި ސުނާކް އަކީ ރަސްގެފާނު ޗާލްސް ގެ ވެރިކަމުގައި ސަރުކާރެއް އެކުލަވާލައްވާ ފުރަތަމަ ބޮޑުވަޒީރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
100%
ކޮމެންޓް