ކ. މާލެ
|
26 އޮކްޓޯބަރ 2022 | ބުދަ 15:42
ހެލްތް މިނިސްޓަރ އަހުމަދު ނަސީމް
ހެލްތް މިނިސްޓަރ އަހުމަދު ނަސީމް
ރާއްޖެއެމްވީ
މިނިސްޓަރ ނަސީމްގެ ލުއި ފަރާތް
މިނިސްޓަރ ނަސީމަށް އެންމެ ބޮޑު އުފާވެރިކަމެއް ލިބިލައްވަނީ މަލަކަށް ބަލާލެއްވުމުން
ނަސީމަކީ ގަސް އިންދުމަށް ލޯބިކުރައްވާ ބޭފުޅެއް
ލަވަ އަޑު އެހުމާއި ފިލްމު ބެލުން ފަދަ ކަންކަން ނަސީމް ކުރައްވާ
ނަސީމް ވަނީ ޒުވާނުންނަށް ވަރުގަދަ މެސެޖެއް ދެއްވާފައި

މިވަގުތު ހެލްތު މިނިސްޓަރގެ މަގާމުގައި ހުންނެވި އަހުމަދު ނަސީމަކީ މި ގައުމަށް ޚިދުމަތްކޮށްދެއްވުމުގައި އެމަނިކުފާނުގެ މުޅި އުމުރު ހޭދަކުރައްވަމުންގެންދަވާ ބޭބޭފުޅުންގެ ތެރެއިން ފާހަގަކޮށްލެވޭ ބޭފުޅެކެވެ. ޅަ އުމުން ފެށިގެން އެކި ދާއިރާތަކުން ޚިދުމަތްކޮށްދެއްވައި, ސަރުކާރުގެ އިސް މަގާމުތައް ފުރުއްވާފައިވާ މި ބޭފުޅާއަކީ ރައްޖެއަށް ފަތުރުވެރިކަން ތައާރަފުކޮށްދެއްވި ތިން ބޭފުޅުންގެ ތެރެއިން ބޭފުޅެކެވެ. އަދި މިހާރު ނަސީމަކީ ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތް އެރުވިފައިވާ ބޭފުޅެއްވެސް މެއެވެ. އަބަދުވެސް ދެކެވެނީ ނަސީމް މި ގައުމަށާއި, ގައުމުގެ ކުރިއެރުމަށް ކޮށްދެއްވާފައިވާ މުހިންމު ޚިދުމަތްތަކުގެ ވާހަކައެވެ. އެހެންނަމަވެސް މިފަހަރު މި ވާހަކަތަކާ ދުރަށް ޖެހިލައި, ތަންކޮޅެއް ލުއި ކޮށްލާނަމެވެ.

އަންގާރަ ދުވަހު ރާއްޖެޓީވީފެ ފަށާއިރު ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން މިނިސްޓަރ ނަސީމް ވަނީ އެމަނިކުފާނުގެ ހަޔާތުގެ އެތައް ވާހަކަތަކެއް ހިއްސާކޮށްދެއްވާފައެވެ. އަމިއްލަފުޅު ބައެއް ކަންކަންވެސް ހިމެނޭހެންނެވެ.

މި ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މިނިސްޓަރ ނަސީމް ވަނީ ގަސް އިންދުމަށް އެމަނިކުފާނު ލޯބިކުރައްވާ މިންވަރު ހާމަކުރައްވާފައެވެ. ނަސީމް ވަނީ މާލޭގައި ތަރައްގީކޮށްފައިވާ ލޮނިޒިޔާރަތް ބަގީޗާގެ މަސައްކަތުގައި އަމަލީގޮތުން ހަރަކާތްތެރިވެވަޑައިގެންފައެވެ. އާންމުގޮތެއްގައިވެސް ގަސް އިންދާ އުޅުއްވާކަމަށާއި, މިއީވެސް ވަރަށް ޝައުގުވެރިކަމާއެކު ކުރެއްވި މަސައްކަތެއް ކަމަށް ނަސީމް ވިދާޅުވިއެވެ. ގަސްތަކުން ވަރަށް ބޮޑު ހިތްފަސޭހަކަމެއް ލިބިލައްވާ ކަމަށާއި, އެންމެ ބޮޑު އުފަލެއް ލިބިލައްވަނީ މަލަކާ ދިމާލަށް ބަލާލެއްވުމުން ކަމަށް ނަސީމް ވިިދާޅުވިއެވެ.

ނަސީމްއަކީ ރާއްޖޭގެ މުޅި ސިއްހީ ދާއިރާގެ ކަންކަން ބަލަހައްޓަވަމުން ގެންދަވާ ބޭފުޅާއަށްވާއިރު ކޮންމެ ދުވަހަކުވެސް ފަތިހު 4:30 ގައި އޭނާގެ ދުވަސް ފަށާކަމަށް ނަސީމް ވިދާޅުވިއެވެ. އަދި 8 ނުޖަހަނީސް އޮފީހަށް ވަޑައިގަންނަވާ ކަމަށާއި, އަދި އެހެން މުވައްޒަފުން އޮފީހަށް ދިއުމުގެ ކުރިން ދުވަހުގެ ކަންކަން ރާއްވަވާ ހައްދަވާ ކަމަށް ނަސީމް ވިދާޅުވިއެވެ.

ގިނަ މަސްއޫލިއްޔަތުތަކަކާއެކު ބިޒީ ދިރިއުޅުމެއް އުޅުއްވިނަމަވެސް ލަވަ އަޑުއެހުމާއި ފިލްމު ބެލުން ފަދަ ކަންކަން ކުރައްވާކަމަށް ނަސީމް ވިދާޅުވިއެވެ. ޒަމާނީ ލަވަތަކަށްވުރެ ކުރީގެ ލަވަތައް މާ ކަމުދާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިހާރު ކުޅިވަރުތަކުގައި އެހާ ބޮޑަށް ބައިވެރިވެވަޑައިނުގެންނެވިޔަސް ކުރިން ވަރަށް ގިނަ ކުޅިވަރުތަކުގައި ބައިވެރިވެވަޑައިގެންފައިވާނެކަމަށް ނަސީމް ވިދާޅުވިއެވެ. މި ހުރިހާ ކުޅިވަރެއްގެ ތެރެއިންވެސް ވޮލީއަށް ވަރަށް ބޮޑު ޝައުގުވެރިކަމެއް ހުންނަ ކަން ނަސީމް ފާހަގަކުރެއްވިއެވެ.

މި ހުރިހާ ކަމެެއްގެ އިތުރުން ނަސީމް ވަނީ އޭނާ ގައުމަށް ކޮދެއްވާފައިވާ ޚިދުމަތްތައް މި ސަރުކާރުން ބަލައިގެންފައިވާތީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސާލިހަށް ޝުކުރު އަދާކުރައްވާފައެވެ. ބަޔަކު ކުރާ މަސައްކަތެއް ބަލައިގަތުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ނަސީމް ވިދާޅުވިއެވެ. މިއީ ޒުވާނުންނަށްވެސް ވަރަށް ބޮޑު ހިތްވަރެއް ލިބިގެންދާނެ ކަމެއް ކަމަށާއި, ނަސީމަށްވެސް ގިނަ މަސައްކަތްތައް ކުރެވިފައިވަނީ ޒުވާން ދައުރުގައި ކަމަށް ވިދާޅުވިއެވެ.

ނަސީމް ވަނީ ޒުވާނުން ނިކުމެ ގައުމު ކުރިއަރުވަން މަސައްކަތްކުރުމަށް ނަސޭހަތްތެރިވެފައެވެ. އަދި ޒުވާނުންނަށް ނަސީމް ވަނީ މެސެޖެއްވެސް ދެއްވާފައެވެ. "ހުރިހާ ޒުވާނުންވެސް ކަންތައްތައް ރަނގަޅުކުރުމަށް ފިކުރު ކުރާށޭ. އައު ގޮތްގޮތް ނެރޭށޭ. އޭރުންނޭ ކުރިއެރުން ލިބޭނީ" ނަސީމް ވިދާޅުވެފައި ވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް