ފުލުުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވި ގދ. ހޯނޑެއްދޫގެ ރައްޔިތެއް ކަމަށްވާ 43 އަހަރުގެ އަބްދުﷲ ރަޝީދު މަރުވި ސަބަބު ބެލުމަށް ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވަން ނިންމާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
އަބްދުﷲ ރަޝީދުގެ މަރުގެ މައްސަލައިގައި "ރާއްޖެއެމްވީ" އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާއިން ބުނީ އޭނާ މަރުވި މައްސަލަ ދެނެގަތުމަށް ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް ފޮނުވާނެ ދުވަހެއް ހާމައެއް ނުކުރެއެވެ.
މި މައްސަލައިގައި ފުލުހުން ބުނެފައިވަނީ އަބްދުﷲ ރަޝީދުގެ ހަށިގަނޑު އަންގާރަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި މާލެ ގެނެސްފައިވާ ކަމަށެވެ. ފުލުހުންގެ މީޑިއާއިން ބުނެފައިވަނީ އޭނާގެ ހަށިގަނޑު މިހާރު އޮތީ ގަލޮޅު ސަހަރާގެ މޯޗަރީގައި ކަމަށެވެ.
މި މައްސަލައާ ގުޅިގެން "ރާއްޖެއެމްވީ" އަށް މައުލޫމާތު ދެއްވަމުން ސައުތު ޕޮލިސް ރީޖަން ކޮމާންޑަރު، ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝަމީމް ވިދާޅުވީ މަރުވެފައިވަނީ ގދ. ހޯނޑެއްދޫގެ ރައްޔިތެއް ކަމަށްވާ 43 އަހަރުގެ އަބްދުﷲ ރަޝީދު ކަމަށެވެ. އޭނާ މަރުވީ ކޯޓު އަމުރެއްގެ ދަށުން ހޯނޑެއްދޫއިން އޭނާ ހައްޔަރުކޮށް ގެންދަނިކޮށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޝަމީމް ވިދާޅުވީ އަބްދުﷲ ރަޝީދު ހައްޔަރު ކޮށްފައިވަނީ އަންގާރަ ދުވަހުގެ މެންދުރު 2:13 އެއްހާއިރު ކަމަށެވެ. ހޯނޑެއްދޫއަކީ ޕޮލިސް ސްޓޭޝަނެއް ހުންނަ ރަށަކަށް ނުވާތީ އެ ރަށަށް ފުލުހުން ދިޔައީ ލޯންޗެއް ހިފައިގެން ކަމަށާއި އޭނާ ގެންދަން އުޅުނީ އެ އަތޮޅުގެ މަޑަވެލި ޕޮލިސް ސްޓޭޝަނަށް ކަމަށެވެ. އޭނާ ހައްޔަރުކޮށްގެން ދަތުރަށް ފައްޓަން އުޅެނިކޮށް މޭގައި ރިއްސާ ވާހަކަ އޭނާ ހިއްސާ ކުރި ކަމަށާއި ނަމަވެސް ފެން ދިނުމުން ރަނގަޅު ކަމަށް ބުނި ކަމަށް ވެސް ޝަމީމް ވިދާޅުވިއެވެ.
ހާލު ރަނގަޅު ކަމަށްބުނުމަށްފަހު ދަތުރުމަތީގައި މެޔަށް އަނެއްކާވެސް ތަދެއް އަރައި އަބްދުﷲ ރަޝީދު ޚަބަރުހުސްވި ކަމަށާއި އެހެންވެ މަޑަވެލީ ސިއްޙީ މަރުކަޒަށް އޭނާ ގެންދިޔަ ކަމަށް ވެސް ޝަމީމް ވިދާޅުވިއެވެ. ޝަމީމް ވިދާޅުވި ގޮތުގައި ހޮސްޕިޓަލުން އޭނާއަށް ފުރަތަމަ އެޓެންޑުވީ ނަރުހެކެވެ. އޭގެ އިރުކޮޅެއް ފަހުން ޑޮކްޓަރު އައިސް އޭނާ ބެލުމަށްފަހު ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް ވަނީ ބުނެފައެވެ.
އަބްދުﷲ ރަޝީދު މަރުވުމުން އޭނާގެ އާއިލާއަށް ވަގުތުން އެކަން އަންގައި އޭނާ ދައްކާފައިވާނެ ކަމަށާއި އާއިލާގެ ހުއްދައާއެކު ހޯނޑެއްދޫ ކައުންސިލް ރައީސަށް ވެސް އޭނާގެ ހަށިގަނޑު ދައްކާފައިވާނެ ކަމަށް ވެސް ޝަމީމް ވިދާޅުވިއެވެ. އަދި ފޮރެންސިކް ފޮޓޯތަކާއި ތަހުގީގުތަކުން މިހާތަނަށް ދައްކާ ގޮތުގައި ހަށިގަނޑު ބޭރުފުށުން އަނިއްޔާއެއް ލިބިފައިވާކަމަށް ފެންނަން ނެތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އަބްދުﷲ ރަޝީދުގެ އާއިލާއިން ވަނީ އޭނާގެ މަރުގެ މައްސަލަ ތަހުގީގު ކުރަން އެދިފައެވެ. އެހެންވެ، ޕޯސްޓްމޯޓަމް ހަދަން ވެސް ފުލުހުން ވަނީ ނިންމާފައެވެ.
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަންގާރަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ މައްސަލަ މިހާރު ޕްރޮފެޝަނަލް ސްޓެންޑަރޑްސްއިން ބަލަން ފަށާފައިވާ ކަމަށެވެ. އަދި އެހެނިހެން އިދާރާތަކުންވެސް އެ މައްސަލައަށް ޚާއްސަ ސަމާލުކަމެއް ދީގެން ބެލުމަށް ދަންނަވާފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މި މައްސަލައިގައި ފުލުހުން އިހުމާލުވެފައިވާކަމަށް ނުވަތަ އަނިޔާވެރި އަމަލެއް ހިންގާފައިވާކަމަށް ތަހުގީގަށް ސާބިތުވެއްޖެނަމަ އަޅަންޖެހޭ ފިޔަވަޅެއް އަޅާނެ ކަމަށްވެސް އިމްރާން ވިދާޅުވިއެވެ. އަދި ފިޔަވަޅު އެޅުމުގައި ފަސް ނުޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.