Advertisement
ކ. މާލެ
|
22 ޖޫން 2017 | ބުރާސްފަތި 21:20
އަހުމަދު މަހުލޫފް
އަހުމަދު މަހުލޫފް
ރާއްޖެއެމްވީ
ރައީސް މައުމޫނު
ރައީސް މައުމޫން އޭސީސީއަށް ހާޒިރުކުރަން އެންގުމަކީ ކާމިޔާބު ލިބުމުގެ ފެހި ސިގުނަލެއް: މަހުލޫފު
މައުމޫނު އޭސީސީއަށް 10 އަހަރުވީ މައްސަލައަކާއި ގުޅިގެން ހާޒިރުކުރަން ޖެހުމަކީ ރައީސް ޔާމީނުގެ ބާރު ނެތްކަން ދޭހަވާ ކަމެއް
ރައީސް މައުމޫނު މާލެ ވަޑައިގެންނެވީ ހައްޔަރު ކޮށްފާނެތީ ބިރުފުޅުނުގަންނަ ކަމަށް ވިދާޅުވަމުން
މައުމޫނު އޭސީސީއަށް ހާޒިރު ކުއްވަނީ ބިރުދެއްކެވުމަށް

ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމް އެންޓި ކަރަޕްޝަންސް ކަމިޝަން (އޭސީސީ) އަށް ހާޒިރުވުމަށް އެންގުމަކީ އިސްލާހަށް ކުރާ މަސައްކަތައް ކާމިޔާބު ލިބޭ ކަމުގެ ފެހި ސިގްނަލެއްކަމަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ 60 މިނެޓް ޕްރޮގްރާމުގައި ބައިވެރިވަޑައިގެން ބުރާސްފަތި ދުވަހުގެ ރޭ ވާހަކަ ދައްކަވަމުން މަހުލޫފު ވިދާޅުވީ ކުރީގެ ރައީސް މައުމޫނު އޭސީސީއަށް 10 އަހަރުވީ މައްސަލައަކާއި ގުޅިގެން ހާޒިރުކުރަން ޖެހުމަކީ ރައީސް ޔާމީނަށް އެމަނިކުފާނުގެ ބާރު ނެތްކަމާއި ބަލިކަށިވެއްޖެކަން ޔަގީންވާ ކަމެއް ކަމަށެވެ.

ރައީސް މައުމޫނު މާލެ ވަޑައިގެންނެވީ ހައްޔަރު ކޮށްފާނެތީ ބިރުފުޅުނުގަންނަ ކަމަށް ވިދާޅުވަމުން ކަމަށާއި އެގޮތަށް ޗެލެންޖު ކުރެއްވުމަށްފަހު ރައީސް މައުމޫން މާލެ ވަޑައިގަތުމުން ރައީސް ޔާމީނަށް "ހަޖަމް" ނުކުރެއްވުނީ ކަމަށްވެސް މަހުލޫފް ވިދާޅުވިއެވެ.

"ހަޖަމްގެ މައްސަލައެއް ގޮތުގައި އަޅުގަނޑަށް ހަގީގަތުގައިވެސް ގަބޫލު ކުރެވެނީ. އެހެންވީމަ ކުރިން އަޅުގަނޑު ފާހަގަ ކުރިގޮތަށް އެއްވެސް ތާކުން ތާކު ޖެހޭ ކަމެއް ނޫން. މިއީ އެއްވެސް ނަތީޖާއެއް ނިކުންނާނެ ކަމެއް ނޫން މީ.  މިއީ ބިރު ދައްކާލުމަށް ނޫނީ އަގުވައްޓާލުމަށް ކުރާ ކަމެއް . އެއަކުން ނިކުންނާނެ އެއްވެސް ނަތީޖާއެއް ނޯންނާނެ." މަހުލޫފު ވިދާޅުވިއެވެ.

މީގެ އިތުރުން މަހުލޫފު ވިދާޅުވީ ގާނޫނު އަސާސީގައި 8 އަހަރު ވެފައިވާ މައްސަލައެއްގައި ޖިނާއީ ދައުވާ ނުކުރެވޭނެކަމަށް ބުނެފައިވާ ކަމަށާއި އެހެން ކަމުން މައުމޫނު އޭސީސީއަށް ހާޒިރު ކުއްވަނީ ބިރުދެއްކެވުމަށް ކަމަށެވެ.

 

ކުރީގެ ރިޔާސީ ގަނޑުވަރު، ތީމުގޭ 2007 އަދި 2008 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގެ މައްސަލައިގައި ރައީސް ކަމުގައި ހުންނެވި ރައީސް މައުމޫނަށް އޭސީސީއިން ފޮނުވި ސިޓީގައި ބުނެފައި ވަނީ ބަޔާން ދެއްވުމަށް ފަސޭހަފުޅު ވަގުތެއް އަންގަވައި ދެއްވުމަށެވެ.

ރައީސް މައުމޫނު އޭސީސީން ސުވާލު ކުރާ ޚަބަރު ފެންމަތިވުމާއެކު އެ ކޮމިޝަނުން ބުނެފައިވަނީ އެމަނިކުފާނު އެ ކޮމިޝަނަށް ހާޒިރު ކުރަނީ ނޫން ކަމަށާއި ނަމަވެސް ފަސޭހަފުޅު އިރެއްގައި ކޮމިޝަނުން އެމަނިކުފާނު އަރިހަށް ސުވާލު ކުރުމަށް ދާން އެދިފައި ވާނެ ކަމަށެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ދެލިކޮޕީ
- ކޮމެންޓް