ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާތަކުގެ 92 މައްސަލައެއް މިދިޔަ ސެޕްޓެމްބަރު މަހު ހުށަހަޅާފައިވާ ކަމަށް ޖެންޑަރ މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން ނެރުނު ތަފާސްހިސާބުތައް ދައްކާ ގޮތުގައި ސެޕްޓެމްބަރު މަހު ޖުމްލަ 219 މައްސަލައެއް ވަނީ ރިޕޯޓް ކޮށްފައެވެ. އެ ހުރިހާ މައްސަލައަކަށް އެޓެންޑު ކޮށްފައިވާއިރު އޭގެ ތެރޭގައި ކުޑަކުދިންނަށް ކުރާ އަނިޔާއާ ގުޅޭ 92 މައްސަލަ ހިމެނެއެވެ. އެގޮތުން އެެންމެ ގިނައިން ރިޕޯޓުކޮށްފައިވާ މައްސަލަތަކުގެ ތެރޭގައި ކުޑަކުދިންނަށް އިހުމާލުވުމުގެ މައްސަލައާއި ޖިންސީ ހާނިއްކައިގެ މައްސަލަ އާއި ޖިސްމާނީ ހާނިއްކައިގެ މައްސަލަ ހިމެނެއެވެ. މި ކޮންމެ ދާއިރާއަކުން 19 މައްސަލަ ވަނީ ރިޕޯޓް ކޮށްފައެވެ.
ކުޑަކުދިންނަށް ކުރާ އަނިޔާގެ ތެރެއިން ސެޕްޓެމްބަރު މަހު ނަފްސާނީ ހާނިއްކައިގެ 18 މައްސަލަ އާއި ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުމުގެ 10 މައްސަލައާއި އެހެން ކުދިންގެ ފަރާތުން ގަނާ ލިބުމުގެ ތިން މައްސަލަ އާއި ބްލެކްމެއިލް ކުރުމުގެ ދެ މައްސަލަ އަދި ފުރައްސާރައިގެ ޝިކާރަކައަކަށްވުމުގެ ދެ މައްސަލަ ހުށަހަޅާފައިވާ ކަމަށް ވެސް ޖެންޑަރ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.
މީގެ އިތުރުން ކުޑަކުދިންގެ އަޚުލާގާ ގުޅުންހުރި 13 މައްސަލައަކާއި ކުޑަކުދިންގެ ޙައްގުތަކާ ގުޅޭ ފަސް މައްސަލައަކާއި ކުށުގެ ވެއްޓަށް ހުށަހެޅިދާނެ ފަދަ އަމަލުގެ ގޮތުގައި އެއް މައްސަލަ ވަނީ ހުށަހަޅައިފައެވެ.
އެ މިނިސްޓްރީއަށް ރިޕޯޓް ކޮށްފައިވާ އިތުރު މައްސަލަތަކުގެ ތެރޭގައި ވަކި ޖިންސަކަށް ނިސްބަތްވީތީ ކުރާ އަނިޔާ އާއި ގެވެށި އަނިޔާ އާއި އާއިލީ މައްސަލަތަކާއި އަމިއްލަ ނަފުސަށް ގެއްލުން ދިނުމާއި ނުކުލެދުންތެރިކަން ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުން ބެލެހެއްޓުމުގައި އިހުމާލުވުން ފަދަ މައްސަލަތައް ވެސް ހިމެނެއެވެ. އެގޮތުން، ވަކި ޖިންސަކަށް ނިސްބަތްވީތީ އަނިޔާކުރުމުގެ 36 މައްސަލައަކާއި އާއިލީ މައްސަލަތަކާ ގުޅުންހުރި 30 މައްސަލައަކާއި އަމިއްލަ ނަފުސަށް ގެއްލުން ދިނުމުގެ 19 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
ޖެންޑަރ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ސެޕްޓެމްބަރު މަހު ހަތަރު ކުއްޖެއް ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިޔައެވެ. އަދި ތިން ކުއްޖަކު އާއިލާތަކާ ހަވާލުކޮށްފައިވާއިރު ފޮސްޓަރ އާއިލާތަކާ ދެ ކުއްޖަކު ވަނީ ހަވާލުކޮށްފައެވެ. ސެޕްޓެމްބަރު މަސް ނިމުނުއިރު ދައުލަތުގެ ބެލުމުގެ ދަށުގައި 186 ކުދިން އެބަތިއްބެވެ. އެއީ 79 އަންހެން ކުދިންނާއި 107 ފިރިހެން ކުދިންނެވެ.